ރައިސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް - ފޮޓޯ: ރައީސް އޮފީސް

ދިވެހި ބަހަށް އިސްކަން ދިނުމަކީ ޤައުމީ ވާޖިބެއް - ރައީސް

ދިވެހި ބަހަށް އިސްކަން ދިނުމަކީ ކޮންމެ ދިވެއްސެއްގެ ކޮނޑުގައި އެޅިފައިވާ ޤައުމީ ވާޖިބެއްކަމަށާއި ވަކީން ޚާއްޞަކޮށް، ދިވެހި ބަހުން ލިޔާ ލިޔުންތައް، ބަހުގެ ޤަވާޢިދާއި ހަމަތަކާ އެއްގޮތަށް ލިޔުމަކީ، ވަރަށް މުހިންމު ކަމެއްކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ރޭ ދަރުބާރުގޭގައި ކުރިއަށްދިޔަ ބައިނަލްއަޤްވާމީ މާދަރީ ބަހުގެ ދުވަހުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

އެތަނެއްގެ ވެށި ބަސްބަހަކީ ވަރަށް އަގުބޮޑު މާނަވީ ތަރިކައެއްކަމުގައި ސިފަކުރައްވައި، އެ ތަރިކަ ރައްކާތެރިކޮށް ޙިމާޔަތްކުރުމަކީ އެއިރެއްގައި އެ ތަނެއްގައި ދިރިއުޅޭ ބައެއްގެ ޒިންމާއެއްކަމުގައިވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އެގޮތުން ދިވެހިބަސް ދިރުވާ އާލާކުރުމަށްޓަކައި ދިވެހިބަހުގެ ޤައުމީ ސިޔާސަތެއް ކަނޑައެޅުމަކީ ވެސް ކުރަންޖެހިފައިވާ ކަމެއް ކަމަށް ދެކިވަޑައިގަންނަވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ޒަމާނީ ޓެކްނޮލޮޖީއަށް ދިވެހިބަސް އަހުލުވެރިކުރުވުމަށާއި، އެކަމުގެ ފަންނީ މަސައްކަތްތަކަށް އެހީތެރިވެދޭން މި ސަރުކާރުން ތައްޔާރަށް އޮތްކަން ހާމަކުރައްވައި، ދިވެހިބަސް ދިރުވައި އާލާކުރުމަށް މިހާރު ކުރެވިދާނެ މަސައްކަތްތަކާއި މުސްތަޤްބަލުގައި ކުރެވިދާނެ ކަންތައްތައް ރޭގެ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ޙިއްޞާ ކުރައްވައިފައެވެ.

އެމަނިކުފާނު މިއަހަރުގެ މާދަރީ ބަހުގެ ޝިޢާރުގެ މައްޗަށް ބައްލަވައިލައްވަމުން ވިދާޅުވީ، އިންސާނުންނާއި ތަރައްޤީ ގުޅުވައިދޭ ފާލަމަކީ އެބައެއްގެ މާދަރީ ބަސްކަމުގައެވެ. އަދި މުޖްތަމަޢުގެ ޞުލްޙަ މަސަލަސްކަން ދަމަހައްޓައިދީ އެބައެއްގެ މެދުގައި އެއްބައިވަންތަކަން ޤާއިމުކޮށްދެނީ ވެސް މާދަރީ ބަހުން ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

ދިވެހި ދައުލަތް އެކި ޒަމާންތަކުން ފިރުކެމުން ، މިޒަމާނާ ހަމައަށް އައީ، ދިވެހި ބަސް ކޮނޑުއަޅައިގެން، އެހެންކަމުން ދިވެހި ދައުލަތުގެ މުސްކުޅިކަމާ މެދު އުފެދޭ ފަޚުރުވެރިކަމަކީ، ދިވެހިބަހާ މެދު ކުރެވޭ އުފާވެރިކަމުގެ އިޙްސާސެއް ކަމުގައިވާންޖެހޭނެކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
ފަހުގެ އަޕްޑޭޓް
ފަހުގެ އަޕްޑޭޓް