އަންހެން ކުދިންގެ މާރާމާރީގެ މައްސަލަ ފުލުހުން ބަލަން ފަށައިފި

ރޭ އިރާކޮޅުގެ ވަގުތެއްގައި މާލޭ ރަސްފަންނުގައި އަންހެން ކުދިންތަކެއްގެ މެދުގައި ހިނގި މާރާމާރީގެ މައްސަލަ މޯލްޑިވްސް ޕޮލިސް ސަރވިސް އިން ބަލަންފަށައިފިއެވެ.

ފުލުހުން ވިދާޅުވީ، ކުޑަ އަންހެން ކުދިންތަކެއްގެ މެދުގައި ހިނގި މާރާމާރީއެއްގެ މައްސަލަ ރޭ ދަންވަރުގެ ވަގުތެއްގައި ފުލުހުންނަށް ހުށަހެޅިފައިވާ ކަމަށެވެ.

"ކުޑަ އަންހެން ކުދިންތަކެއްގެ މެދުގައި ހިނގި މާރާމާރީއެއްގެ މައްސަލަ ރޭ ދަންވަރުގެ ވަގުތެއްގައި ފުލުހުންނަށް ހުށަހެޅި ދަނީ ބަލަމުން." ފުލުހުން ވިދާޅުވިއެވެ.

ރަސްފަންނު ސަރަހައްދުގައި ހިނގި މި މާރާމާރީއާއި ގުޅިގެން މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައި ނުވާކަމަށް ފުލުހުން ވިދާޅުވިއެވެ.

އަންހެން ކުދިންތަކެއްގެ މެދުގައި ހިނގި މި މާރާމާރީގެ ވީޑިއޯ ޓްވިޓަރ ގައި ދައުރުވަމުންދާއިރު، މި ވީޑިއޯއިން ފެންނަނީ ދެ އަންހެން ކުދިން ވެގެން އިތުރު އަންހެން ކުއްޖެއްގެ ގައިގައި ތަޅައިގަންނަ މަންޒަރެވެ.

ދެ އަންހެން ކުދިންވެގެން އެ އަންހެން ކުއްޖާ ގައިގައި ތަޅައިގަނެ ބިންމައްޗަށް ވައްޓާލައި، ބޮލުގައި ތަޅެމުގެ އިތުރުން ކޮޅު ފައިންވެސް އެ އަންހެން ކުއްޖާއަށް ހަމަލާދޭ މަންޒަރު އެ ވީޑިއޯއިން ފެނެއެވެ.

ދެ އަންހެން ކުދިން ވެެގެން އިތުރު އަންހެން ކުއްޖަކަށް އަނިޔާކުރަނިކޮށް އެތަނަށް އަންނަ ޒުވާން ފިރިހެނުންތަކެއް ވަނީ އެމީހުން ދުރުކުރަން މަސައްކަތް ކޮށްފައެވެ. ދުރުކުރަން މަސައްކަތް ކުރަމުން “ހަމަޖައްސާލާށޭ” ބުނާ އަޑު ވީޑިއޯއިން އިވެއެވެ.

ރޭ ހިނގި މި މާރާމާރީއަކީ ކޮން ކަމަކާ ގުޅިގެން ހިނގި މާރާމާރީއެއްކަން ވަނީ ސާފުވާގޮތް ނުވެފައެވެ. މިދިޔަ އަހަރު ފަހުކޮޅު ވެސް އަންހެން ކުދިންގެ ގްރޫޕަކުން މާރާމާރީއެއް ހިންގި މައްސަލައެއް ފެންމަތިވެ އެ މައްސަލައިގައި އެކުދިން ހައްޔަރުވެސް ކޮށްފައިވެއެވެ.

މިލިޔުން ކިޔާލުމުން
1
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ