އަހުމަދު ރިޟްވާނު ރަހީނުކޮށް، މަރާލި މައްސަލައިގެ ތަހުގީގު ރިޕޯޓާއި ގުޅިގެން މާލޭ އޭރިއާގެ ކޮމާންޑަރު ކާނަލް އަބްދުއް ރައޫފްގެ މައްސަލަ އިތުރަށް ބަލާ ތަހުގީގު ކުރަން ބަންޑާރަ ނާއިބު އިބްރާހިމް ރިފްއަތު ފުލުހުންގެ އިދާރާއަށް މިއަދު އަންގައިފިއެވެ.
ކާނަލް އަބްދުއް ރައޫފްގެ މައްސަލަ އިތުރަށް ބަލާ ތަހުގީގު ކުރަން ބަންޑާރަ ނާއިބު އިބްރާހިމް ރިފްއަތު ފުލުހުގައި ދަންނަވާފައިވަނީ، ރިޟްވާނު މައްސަލައާއި ގުޅިގެން މަރު ކޮމިޝަނުން ކޮށްފައިވާ ތަހުގީގުގައި ރިޟްވާންގެ ޕާސްޕޯޓާއި ގުޅޭ ގޮތުން މާލޭ އޭރިއާގެ ކޮމާންޑަރު ކާނަލް އަބްދުއް ރައޫފާއި ކުރީގެ ނާއިބު ރައީސް އަހުމަދު އަދީބު މަޝްވަރާތަކެއް ކުރައްވާފައި ވާކަން ފާހަގަ ކޮށްފައިވާތީއެވެ.
ކާނަލް އަބްދުއް ރައޫފްގެ މައްސަލަ ތަހުގީގު ކުރިއަށްދާއިރު، އޭނާ ހައްޔަރު ކުރަން އޭޖީ އެދިވަޑައިގެންފައި ނުވި ނަމަވެސް، ރިޟްވާން ރާއްޖޭން ބޭރަށް ފުރައިގެން ގޮސްފައި ކަމަށް ދައްކަން ވަގު ޕާސްޕޯޓެއް ހައްދަން އުޅުނުކަމުގެ ތުޙުމަތު ކުރެވޭ ދެ ފުލުހުން ހައްޔަރުކޮށް އެ މައްސަލަ ބަލަން ފުލުހުންނަށް ވަނީ އަންގާފައެވެ.
މަރުތައް ތަޙްޤީޤު ކުރާ ކޮމިޝަންގެ ރިޕޯޓްގައި ރިލްވާންގެ ތަހުގީގަށް ހުރަސް އަޅަން މަސައްކަތް ކޮށްފައިވާ ކަމަށް ބުނެފައިވަނީ ކޯޕްރަލް މުހައްމަދު ޖިނާހާއި، ކޯޕްރަލް އިބްރާހީމް ރިފްއަތެވެ.
ރިޟްވާންގެ މަރުގެ ތަހުގީގުގެ ރިޕޯޓާއި ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން މަޖިލިސް ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވީ، އެންމެ މުހިންމު ކަމަކީ އެ މައްސަލާގައި އިހުމާލުވި ފަސް ފުލުހަށް ވަގުތުން ވަގުތަށް ފިޔަވަޅު އެޅުން ކަމަށެވެ.



