ކޮވިޑް ވެކްސިން ޖަހައިފައިވާކަމުގެ "ގްރީން ޕާސް" ސެޓްފިކެޓް އެއް އޮތުމަށް، އިޓަލީގެ ހުރިހާ މަސައްކަތްތެރިންނަށް މަޖުބޫރުކުރަން އެ ގައުމުން ނިންމައިފިއެވެ.
"ގްރީން ޕާސް" އަކީ ކޮވިޑް ވެކްސިން ފުރިހަމަކުރުމުން، އަދި ބައްޔަށް ނެގެޓިވްކަން އަންގައިދޭ ނުވަތަ ބަލިން ރަނގަޅުވެފައިވާ ކަމުގެ ހެއްކެއް ގޮތުން ހިދުމަތްތައް ހޯދުމުގައި އޮންނަންޖެހޭ ފާހެކެވެ.
އިޓަލީގައި މަސައްކަތް ކުރާ މުވައްޒަފުންގެ އަތުގައި "ގްރީން ޕާސް" އެއް އޮންނަން މަޖުބޫރުކޮށްފައިވާއިރު، އިޓަލީއަކީ ޔޫރަޕްގެ ގައުމުތަކުގެ ތެރެއިން މި ފާސް އޮތުމަށް މީހުންނަށް މަޖުބޫރުކުރި ފުރަތަމަ ގައުމެވެ
އިޓަލީގައި މި ފާސް ނެތް މުވައްޒަފެއްނަމަ ވަގުތުން ވަޒީފާއިން ސަސްޕެންޑްކޮށް، އަދި މުސާރަވެސް ލިބުންވެސް މެދުކެނޑިދާނެ ކަމަށް ބީބީސީ ނޫހުގައި ވަނީ ރިޕޯޓުކޮށްފައެވެ.
މި އުސޫލަށް އިޓަލީގައި އަމަލުކުރަން ފެށުމަށް ނިންމައިފައިވަނީ އަންނަ އޮކްޓޯބަރު މަހުގެ 15 އިން ފެށިގެންނެވެ. މި އުސޫލަށް އަމަލުކުރަން ނިންމައިފައިވާއިރު އިޓަލީގެ 23 މިލިއަން މުވައްޒަފުންގެ އަތުގައި ގްރީން ފާހެއް އޮންނަން ޖެހޭނެއެވެ. އެހެންނޫންނަމަ މުސާރަ ނުލިބޭގޮތަށް ވަޒީފާއިން ސަސްޕެންޑް ވާނެއެވެ. މި އުސޫލު މި އަހަރު ނިމެންދެން ދެމި އޮންނާނެ އެވެ. 31 ޑިސެމްބަރަކީ އިޓަލީގައި އިއުލާންކޮށްފައި އޮތް ކޮވިޑްގެ ކުއްލި ހާލަތު ނިމޭ ދުވަހެވެ.
އިޓަލީގައި ކޮވިޑްގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެފައިވާއިރު، އެ ގައުމުން މަސައްކަތް ކުރަނީ ވެކްސިން ޖެހުމުގެ މަސައްކަތް އަވަސް ސްޕީޑެއްގައި ކުރިއަށް ގެންދިއުމަށެވެ.
މުވައްޒަފުންގެ އަތުގައި ގްރީން ފާހެއް އޮތުމަށް މަޖުބޫރުކޮށްފައިވާއިރު، މިހާރުވެެސް އިޓަލީގައި ޓްރެއިން ސްޓޭޝަން، ސިނަމާ، ރެސްޓޯރެންޓް، ޖިމް އަދި ސްވިމިން ޕޫލް ފަދަ ހިދުމަތްތަކަށް، ގްރީން ޕާސް ސެޓްފިކެޓް ބޭނުންވެއެވެ.




