ފިކުރީ ހައްދުފަހަނައެޅުމާއި، ޓެރެރިޒަމްގެ ނުރައްކަލަށް ހޭލުންތެރިކުރަނީ

އައްޑޫ ސިޓީގެ ސްކޫލްތަކުގެ ޕްރިންސިޕަލުންނާއި، ސީނިއަރ ވެރިންނަށް އަމާޒުކޮށް "ދިވެހިރާއްޖެއަށް އޮތް ފިކުރީ ހައްދުފަހަނައެޅުމާއި ޓެރެރިޒަމްގެ ނުރައްކަލަށް ތަޢުލީމީ ދާއިރާ އަހުލުވެރިކުރުމުގެ މަސައްކަތު ބައްދަލުވުން" އައްޑޫ ސިޓީގެ ހިތަދޫ ސްކޫލުގައި ބާއްވައިފިއެވެ.

މި ވާރކްޝޮޕަކީ، ނޭޝަނަލް ކައުންޓަރ ޓެރެރިޒަމް ސެންޓަރާއި (އެން.ސީ.ޓީ.ސީ)، މިނިސްޓްރީ އޮފް އެޑިއުކޭޝަން އަދި ޔޫ.އެން.ޑީ.ޕީ ގުޅިގެން އެމް.އެން.ޑީއެފް ސަދަން އޭރިޔާ ކޮމާންޑާއި ސ.ހިތަދޫ ސްކޫލުގެ އެހީތެރިކަމާއެކު އައްޑޫ ސިޓީގެ ސްކޫލްތަކުގެ އިސްވެރިންނަށް އަމާޒުކޮށްގެން ހިންގާ މަސައްކަތު ބައްދަލުވުމެއްކަމަށް އެން.ސީ.ޓީ.ސީ އިން ވިދާޅުވިއެވެ.

އެން.ސީ.ޓީ.ސީން ވިދާޅުވީ، މި މަސައްކަތު ބައްދަލުވުމުގެ މަޤުސަދަކީ، ޓެރެރިޒަމްއާއި ވައިލެންޓް އެކްސްޓްރީމިޒަމް ހުއްޓުވުމަށް ރާއްޖޭގެ ސަރުކާރުގެ އެންމެހާ މުއައްސަސާތައް ގުޅިގެން މަސައްކަތް ކުރުމަށް އެކުލަވާލައިފައިވާ ޤައުމީ އިސްތިރާޖީގައި ތަޢުލީމީ ދާއިރާއިން ކުރެވެންހުރި ކަންތައްތަކަށް ސްކޫލްތަކުގެ އިސްވެރިން އަހުލުވެރިކުރުވުން ކަމަށެވެ.

މި މަސައްކަތު ބައްދަލުވުން ފެއްޓުވުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ އެޑުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ ފާރިމަތު ނަސީރު ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ، ޓެރެރިޒަމްއާއި ވައިލެންޓް އެކްސްޓްރީމިޒަމް އަދި ވައިލެންޓް ކުށްތަކުގެ ތެރެއަށް ޒުވާނުން ވަނުން ހުއްޓުވުމުގައި ތަޢުލީމީ ދާއިރާއާއި، ސްކޫލްތަކުގެ ލީޑަރޝިޕް އަދި ޓީޗަރުންގެ ދައުރު މުހިއްމުކަމަށެވެ.

އެން.ސީ.ޓީ.ސީ ގެ ޑިރެކްޓަރ ޖެނެރަލް ބްރިގޭޑިއަރ ޖެނެރަލް ޒަކަރިއްޔާ މަންސޫރުގެ ވާހަކަފުޅުގައި ތަފާތު ފިކުރުތަކުގައި ހައްދުފަހަނައަޅާދާ ޒުވާނުންގެ ސަބަބުން ކުރިމަތިވާ ގޮންޖެހުންތައް ނައްތާލުމަށްޓަކައި ތައުލީމަކީ ނާޒުކު ހަތިޔާރެއްކަމާއި ތަޢުލީމީ ދާއިރާއަކީ ވަރަށް އިސްދައުރެއް އަދާކުރެވޭނެ ދާއިރާއެއްކަން ފާހަގަކުރެއްވިއެވެ.

މި ޕްރޮގްރާމުގައި ސެޝަންތައް ނަންގަވައިދެއްވާނީ އެން.ސީ.ޓީ.ސީ ބޭފުޅުންނާއި، މޯލްޑިވަސް ޕޮލިސް ސަރވިސް އަދި އިސްލާމިކް ޔުނިވަރސިޓީގެ ފަރާރުން ޑރ. އިބްރާހިމް ޒަކަރިއްޔާ މޫސައެވެ.

ގުޅުންހުރި ލިޔުންތައް
ފަހުގެ އަޕްޑޭޓް
ފަހުގެ އަޕްޑޭޓް