އެއް ސަހަރެއްގައި ވަރަށް ފުރިހަމަ، ރީތި އަންހެން ކުއްޖަކު އުޅުނެވެ. ސަހަރުގައި އުޅުނު ފިރިހެން ކުއްޖަކަށް މި އަންހެން ކުއްޖާ ފެނި، ފިރިހެން ކުއްޖާ އޭނާގެ ބައްޕަ ގާތުގައި ބުނެފިއެވެ. ބައްޕާއެވެ. އަހަރެންނަށް ވަރަށް ރީތި ކުއްޖަކު ފެނިއްޖެއެވެ. އެ ކުއްޖާއާއި ކައިވެނި ކުރަން ބޭނުންވެއްޖެއެވެ. އެހެން ކަމަށް ވާ ނަމަ ލަސްނުކޮށް ކައިވެންޏަށް އަހަމާ ހިނގާށެވެ. ބައްޕަ ބުންޏެވެ.
ބައްޕައަށް މި ކުއްޖާ ފެނުނު ހިނދު ބައްޕަ ބުންޏެވެ. ދަރިފުޅާއެވެ....!!! އެ ކުއްޖާ ދަރިފުޅާ އެކަށީގެން ނުވެއެވެ. އެ ކުއްޖާ އާއި އެކަށީގެން ވަނީ ބައްޕަ ފަދަ ފައިސާވެރި އަކަށެވެ. ބައްޕަގެ މި ވާހަކަތައް އަޑުއިވި ހިތްހަމަ ނުޖެހިގެން ފިރިހެން ކުއްޖާ ބުންޏެވެ. އޭނާ އާއި އިންނީ އަހަންނެވެ. ބައްޕައެއް ނޫނެވެ. މި މައްސަލަ ހޫނުވެ. ދެ ބަފައިން ތަޅައިގަނެ މައްސަލަ ހައްލު ނުވުމުން ދެ މީހުން ފުލުސް އޮފީހަށް ހިނގާއްޖެއެވެ. ވެގެން އުޅޭގޮތް ފުލުސް އޮފިސަރަށް ކިޔައިދިނުމުން އޭނާ ބުންޏެވެ. އަންހެން ކުއްޖާ ގެންނާށެވެ. އޭނާ އިންނާނެ މީހެއް އެނގޭނީ އޭނާ އަށެވެ.
ފުލުސް އޮފިސަރަށް އަންހެން ކުއްޖާ ފެނުނު ހިނދު އޭނާ ބުންޏެވެ. އޭނާ އާއި ކައިވެނި ކުރުން އެންމެ އެކަށީގެންވަނީ އަހަރެން ފަދަ ފުލުސް އޮފިސަރެކެވެ. އެހެން ބުނުމާއި އެކު ތިން މީހުން ތަޅައިގަތެވެ. މައްސަލަ ހައްލު ނުވުމުން ތިންމީހުން ނިންމީ ސަހަރުގެ މިިނިސްޓަރުގެ އަރިހަށް ދާށެވެ. މިނިސްޓަރަށް އެ ކުއްޖާ ފެނުނު ހިނދު ބުންޏެވެ. އެ ކުއްޖާ އެކަށީގެން ވަނީ އަހަރެންފަދަ މިނިސްޓަރއަކާއެވެ. އެ ހިސާބުން ހަތަރު މީހުން ހަމަނުޖެހުމެއްގައި ޒުވާބުކުރަން ފަށައިފިއެވެ. މި ވާހަކަ ސަހަރުގެ ޕްރިންސަށް އިވި ހަތަރުމީހުންނާއި އަންހެން ކުއްޖާ ޕްރިންސް އަރިހަށް ގެންނަވާއިފިއެވެ. ޕްރިންސަށް އަންހެން ކުއްޖާ ފެނުނު ހިނދު ޕްރިންސް ބުންޏެވެ. އޭނާ ކައިވެނި ކުރާނީ އަހަރެންނާއެވެ.
އަނެއްކާވެސް ފަސްމީހުންގެ މެދުގައި ފެށުނީ ޒުވާބެކެވެ. ހަމަ ނުޖެހުމެކެވެ. އެ ހިނދު އަންހެން ކުއްޖާ ބުންޏެވެ. ހަމަ ޖެހޭށެވެ. ތިޔަ ކަމުގެ ހައްލު އަހަރެންނަށް އެނގެއެވެ. އަހަރެން ދުއްވައިގަންނާނަމެވެ. ފަހަތުން ދުވެފައި އައިސް އެންމެ ފުރަތަމަ އަހަރެންގައިގާ އަތްލާ މީހަކީ އަހަރެންގެ ފިރިއަކަށް ވާނެ މީހާއެވެ. މިހެން ބުނުމާއި އެކު އަންހެން ކުއްޖާ ދުއްވައި ގަތެވެ. އެއާއި އެކު ފަސް މީހުން ވެސް އޭނާގެ ފަހަތުން ދުއްވައިގަތެވެ. ހަމަ އެއާއެކު މި ފަސްމީހުން ފުން ވަޅުގަނޑަކަށް ވެއްޓިއްޖެއެވެ. އެހިނދު އެ އަންހެން ކުއްޖާ އެ މީހުންނާއި ދިމާއަށް ބަލާލައިފާ ބުންޏެވެ. އަހަރެންނަީ ކާކު ކަން އެނގޭ ހެއްޔެވެ؟ އަހަރެންނަކީ މި ވަގުތީ ދުނިޔެއެވެ. ތިޔަ ވަޅުގަނޑަކީ ކައްވަޅެވެ. އިންސާނުން އަބަދުވެސް އެންމެ ބޭނުންވަނީ އަހަރެން ހާޞިލު ކުރުމަށެވެ. އެ މީހުން އެވަނީ ރޭހެއްގައެވެ. އަހަރެން ހޯދުމަށް އެ ކަކަށްވުރެ އަނެކަކު ވަނީ ދަހިވެތިވެފައެވެ. އިނބިލީހަށް ހެއްލި އިލާހު ހަނދުމަނެތިވެ މުޅިން ގެއްލެނިވެފައެވެ. ކައްވަޅަށް ވެއްޓެން ދެން އެމީހުން ދެމިތިބެނީ އެ ހާލުގައެވެ. އެހެނެއް ކަމަކު އަހަރެން ލިބުނީ ކާކަށްހެއްޔެވެ. އެކަކަށް ވެސް އަހަރެން ހާޞިލެއް ނުކުރެވޭނެއެވެ.