އިންތިޚާބެއްގައި ވޯޓު ގުނުމުގެ ތެރެއިން - ފޮޓޯ: ފެށުން

ރިޔާސީ އިންތިޚާބުގައި ޖަލުތަކުގައި ވޯޓުލީ ފަރާތްތައް އަލުން ރީރަޖިސްޓްރީވާންޖެހޭ - އީސީ

ރިޔާސީ އިންތިހާބު 2018ގައި ޖަލުތަކުގައި ވޯޓުލީ ފަރާތްތަކުން، ރައްޔިތުންގެ މަޖިލިސް އިންތިހާބު 2019ގައި ވޯޓުލުމަށް އަލުން ރީރަޖިސްޓްރީ ވާޏްޖެހޭކަމަށް އިލެކްޝަން ކޮމިޝަނުން ވިދާޅުވެއްޖެއެވެ.

މިއަދު އީސީއިން ނެރުނު އިއުލާނެއްގައި ވިދާޅުވީ، ރިޔާސީ އިންތިޚާބު 2018 ގައި ޖަލުތަކަށް ރީ-ރަޖިސްޓަރީ ވެފައިވާ ހުރިހާ ފަރާތްތައް މިހާރު ވާނީ އެމީހަކު ރަށްވެހިވެފައިވާ ރަށަށް ބަދަލުކުރެވިފައި ކަމަށާއި، އެހެންކަމުން، 2019 ގައި ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ޖަލުތަކަށް ވޯޓުލާން ރީ-ރަޖިސްޓަރީ ވާން ބޭނުންވާ ފަރާތްތައް ވޯޓުލުމަށް ރަޖިސްޓަރީ ވާންޖެހޭނެ ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބަށް ރަޖިސްޓަރީވުމުގެ ފުރުޞަތު 2019 ފެބުރުވަރީ 18 ވާ ހޯމަ ދުވަހުން ފެށިގެން 2019 މާރޗް 02 ވާ ހޮނިހިރު ދުވަހުގެ ނިޔަލަށް ވަނީ ހުޅުވާލެވިފައެވެ.

ރަޖިސްޓަރީ ވުމަށް އެދި ހުށަހަޅާނީ " ވޯޓުލާން ރަޖިސްޓްރީވެފައިވާ ތަންނޫން އެހެން ތަނެއްގައި ވޯޓުލުމަށްޓަކައި ރަޖިސްޓަރީވުމަށް އެދޭ ފޯމު" އިން ކަމަށް އީސީއިން ވިދާޅުވިއެވެ.

އީސީއިން ވިދާޅުވީ، ރީރަޖިސްޓްރީވާއިރު، ފޯމު ހުށައަޅަން އަންނަ މީހާ، އެމީހާގެ ވޯޓުލުމަށް ބޭނުންކުރެވޭ ކާކުކަން އަންގައިދޭ އަދި މުއްދަތު ހަމަނުވާ، ފޮޓޯޖެހި ރަސްމީ ލިޔުމެއްގެ އަސްލު ހުށަހަޅަންވާނެކަމަށާއި، އަދި ރަޖިސްޓަރީވުމަށް އެދޭ މީހާގެ ވޯޓުލުމަށް ބޭނުންކުރެވޭ ކާކުކަން އަންގައިދޭ، މުއްދަތު ހަމަނުވާ، ރަސްމީ ލިޔުމެއްގެ ކޮޕީއެއް އެފޯމާއެކު ހުށަހަޅަންވާނެކަމަށެވެ.

އީމެއިލް ނުވަތަ ފެކުހުން ސީދާ އިލެކްޝަންސް ކޮމިޝަނަށް ފޮނުވާ ފޯމު ބަލައެއްނުގަނެވޭނެކަމަށާއި އަމިއްލަ ފަރުދަކަށް އެއްފަހަރާ ހުށައެޅޭނީ 10 ފޯމުކަމަށް އީސީއިން ވިދާޅުވިއެވެ.

މީގެ އިތުރުން އިސީއިން ވިދާޅުވީ، ސިޔާސީ ޕާޓީއަކުން ނުވަތަ އެފަދަ އެހެން މުއަސަސާއަކުން ޒިންމާވާގޮތަށް، އެތަނެއްގެ ރަސްމީ ސިޓީއަކާއެކު ފަހަރަކު ހުށައެޅޭނީ އެތަނެއްގެ ތައްގަނޑު ފޯމުގައި ޖަހާފައިވާ 100 ފޯމުކަމަށެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ