19 ވަނަ ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ދައުރުގައި މަޖިލީހަށް އެންމެ މަދުން ހާޟިރުވި މެންބަރަކަށް މީދޫ ދާއިރާގެ އެމްޑީއޭ މެންބަރު އަޙްމަދު ޝިޔާމް މުޙައްމަދު ވެވަޑައިގެންފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން އާންމުކޮށްފައިވާ މެންބަރުންގެ ހާޟިރީގެ ތަފްސީލުން ދައްކާ ގޮތުގައި، މިހާތަނަށް ޝިޔާމް ހާޒިރުވެވަޑައިގެންފައިވަނީ މި ދައުރުގެ 16 ޖަލްސާއަށެވެ. މިހާތަނަށް 19 ވަނަ މަޖިލީހުގެ ފުރަތަމަ ދައުރުގެ ޖުމްލަ 47 ޖަލްސާއެއް ބާއްވާފައިވާއިރު، 31 ޖަލްސާއަށް ސިޔާމް ހާޒިރުވެވަޑައި ނުގަންނަވައެވެ.
މަޖިލީހުގެ ގިނަ މެންބަރުން ސަލާމް ބުނުއްވާފައި ވީނަމަވެސް އެހެން ގިނަ މެންބަރުންނާ ޚިލާފަށް ޝިޔާމް ސަލާމް ބުނުއްވާފައެއްވެސް ނުވެއެވެ.
މަޖިލީހުގެ ހާޟިރީއަށް ބަލާއިރު އެންމެ ގިނައިން މަޖިލީހަށް ސަލާމް ބުނުއްވާފައިވަނީ ވިލިނގިލީ ދާއިރާގެ މެންބަރު ސައުދު ޙުސައިންއެވެ. ސައުދު ވަނީ 12 ޖަލްސާއަށް ސަލާމް ބުނުއްވާފައެވެ. ނަމަވެސް ހާޟިރުނުވާ ދުވަހެއް ނެތެވެ.
19 ވަނަ ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ދައުރުގެ 47 ޖަލްސާއަށްފަހު މި ދައުރުގެ ޗުއްޓީއަށް މަޖިލީސް ގޮސްފައި ވަނީ މިދިޔަ ހަފްތާގެ ބުރާސްފަތި ދުވަހުއެވެ. ޖުމްލަ ގޮތެއްގައި ފުރަތަމަ ދައުރުގައި ގިނަ މެމްބަރުން ވަނީ ޤަވާއިދުން ޖަލްސާތަކަށް ހާޒިރުވެވަޑައިގެންފައެވެ.
މިދައުރުގެ އެންމެ ހާޟިރީ ދަށް މެންބަރުގެ ގޮތުގައި ފާހަގަކުރެވިފައިވާ މީދޫ ދާއިރާގެ މެންބަރަކީ ނިމިދިޔަ 18 ވަނަ ރައްޔިތުންގެ މަޖިލީހުގައިވެސް އެ ދާއިރާ ތަމްސީލުކުރެއްވި އަދި ހާޟިރީގެ ފުލުން އެކި ފަހަރުމަތިން ޖާހަ ހޯއްދަވާފައިވާ މެންބަރެކެވެ.



