2022 ވަނަ އަހަރު ގަތަރުގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ވޯލްޑްކަޕަށް ކޮލިފައިވުމުގެ ގޮތުން ކުޅުނު ފުރަތަމަ 5 މެޗުންވެސް އިޓަލީ އަދި ސްޕެއިން މޮޅުވެއްޖެއެވެ.
ކޮލިފައިންގައި ރޭ އަރުމޭނިއާއާއި ދެކޮޅަށް އިޓަލީ ނުކުތްއިރު އެމެޗު އިޓަލީ ކާމިޔާބުކޮށްފައިވަނީ 3-1 ގެ ނަތީޖާއަކުންނެވެ.
މެޗުގެ ފުރަތަމަ ލަނޑުޖަހައި ލީޑު ނަގާފައިވަނީ އަރްމޭނިއާއިންނެވެ. އަރްމޭނިއާގެ އެލެކްޒާންޑާ ކަރަޕެޓްޔަން މިލަނޑާއެކުވެސް، ހުރިހާ ގޮތަކުންވެސް މެޗު ކޮންޓްރޯލް ކުރަމުންއައި އިޓަލީ ކައިރީ އަރްމޭނިއާއަށް ހިފަހައްޓާލެވޭގޮތްވެފައި ނުވާއިރު، ފުރަތަމަ ހާފު ނިމުމުގެ ކުރިން އެންދްރޭ ބެލޮއްޓީ ލަނޑެއްޖަހައި އިޓަލީންވަނީ ނަތީޖާ ހަމަހަމަކޮށްދީފައެވެ. ފުރަތަމަ ނިމިގެންދިޔައީ އަރްމޭނިއާގެ ލަނޑުޖެހި އެލެކްޒާންޑާ ކަރަޕެޓްޔަން ރަތެއް ދައްކައި އެޓީމު މާޔޫސްކޮށްލުމަށްފަހުއެވެ.
އިޓަލީގެ އަނެއް ދެލަނޑު މެޗުގެ ދެވަނަ ހާފުގައި ފެނިގެންދިޔައިރު، މިލަނޑުތައް ކާމިޔާބުކޮށްދީފައިވަނީ ޕެލެގްރީނީގެ އިތުރުން ފުރަތަމަ ލަނޑުޖެހި ބެލޮއްޓީއެވެ.
މިހާތަނަށް ކުޅުނު ހުރިހާ މެޗަކުންވެސް މޮޅުވެ ޖުމްލަ 15 ޕޮއިންޓާއެކު އިޓަލީއަށް މިގްރޫޕުން އެއްވަނަ ލިބޭއިރު ދެވަނައިގައި އޮތް ފިންލޭންޑަށް ފަސް މެޗުން ލިބިފައިވަނީ ދިހަ ޕޮއިންޓެވެ.

ކޮލިފައިންގައި ރޭ ރޮމޭނިއާއާއި ބައްދަލުކޮށް ސްޕެއިން މޮޅުވެފައިވަނީ ހަނި ގޮތަކަށެވެ. ރޮމޭނިއާގައި ކުޅުނު މިމެޗުން ސްޕެއިން 2-1 ގެ ނަތީޖާއަކުން މޮޅުވިއިރު، މެޗުގެ ފުރަތަމަ ލަނޑު ފެނިގެންގޮސްފައިވަނީ ލިބުނު ޕެނަލްޓީއަކުންނެވެ. މިޕެނަލްޓީ ކާމިޔާބުކޮށްދިނީރާމޯސްއެވެ. ސްޕެއިން ޤައުމީ ޖޯޒީގައި އެންމެ ފަހުން ކުޅުނު 12 މެޗުން 8 ލަނޑު ކާމިޔާބުކޮށްދީފައިވާ ރާމޯސްވަނީ ސްޕެއިންއަށް 21 ލަނޑު ކާމިޔާބުކޯށްދީފައެވެ.
އަދި ދެވަނަ ލަނޑު ދެވަނަ ހާފު ފެއްޓުނުތަނާހެން ފެނިގެންދިޔައިރު މިލަނޑު ޖަހައިދިނީ އަލްކަސާއެވެ. އޭގެ 12 ވަރަކަށް މިނަޓްފަހުން ރޮމޭނިއާގެ ފްލޮރިން އެންޑޯން ލަނޑެއްޖަހައި ޓީމުގެ ހިތްވަރު އާކޮށްދިނެވެ. ލަނޑުޖަހާނެ ގިނަ ފުރުޞަތުތަކެއް ސްޕެއިންއަށް ލިބިގެން ދިޔަނަމަވެސް އިތުރު ލަނޑެއް ފެނިފައިނުވާއިރު، މެޗުގެ 79 ވަނަ މިނަޓްގައި ސްޕެއިންގެ ޑިއޭގޯ ލޮރެންޓޭއަށްވަނީ ރަތްކާޑެއް ދައްކާފައެވެ.
މިގްރޫޕްގެ އެއްވަނައިގައި ސްޕެއިން އޮތީ މިހާތަނަށް ކުޅުނު ފަސް މެޗުންވެސް މޮޅުވެ ލިބުނު 15 ޕޮއިންޓާއެކުގައެވެ. އަދި 10 ޕޮއިންޓާއެކު ދެވަނަ ލިބެނީ ސްވިޑަންއަށެވެ.




