ސްކޫލް ބޮޑު ޗުއްޓީ އަހަރުގެ ފަހުކޮޅަށް ބަދަލުކުރި ނަމަވެސް ފަތުރުވިކަމުގެ ދާއިރާގައި މަސައްކަތްކުރާ ފަރާތްތައްކުން ކަންބޮޑުވެނުލެއްވުމަށް މުއިއްޒު އެދިވަޑައިގެންފިއެވެ.
މުއިއްޒު ރޭ ފ. ނިލަންދޫގައި ބޭއްވި ކެމްޕެއިން ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ވިދާޅުވީ، ކުރިން ރޭ އެމަނިކުފާނު އިއުލާނުކުރެއްވި ސްކޫލްގެ ބޮޑުޗުއްޓީ ޑިސެމްބަރަށް ބަދަލުކުރާ ވާހަކައިގެ ސަބަބުން ފަތުރުވެރިމުގެ ސިނާއަތުގައި މަސައްކަތްކުރާ ފަރާތްތަކަށް އޮޅުންއެރި ކަމަށެވެ.
"އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ ޔަޤީންކަން އަރުވަން ބޭނުންވާ ވާހަކައަކީ ޑިސެމްބަރަށް ކުރީގައި އޮތްގޮތަށް ބޮޑުޗުއްޓީ ބަދަލުކުރުމަކުން ޓޫރިޒަމް ސެކްޓަރުގައި މަސައްކަތްކުރާ މުވައްޒަފުންގެ އާއިލާތަކަށް އެއްގޮތަކަށްވެސް ގެއްލުމެއް ލިބުނަކަ އަޅުގަނޑު ނުދޭނަމޭ. ރޭގައިވެސް ދެންނެވިން އެވާހަކަ. މުއިއްޒު ވިދާޅުވިއެވެ.
މުއިއްޒު ވިދާޅުވީ، ޖޫން/ޖުލައި ހިސާބުގައި ހަތަރު ހަފްތާގެ ސްކޫލް ބަންދެއް އެމަނިކުފާނުގެ ވެރިކަމުގައި އޮންނާނެ ކަމަށެވެ.
"އެހެންކަމުން އަޅުގަނޑު މިރޭ ދަންނަވާލަން ބޭނުން ހަމަ އަހަރުގެ މެދުތެރޭގައި 4 ހަފްތާގެ ސްކޫލް ބަންދެއް އަޅުގަނޑުމެން ހަމަޖައްސާނެވާހަކަ. ޖޫން ޖުލައިގެ ތެރޭގައި 4 ހަފްތާގެ ސްކޫލް ބަންދެއް ލިބޭނެ، އަހަރުގެ ފަހުކޮޅު އޮންނަ ބޮޑު ޗުއްޓީގެ އިތުރަށް. މިކަން ހަމަޖެހިގެން ދިއުމުން ޓޫރިޒަމް ސެކްޓަރުގައި މަސައްކަތްކުރާ މުވައްޒަފުންނަށްވެސް އެ މުވައްޒަފުންގެ އާއިލާތަކާ އެކީގައި ވަގުތު ހޭދަކުރުމަށް އެބަލިބޭ ފުރުޞަތު. އެހެންވީމާ އެކަން ޓޫރިޒަމް ސެކްޓަރުގައި މަސައްކަތްކުރާ މުވައްޒަފުންނަށް ދަންނަވާލަން ބޭނުން. އެބޭފުޅުންނަށް އެއްވެސް ކަންބޮޑުވުމެއް އޮންނާނެކަމެއް ނެތް." މުއިއްޒު ވިދާޅުވިއެވެ.
ސްކޫލް ޗުއްޓީ ޒަމާނުންސުރެ ރާއްޖޭގައި ދެމުންއައީ ޑިސެމްބަރުމަހުއެވެ. ނަމަވެސް އިބްރާހީމް މުޙައްމަދު ޞޯލިޙްގެ ވެރިކަމުގައި އެ ޗުއްޓީ ވަނީ ޖޫން/ޖުލައި އަށް ބަދަލުކޮށްފައެވެ. އެކަމުގެ ސަބަބުން ފަތުރުވެރިކަމުގެ ސިނާއަތުގައި މަސައްކަތްކުރާ ފަރާތްތަކަށް ލުއިފަސޭހަތަކެއް ލިބިގެންދިޔައިރު، އެ ދުވަސްވަރަކީ އާއްމުގޮތެއްގައި ހުޅަނގު މޫސުމުގެ އެންމެ ވިއްސާރަ ދުވަސްވަރުކަމުން ދަތުރު ދިއުމާއި، ރަށްރަށަށް ޒިޔާރަތް ކުރުމުގައި ގިނަ ބަޔަކު ތަކުލީފު އުފަލަންޖެހުނެވެ.
މި ކަންކަމަށް ބައްލަވާ މުއިއްޒު ވައުދުވެވަޑައިގެންފައި މިވަނީ ޑިސެމްބަރަށް ބޮޑުޗުއްޓީ ބަދަލުކޮށް ޖޫން/ޖުލައި ގައި ހަތަރު ހަފްތާގެ ބަންދެއް ލިބޭނެ ގޮތަށް 2025 ވަނަ އަހަރުން ފެށިގެން ބަދަލުގެންނަވާށެވެ.




