ލ.އަތޮޅު ގާދޫ ކައިރިން ޑިންގީއެއް ބަންޑުން ޖަހާލައިގެން އަންހެނަކު ގެއްލިއްޖެއެވެ.
މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ވިދާޅުވީ، ލ.ގަމުން ފުރައިގެން ލ.މާމެންދޫއަށް ދަތުރުކުރި ޑިންގީއެއް ބަންޑުން ޖަހާލައިގެން އެމްއެންޑީއެފް ސެންޓްރަލް އޭރިއާގެ ސިފައިން ހަރަކާތްތެރިވަމުންދާ ކަމަށެވެ.
އެމްއެންޑީއެފް އިން ވިދާޅުވީ، ބަންޑުންޖަހާލި ޑިންގީގައި ދަތުރުކުރީ އަންހެނަކާއި ފިރިހެނެއް ކަމަށާއި، ފިރިހެން މީހާ ފަތާފައި ރިސޯޓަކަށް އަރާފައިވާ ކަމަށެވެ.
"އެ ޑިންގީގައި ދަތުރުކުރީ އަންހެނަކާއި ފިރިހެނެއް. އެތަނުން ފިރިހެން މީހާ "ސިކްސްތް ސެންސް ރިސޯޓަށް" ފަތާފައި އެރިކަމުގެ މަޢުލޫމާތު ލިބިފައިވޭ. އަދި އަންހެން މީހާގެ ހަބަރެއް ނުވޭ." އެމްއެންޑީއެފްގެ އިންފޮމޭޝަން އޮފިސަރ ކެޕްޓަން އިބްރާހީމް އާޒިމް ވިދާޅުވިއެވެ.
މަޢުލޫމާތު ލިބިފައިވާ ގޮތުގައި ޑިންގީ ބަންޑުން ޖަހާލާފައި ވަނީ ގާދޫ ކަނޑުއޮޅި ކައިރިއަށެވެ. އަދި ގެއްލިގެން ހޯދަމުން ދަނީ 19 އަހަރުގެ އަންހެނެއް ކަމަށާއި، އޭނާ އަކީ ލ.މާމެންދޫ މީހެއް ކަމަށް މައުލޫމާތު ލިބެއެވެ.




