"ޑޭޓް" ކުރުމުގެ ސަގާފަތަކީ މިހާރު އަހަރެމެން ދިވެހިންގެ ތެރޭގައިވެސް ހަރުލާފައިވާ ކަމެކެވެ. އާއްމުކޮށް ގަޔާވާ ފިރިހެންކުއްޖަކު އަންހެންކުއްޖެއްގާތު ޑޭޓް އަކަށް ދާން އެދެފިނަމަ، ޑޭޓަށް ދާ ފުރަތަމަ ރެއަކީ އެ އަންހެންކުއްޖާއަށް ވަރަށް ހާއްސަ ރެއެކެވެ. ގިނަ އަންހެންކުދިން ފިރިހެންކުއްޖާ ރުއްސަން އެ ރެއަށް ނަލަހެދި، އަތުގައިއޮތް އެންމެ ރީތި ހެދުމެއް ލާއިރު، ހަމަ ހުރިހާ އަންހެންކުދިންވެސް ޑޭޓްއަށް ދާ ބޭނުމަކީ މިއީބާއެވެ.؟!
މިއީ މިހާރު ދިވެހިންގެ ތެރޭގައިވެސް ދެކެވެމުން އަންނަ ވާހަކައެވެ. އެއީ ބައެއް އަންހެންކުދިން ޑޭޓްތަކަށް ދާ އަސްލު ސަބަބަކީ ކޮންމެހެން ފިރިހެންކުއްޖާއާ ގަޔާވާތީކީ ނޫންކަމެވެ. ހިލޭ ކެއުމުގެ ބޭނުމުގައެވެ.
އާއްމުކޮށް ލޯބިވެރިޔާ ގޮވައިގެން ޑޭޓްއަކަށް ދާނަމަ ގިނަ ފަހަރު ހިޔާރުކުރެވޭނީ ކޮންމެވެސް ހިތްގައިމު ނުވަތަ މަޝްހޫރު ރެސްޓޯރެންޓެކެވެ. އަދި މި ގޮތަށް ރެސްޓޯރެންޓްތަކަށް ދާއިރު ފިރިހެންކުއްޖާ ކެއުމަށް ރުފިޔާ ދެއްކުމުގެ އުސޫލަކީ ދިވެހިންގެ ތެރޭގައިވެސް ހަރުލާފާވާ އާދައެކެވެ. އެހެންކަމުން ހިލޭ ކާން ދިއުމުގެ މަގުސަދުގައި ޑޭޓްތަކަށް ދާ އަންހެންކުދިންވެސް މަދެއްނޫނެވެ.
ހަމައެކަނި ހިލޭ މީރު ކެއުމެއް ކެއުމުގެ ބޭނުމުގައި ބައެއް އަންހެންކުދިން ޑޭޓްތަކަށް ގޮސްއުޅޭއިރު، ނުދަންނަ ފިރިހެންކުއްޖަކު ޑޭޓްއަކަށް ދާން އަހައިފިނަމަ މާ ބޮޑު ވިސްނުމަކާއި ނުލާ އާއެކޭ ބުނެވޭ ސަބަބަކީ މިއީކަމުގައިވެސް ވެދާނެއެވެ. އަދި ފުރަތަމަ ޑޭޓަށް ދާއިރު އަންހެންކުދިން އަބަދުވެސް އަގުބޮޑު ރެސްޓޯރެންޓަކަށް ދާން ބޭނުންވާ ސަބަބަކީ މިއީ ކަމުގައިވެސް ވެދާނެއެވެ.
ބައެއް އަންހެންކުދިން ލޯބިވެރިޔާއާއި ދިމާވާ ފުރަތަމަ ދުވަހު، ފުރަތަމަ ނަޒަރުން ލޯބިވެރިޔާގެ ހިތް ލަނބާލުމަށް ނަލަހެދިގެން ޑޭޓްތަކަށް ދާއިރު، ބައެއް އަންހެންކުދިން ފިރިހެންކުއްޖާއަށް އޮޅުވާލައިގެން ކޮންމެވެސް މޮޅު ރެސްޓޯރެންޓްއަކަށް ކާން ދަނީ ބަނޑުފުރާ ކެއުމުގެ މަގުސަދުގައެވެ.
މިފަދަ އަންހެންކުދިން ރާއްޖޭގައިވެސް ނޫޅެއެކޭ ނުބުނެވޭނެއެވެ. އަދި އެމީހުންގެ ބޭނުން ނުވިސްނޭ ފިރިހެންނުންގެ ޖީބުން ބޭކާރު ރުފިޔާ ހަރަދުވެެގުންދާއިރު، އެ ބޭކާރުވެގެންދަނީ އަގުހުރި ވަގުތުތަކެއްވެސްމެއެވެ.




