އީސީވެސް ޓެގް ކުރުމުގައި!

މީސްމީޑިއާޔާ ރަށްޓެހި އަދުގެ ދިވެހި މުޖުތަމައުގައި "ޓެގް ކުރުމޭ" ބުނީމަ ހޯމް މިނިސްޓަރު މަތިން ހަނދާންވާ މީހަކު މަދުވާނެއެވެ. ހުރިހާ ޒުވާނުން މީސްމީޑިއާގައި އެކަކު އަނެކަކަށް ޓެގް ކޮށް މަޖާ ނަގާލެއް ގިނަކަމުންނެވެ. "ޓެގް ކޮށްލަބަ" އޭ ބުނުމުން އެންމެންވެސް ހަނދާން ވާނީ ފޭސްބުކް ޕޭޖްތަކުގައި ނެގި މަޖާ ނޫންތޯއެވެ.

ނަމަވެސް މިފަހަރު ޓެގް ކުރަން ފޯރި ނެގީ މަޖާ ނަގަން އުޅުނު ޒުވާނުންނެއް ނޫނެވެ. ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބަށް 42 ދުވަހަށްވެ، ދިވެހި ސިޔާސީ މަޝްރަޙް ހޫނުވެފައި މިދަނޑިވަޅުގައި ޓެގް ކުރަން ފޯރިނެގީ ދިވެހިރާއްޖޭގެ އިލެކްޝަންސް ކޮމިޝަނުންނެވެ.

އިލެކްޝަންސް ކޮމިޝަން (ޢީސީ) އިން މީސްމީޑިއާގައި ޓެގްކުރަން ނިކުތީ ފިސާރި ފޯރީގައެވެ. ނަމަވެސް މުހިންމު ބޭނުމަކުކަން ޔަޤީނެވެ. އަންނަ އެޕްރީލް 6 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ މަޖިލިސް އިންތިޚާބުގައި ވޯޓުލާތަން ބަދަލުކުރަން ބޭނުން ފަރާތްތަކުން ރީ-ރަޖިސްޓަރީކުރަން ހަނދުމަފުޅުކޮށް އެރުވުމަށްޓަކައެވެ.

މަޖިލިސް އިންތިޚާބަށް ރީ-ރަޖިސްޓަރީ ކުރުމުގެ ފުރުޞަތު މިމަހުގެ 18 ވީ ހޯމަ ދުވަހު ހުޅުވާލާފައިވާއިރު، އެ ފުރުޞަތު އަންނަ މާރިޗު މަހުގެ 2 ވަނަ ދުވަހާ ހަމައަށް އޮންނާނެކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ވިދާޅުވެފައެވެ.

އީސީން ވިދާޅުވީ،ރީ-ރަޖިސްޓަރީ ފޯމް ފުރުމަށްފަހު އިންތިޚާބީ މަރުކަޒު (ބައު ޖަމާލުއްދީން)، ރަށު ކައުންސިލް އިދާރާތައް އަދި އައްޑޫ ސިޓީ އަދި ފުވައްމުލަކު ސީޓީގެ އަވަށު އޮފީސްތަކަށް ހުށަހެޅޭނެ ކަމަށެވެ.

މަޖިލިސް އިންތިޚާބުގައި 87 ދާއިރާއަށް 403 ކެންޑިޑޭޓުން ވާދަކުރުމަށް ފޯމު ހުށަހަޅާފައިވެއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
ފަހުގެ އަޕްޑޭޓް
ފަހުގެ އަޕްޑޭޓް