މަސްވެރި ޢާއިލާތަކުގެ ލުއިފަސޭހައަށްޓަކައި، ސަރުކާރުން ތައާރަފު ކުރެއްވި "މަސްދޯނި އެކައުންޓް" ގެ ބޭނުން ހިފައި، މަސްވެރިން ކިރުވާ މަހަށް ވަގުތުން ފައިސާ ދޭން ފެށުމަށް މަސްވެރި ކުންފުނިތަކަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް އިލްތިމާސް ކުރައްވައިފިއެވެ.
އެމަނިކުފާނު މިކަމަށް އިލްތިމާސް ކުރެއްވީ، ބޭންކް އޮފް މޯލްޑިވްސް އާއި މިނިސްޓްރީ އޮފް ފިޝަރީޒް ގުޅިގެން ތަޢާރަފްކުރި "މަސްދޯނި އެކައުންޓް" އިފްތިތާހު ކުރެއްވުމަށް މިރޭ ހުވަދުއަތޮޅު އުތުރުބުރީ ކޫއްޑޫގައި ބޭއްވެވި ރަސްމިއްޔާތުގައެވެ.
ދިވެހީންނަކީ އެންމެ އިހުއްސުރެ، މަސްވެރިކަން ކޮށްގެން ދިރިއުޅުން ކޮޅަށް ޖަހަމުން އައި، މަސްވެރިން އުޅޭ މަސްވެރި ޤައުމެއްކަން ފާހަގަ ކުރައްވާ ރައީސް ޞޯލިޙް ވިދާޅުވީ، ދިވެހީންނަށް ވާރުތަވަމުން އައިސްފައިވާ މަސްވެރިކަން ތަރައްޤީކޮށް ކުރިއެރުވުމަކީ މި ސަރުކާރުން ވަރަށް ބޮޑަށް އިސްކަންދޭ ކަމެއް ކަމަށެވެ.
މިރޮނގުން ވާހަކަފުޅު ދައްކަވަމުން، ޒަމާނީ ޓެކްނޮލޮޖީއާއި، އިޤްތިޞާދާއި ދުނިޔޭގެ ތިމާވެއްޓަށް އަންނަ ބަދަލުތަކާއެކު، މަސްވެރިކަން، އައު ޖީލަކަށް ގެންގޮސްދިނުމަކީ ސަރުކާރުގެ މުހިންމު އަމާޒެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ރާއްޖެ ތަރައްޤީކުރުމުގެ މަސައްކަތުގެ ތެރެއިން، ޤައުމުގެ އިޤްތިޞާދުގައި މަސްވެރިކަމުގެ ޙިއްސާ ބޮޑުކޮށް، މަސްވެރިކަމަކީ ފަޚުރުވެރި މަސައްކަތަކަށް ހެދުމަށް ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަ ކުރެއްވިއެވެ. އަދި، މަސްވެރިކަމުގެ ޞިނާޢަތް ކުރިއަރުވައި ތަރައްޤީ ކުރުމުގެ މަސްއޫލިއްޔަތު، ސަރުކާރާއި، މަސްވެރީންނާއި، މަސްވެރީންނަށް ޚިދުމަތްދޭ ކުންފުނިތައް އެކުގައި އުފުލަންޖެހޭ ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
މަސްވެރިންގެ ލާބަޔާ މަންފާއަށްޓަކައި ސަރުކާރުން އިފްތިތާޙް ކުރި "މަސްދޯނި އެކައުންޓް" ވެގެންދާނީ މަސްވެރިންގެ ދިރިއުޅުމަށް ބޮޑެތި ލުއި ފަސޭހަތަކެއް ގެނެސްދީ، މަސްވެރިންގެ ތަރައްޤީއަށް އެޅޭ މުހިންމު ފިޔަވަޅަކަށެވެ.