ހަޤީޤީ ވާހަކަ: އެކަނިވެރި ހިތެއްގެ ކެކުޅުން


މިދުނިޔެއިން އަހަރެން އެންމެ ލޯބިވީ އަހަރެންގެ ބައްޕަ ދެކެއެވެ. ބައްޕަ ފެނުމުން އަހަރެން އުފަލުން ފޮޅެއެވެ. ބައްޕަ އުގުގައި އޮވެ ނޫނީ ނިދަން ބޭނުމެއް ނުވެއެވެ. ބައްޕަގެ ޖިންސްގައި ހުންނަ ނޫކުލަ އަހަރެން އެންމެ ގަޔަވާ ކުލައަށް ވެގެން ދިޔައީ އަހަރެންގެ އުމުރުން އެންމެ 3 އަހަރުގައެވެ. އަހަރެންގެ މަންމައާއި ބައްޕަ އަދި އަހަރެން އުޅެމުން ދިޔައީ އުފާވެރި ދުނިޔެއެއްގައެވެ.

ހުރިހާކަމެއް ބަދަލުވާންފެށީ އަހަރެންގެ ލޯބިވާ ބައްޕައަށް މާލެއިން ވަޒީފާ ލިބި އަހަރެމެން ދެމައިން ދޫކޮށް މާލެ ބަދަލުވި ހިސާބުންނެވެ. ބައްޕަ މަންމައަށް އޮޅުވާލައި ބޭވަފާތެރި ވީއިރު މާލެ ބަދަލުވީތާ މަސްދުވަސް ނުވެއެވެ. އެހެން އަންހެނަކު ބައްޕަގެ ހަޔާތަށް ގެނެސް އަހަރެންގެ މަންމަގެ އުފާވެރި ހުވަފެންތަށް ބައްޕަ ފުޑުފުޑު ކޮއްލިއެވެ. ހަގީގަތުގައި ބައްޕަ އޮޅުވާލީ މަންމަ އަކަށް ނޫނެވެ. ބައްޕަ ހަލާކުކޮށްލީ އަހަރެންގެ ދިިރިއުޅުމެވެ. ބައްޕަ އޮޅުވާލީ އަހަރެން ބައްޕަ ދެކެ ވީ ލޯތްބަށެވެ.

އަހަރެން ބައްޕަދެކެ ވީލޯބީގެ ބަދަލެއްގެ ގޮތުން ބައްޕަ އަހަރެންގެ ލޯމަތިން ގެއްލުނެވެ. އަހަންނަށް ފޯނުކުރުން މަދު ކުރިއެވެ. އަހަރެންގެ މަންމަގެ ފެންކަޅިވެފައިވާ ދެލޯ ފެނުމުން އަހަރެންގެ ޅަ ސިކުޑިއަށް ކޮށްފާނެ ކުޑަވެސް އަސަރަކަށް ބައްޕަ ވިސްނާނުލިއެެވެ. ކުދިން އުރައިގެން އެކުދިންގެ ބައްޕައިން ހިނގާލަންގޮސް ލޯބިކޮށްލާ އުޅޭތަން ފެނުމުން އަހަރެންގެ ބައްޕަ މަތިން އަހަރެން ހާދަ ހަދާންވެއެވެެ. އަހަރެންނަށް ފެނިލަން ބައްޕަ އަންނާނީ ކޮންއިރަކުން ބާއޭ އަބަދުވެސް ހިތަށް އަރައެވެ. ބައްޕަގެ އަޑު އަހާލާހިތުން މަންމަގެ ފޯނު ރިންގު ވުމާއިއެކު އަހަރެންގެ ކުޑަކުޑަ ނުވިސްނޭ ހިތަށް ވެގެންދާ ގޮތް އަހަރެން ބުނެދޭނީ ކިހިނެއް ހެއްޔެވެ. އަހަރެންނަކީ ހޭ ބުއްދި ނުޖެހޭ ކުއްޖެކެވެ. ބައްޕަ އަހަރެންނަށް ގުޅާ ނުލާ ހަފްތާ ވެދާއިރު އަހަރެންގެ ސިކުޑިއަށް ކޮއްލާނެ ވަރު ބައްޕަ ވިސްނާނުލަނީ ކީއްވެ ހެއްޔެވެ.

ބައްޕަގެ އިންތިޒާރުގައި ކެތްތެރިކަމެއް ނެތި ވަގުތުތައް ގުނަގުނައި ހުއްޓައި އަހަރެންނަށް 6 އަހަރު ފުރިއްޖެއެެވެ. ބައްޕަ އަހަރެން ބިކަ ކޮށްލާފައި ދިޔަފަހުން 3 އަހަރު ވީއެވެ. ފާއިތުވި 3 އަހަރު ތެރޭ އަހަރެންގެ ބައްޕަ އަހަންނަށް ފެނުނީ އެންމެ ފަހަރަކުއެވެ. އެންމެ ދުވަހަކަށް ފެނިލުމަށްފަހު އަހަރެންގެ ހިތް ކުދި ކުދި ކޮއްލާފައި އަނެއްކާވެސް އަހަރެންގެ ބައްޕަ އޭނަގެ އުފާވެރި ދިރިއުޅުމަށް ހިގައްޖެއެވެ. އަހަންނަށް ޓަކައި ބައްޕަ ހިތުގައި ލޯބީގެ ކަންފުޅެއްވެސް ނެތީ ކީއްވެ ހެއްޔެވެ. އަހަރެންނަކީ ބައްޕަގެ ދަރިއަކަށް ނުވަަނީ ހެއްޔެވެ. ދަރިންދެކެ ބަފައިން ވާލޯބި އަހަރެންގެ ލޮލަށް ފެނި ހާދަ އެއްޗެއް ހިތަށް އަރައެވެ.

އަހަރެން ނޫނަސް މިހާރު ބައްޕަގެ އެހެން ކުއްޖަކު އެބައޮތެވެ. އަހަރެން ދެކެ ބައްޕަ ލޯބި ނުވިޔަސް އެދަރިފުޅު ދެކެ އަހަރެންގެ ބައްޕަ ލޯބިވެއެވެ. ބައްޕަގެ ލޯތްބަށް ފެންބޮވައިގެންފައި ވާހާލު އަހަރެން މިއަދު މިވަނީ އަހަރެންގެ ލޯބިވާ ބައްޕަގެ ސަބަބުން ނަފްސާނީ ބަލިމަޑުކަމެއްގައި ހައްޔަރުވެ ޑޮކްޓަރުންގެ އެހީތެރިކަން ބޭނުން ޖެހިފައެވެ. އަހަރެން އުފާ ކޮށްދޭން މަންމަ ނުކުރަނީ ކޮންކަމެއް ހެއްޔެވެ. އަހަރެންގެ އެންމެ ހިނިތުން ވުމަކަށްޓަކައި މަންމަ އެހުރީ ފުރާނަ ދޭން ވެސް ތައްޔާރަށެވެެ. ވީ އިރު ބައްޕައަށް އަހަރެންދެކެ ކުޑަކޮށްވެސް ލޯބި ނުވެވުނީ ކީއްވެހެއްޔެވެ؟

އަހަރެންގެ ބައްޕަ ދެކެ އަހަރެންވީ ލޯބީގެ ބަދަލު އުމުރުން މިހާ ޅައުމުރުގައި އަހަރެން ތަހަންމަލު ކުރަންޖެހިފައި މިވަނީ ކޮންފަދަ ހިތްދަތި ގޮތަކަށް ހެއްޔެވެ. އަހަރެން އުފަންވުމުގައި ވެސް ހިތުގެ މައްސަލައެއް ހުންނަކަން ބައްޕައަށް އެގޭނެއެވެ. ބައްޕަގެ ވަކިވުމަށް އަހަރެންނަށް ކެތްތެރި ނުވެވޭނެކަން ބައްޕަ އަހަންނާމެދު ވިސްނާލި ނަމަ އެގުނީހެެވެ.

އެހެންނަމަވެސް ކުރާނެ ކަމެއްނެތެވެ. އުފަލާ މަޖަލުގައި ބައްޕައަށް މިއަދު އެބައުޅެވެއެވެެ. އަހަރެންގެ ލޮލުން ވެއްޓޭ ކޮންމެ ކަރުނަ ތިއްކެއްގެ ބަދަލު ދޭން ޖެހޭނެ ދުވަހެއް އަދި އަންނާނެ ކަމުގެ ހިޔާލެއް މިއަދު ބައްޕަގެ ނެތަސް އަހަރެން ބައްޕަ ދެކެވާ ލޯބި ކޮންމެވެސް ދުވަހަކުން އަހަަރެންގެ ބައްޕައަށް ވިސްނޭނެކަމަށް އުންމިދު ކުރަމެވެ.

މަސްދަރު: ޅެންބައިތު
ލިޔުނީ: އުންމު ކައިފް

މިލިޔުން ކިޔާލުމުން
2
ގުޅުންހުރި ލިޔުންތައް

ހިޔާލު

  1. Thedhu

    Varah iburaitheri vaahaka eh

ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ