އައްޑޫ ސިޓީގެ ގުޅިފައިވާ ރަށްތަކަށް ދިމާވެފައިވާ ކަރަންޓްގެ މައްސަލަ ހައްލު ކުރުމަށް ސަރުކާރުން ބޮޑު މަސައްކަތްތަކެއް ކުރަމުންދަކަމުގައި އައްޑޫމީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދާމް ވިދަޅުވެއްޖެއެވެ.
ރޮޒައިނާ މިހެން ވިދަޅުވެފައިވަނީ އިއްޔެ ފެނަކަ އެމްޑީ ސައީދު އާއި ބައްދަލުކޮށް ގުޅިފައިވާ ރައްތަކާ ހުޅުމީދޫގެ ކަރަންޓްގެ މައްސަލަ ތަކާއި ގުޅޭ ގޮތުން މަޝްވަރާ ކުރެއްވުމަށްފަހު ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައެވެ.
ރޮޒައިނާ ވިދާޅުވީ އައްޑޫގައި ހަދާ 28 މެގަ ވޯޓްގެ ޖަނަރޭޓަރ ސެޓާއި، 10 މެގަ ވޯޓްގެ ސޯލާ އެނާރޖީގެ މެއިން ޕަވަރ މަސައްކަތް އޮކްޓޫބަރ މަހުގެ ފަހުކޮޅު މޯބަލައިޒް ކުރެވޭނެ ކަމަށް ފެނަކަ އެމްޑީ އަދި ފިނޭންސް މިނިސްޓަރ ވިދާޅުވެފައިވާ ކަމަށެވެ. މި މަސައްކަތުގެ ޕްރޮޕޯސަލް އޮތީ ތައްޔާރު ކުރެވިފައި ކަމަށާއި އަންނަ ހަފްތާތެރޭގައި ފައިނަލް ކުރެވޭނެކަމަށް ވަނީ ވިދާޅުވެފައެވެ.
ރޮޒައިނާ ވިދަޅުވީ ސޭފްޓީ އިކްއިޕްމެންޓް ޕާރޗޭސް އޯޑަރ އިއްޔެ ފޮނުވާފައިވާ ކަމަށާއި، ހުޅުމީދޫއަށް ގެންދިޔަ އާ ޖަނަރޭޓަރ ބަހައްޓާތަން ހެދުމުގެ މަސައްކަތްވެސް އިއްޔެ ބަޔަކާއި ހަވާލުކުރެވިފައިވާ ކަމަށެވެ. އަދި ވޭތުވެދިޔަ އަހަރުތަކުގައި އިންޖީންތައް ސާރވިސް ނުކޮށް ހުރުމުގެ ސަބަބުން ޕާރފޯމަންސް ދަށަށް ގޮސްފައިވާ މައްސަލަ، އާއިންޖީނު ހިންގަން ފެށުމުން ކުރީގެ އިންޖީނުތައް ސަރވިސް ކުރުމުން ހައްލު ވެގެން ދާނެކަމަށް އެމްޑީ ވިދަޅުވެފައި ވާކަމަށެވެ.

މިހަފްތާގެ އާދިއްތަ ދުވަހު ހިނގިކަހަލަ ކަމެއް މާދަމާއަށް ފަހު ނުހިނގާނެ ކަމުގެ ޔަގީންކަންވެސް ފެނަކަ އެމްޑީ ވަނީ ދެއްވާފައެވެ. އަދި މާދަމާ މާލެއިން ޓެކްނިކަލް ސްޓާރފުން ގޮސް މިހާރު އޮތް ސިސްޓަމަށް ބަދަލުތަކެއްގެނެސް މައްސަލަ ހައްލުކޮށްދެއްވާނެކަމަށް ވެސް ވަނީ ވިދާޅުވެފައެވެ.
ރޮޒައިނާ ވަނީ މި ސަރުކާރުން އައްޑޫއާއި ދޭތެރޭ އިޙުމާލު ނުވާނެކަމުގެ ޔަޤީންކަން އައްޑޫ ރައްޔިތުންނަށް ދެއްވާފައެވެ. "ކެއްތެރިވެލައްވާ، ތަފާތު ފެންނާނެ" ރޮޒައިނާ ވިދާޅުވިއެވެ. ސަރުކާރެއްގެ ފުރަތަމަ އަހަރު ތެރޭގައި އައްޑޫއަށް މިވަރުގެ އިންވެސްޓްމަންޓްތަކެއް އެއްވެސް ސަރުކާރަކުން މިހާތަނަށް ކޮށްފައިނުވާކަމަށާއި، ސަރުކާރާ އައްޑޫ ސިޓީ ރައްޔިތުންނާ ޖައްސަން ބަޔަކު ކުރާ މަސައްކަތް ދާނީ ފަނުފުލަށް ކަމަށް ރޮޒައިނާ ވަނީ ވިދާޅުވެފައެވެ.



