ޔޫއެފާ ޔޫރޯ ކޮލިފައިންގައި ރޭ ކުޅުނު މެޗުތަކުން މޮޅުވެ، ސްޕެއިނާއި އިޓަލީން މޮޅުވުމުގެ ރެކޯޑް ދަމަހައްޓައިފިއެވެ.
އަމިއްލަ ޤައުމުގައި ފަރޯއައިލެންޑްސްއާއި ދެކޮޅަށް ކުޅުނު މެޗު ސްޕެއިން ފަސޭހަކަމާއެކު ކާމިޔާބުކޮށްފައިވަނީ 4-0 ގެ ނަތީޖާއަކުންނެވެ.
ސްޕެއިންޓީމުގެ ޕްރެކްޓިސް މެޗެއްގޮތަށް ފެނިގެންދިޔަ މިމެޗުގައި ސްޕެއިން ޓީމުން ވަރަށް ހަމަޖެހިލައިގެން ކުޅުނުއިރު ފުރަތަމަ ހާފުގައި އެޓީމަށް ޖެހުނީ އެންމެ ލަނޑެވެ. 13 ވަނަ މިނަޓްގައި ފެނިގެންދިޔަ މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ރޮޑްރިގޯއެވެ. ސްޕެއިންގެ ބާކީ ލަނޑުތައް ދެވަނަ ހާފުގައި ފެނިގެން ގޮސްފައިވާއިރު، އެލަނޑުތައް ޖަހައިދިނީ ރޮޑްރިގޯއާއި، އަލްކެސާރުއެވެ. ރޮޑްރިގޯ އަދި އަލްކެސާރު މިއިން ކޮންމެ ކުޅުންތެރިއަކު ރޭގެ މެޗުގައިވަނީ ސްޕެއިންއަށް ދެލަނޑު ކާމިޔާބުކޮށްދީފައެވެ.
ރޭގެ މޮޅާއެކު މިހާތަނަށް ކުޅުނު ހުރިހާ މެޗަކުންވެސް މޮޅުވެ ލިބުނު ޖުމްލަ 18 ޕޮއިންޓާއެކު ސްޕެއިންއަށް ގްރޫޕްގެ އެއްވަނަ ލިބޭއިރު، ދެވަނާގައި އޮތް ސްވިޑަންއަށް ލިބިފައިވަނީ 11 ޕޮއިންޓެވެ.

ރަށުން ބޭރުގައި ފިންލޭންޑްއާއި ދެކޮޅަށް ކުޅުނު މެޗު އުނދަގޫކަމާއެކު އިޓަލީން ކާމިޔާބުކުރީ 1-2 ގެ ނަތީޖާއަކުންނެވެ.
ލިބުނު ޕެނަލްޓީއަކުން މެޗުގެ ފުރަތަމަ ލަނޑުޖަހައި ލީޑު ނެގީ އިޓަލީންނެވެ. މެޗުގެ 59 ވަނަ މިނަޓްގައި ފެނިގެންދިޔަ މިލަނޑު އެޓީމަށް ކާމިޔާބުކޯށްދިނީ އިމްމޯބައިލްއެވެ. ލިބެމުންދާ މަދު ފުރުޞަތުތަކުގެ ބޭނުން ހިފަމުންދިޔަ ފިންލޭންޑުން 72 ވަނަ މިނަޓްގައި ލަނޑެއްޖަހައި ނަތީޖާ ހަމަހަމަކުރިއެވެ. ޕެނަލްޓީއަކުން ފެނިގެންދިޔަ މިލަނޑު ކާމިޔާބުކޮށްދިނީ ޕުކީއެވެ.
އޭގެ 7 މިނަޓްފަހުން އިޓަލީއިން ދެވަނަ ފަހަރަށް ލީޑުނެގީ ލިބުނު ޕެނަލްޓީއަކުން ޖޯޖީނިއޯ ކާމިޔާބިކޮށްދިން ލަނޑަކާއެކުގައެވެ. އިޓަލީގެ ފަރާތުން ވަރުގަދަ ކުޅުމެއް ރޭގެ މެޗުގައި ފެނިގެންދިޔަ ނަމަވެސް ފިންލޭންޑްގެ ހިތްވަރުގަދަ ޑިފެންސްލައިންވަނީ އިޓަލީ އެތައްފަހަރަކު ހުއްޓުވާފައެވެ.
މިހާތަނަށް ލިބުނު ޖުމްލަ 18 ޕޮއިންޓާއެކު އިޓަލީ ގްރޫޕްގެ އެއްވަނާގައި އޮތްއިރު، ފިންލޭންޑަށް ދެވަނަ ލިބެނީ ޖުމްލަ 12 ޕޮއިންޓާއެކުގައެވެ.



