ދިވެހިރާއްޖެ ވަނީ މިއިން ޒަމާނަކު ބޭނުންނުވާ ވަރަށް، އެކަކު އަނެކަކަށް އިޙްތިރާމް ކުރުމާ، އިހްސާންތެރިވުމާ، ކަމޭހިތުމާ، އެކަކު އަނެކެއްގެ އިހްސާސްތައް ދެނެގަތުމުގެ ސިފައާއި އަޚްލާގަށް ބޭނުންވެފައި ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން، ފަޒްނާ އަޙްމަދު ވިދާޅުވެއްޖެއެވެ.
ޤައުމީ މަންހަޖު މުރާޖަޢާ ކުރުމުގެ މަހާސިންތާ އިފްތިތާޙު ކޮށްދިނުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިއަދު ހެނދުނު އެކަމަނާ ވިދާޅުވީ، ވެހިރާއްޖެއަަށް ބޭނުންވެފައިވާ މައުނަވީ ބަދަލު ގެނެސްދިނުމުގައި އެންމެ މުހިންމު ދައުރެއް އަދާކުރައްވާނީ ތައުލީމީ ދާއިރާއިން ކަމަށެވެ.
ދަރުބާރުގޭގައި ކުރިއަށްދިޔަ މި ރަސްމިއްޔާތުގައި އެކަމަނާ ވަނީ މަހާސިންތާގެ ހުރިހާ ބައިވެރިންގެ ކިބައިން ދަރިވަރުން ގައިގާ ރިވެތި "ސިފަ” އަށަގެންނެވުމަށް ޚާއްޞަ ސަމާލުކަމެއްދީގެން މަޝްވަރާކުރެއްވުމަށް އެދިވަޑައިގެންފައެވެ.
މިއަދުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވަނީ ދަރިވަރުންނަށް ކަންކަމާމެދު ވިސްނާ ފިކުރުކުރަން ދަސްކޮށްދިނުމުގެ މުހިންމުކަމުގެ މައްޗަށާއި، ތަފާތު ނަޒަރުން އެކިއެކި ކަންކަމާމެދު ސުވާލުކުރުމަށް ދަސްކޮށްދިނުމަކީ މުހިންމު ކަމެއްކަމުގައި ފާހަގަކުރައްވައިފައެވެ.
އިތުރަށް ވާހަކަފުޅު ދައްކަވަމުން އެކަމަނާ ވަނީ ދަރިވަރުންނަށް އުނގެނުމަށް އުފާވެރި އަމާން މާހައުލެއް ބިނާކޮށްދެއްވުމަށް މުދައްރިސުންނަށް ބާރުއަޅުއްވައި އެކަން ކުރެއްވޭނެ ގޮަތްތަކުގެ މައްޗަށް އަޅިއަޅުއްވައި ލައްވައިފައެވެ.
ޤައުމީ މަންހަޖު އިސްލާހުކުރުމަށް މިފަދަ މަހާސިންތާއެއް ބޭއްެވެވުމަކީ ރައީސުލްޖުމްހޫރިއްޔެ ވަޢުދުފުޅެކެވެ.