395 ކެންޑިޑޭޓުންގެ އެޕްލިކޭޝަން އީސީން ބަލައިގެންފި

އަންނަ އެޕްރީލް މަހުގެ 6 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވާދަކުރުމަށް އިލެކްޝަންސް ކޮމިޝަނަށް ވާދަކުރުމަށް ހުށަހެޅި ފަރާތްތަކުގެ ތެރެއިން 395 ފަރެއްގެ އެޕްލިކޭޝަން ބަލައިގެންފައިވާކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެއްޖެއެވެ.

އިލެކްޝަންސް ކޮމިޝަނުން މިކަން ހާމަކޮށްފައިވަނީ މިހާރު ކުރިއަށްދާ އެ ކޮމިޝަނުގެ ނޫސްވެރިންގެ ބައްދަލުވުމުގައި އެ ކޮމިޝަނުގެ ރައީސް އަޙްމަދު ޝަރީފްއެވެ.

395 ފަރާތެއްގެ ކެންޑިޑެންސީ އީސީން ބަލައިގެންފައިވާއިރު، ކުރިމަތިލުމުގެ މުއްދަތު ހަމަވުމުގެ ކުރިން އެކޮމިޝަނަށް ފޯމް ހުށަހަޅުއްވާފައިވަނީ ޖުމްލަ 403 ފަރާތަކުންނެވެ.

މަޖިލިސް އިންތިޚާބަށް ވާދަކުރެއްވުމަށް ކުރިމަތިލެއްވި 403 ކެންޑިޑޭޓުންގެ ތެރެއިން 186 ކެންޑިޑޭޓުންނަކީ އަމިއްލަގޮތުން ވާދަކުރައްވާ ކެންޑިޑޭޓުންނެވެ. ޕާޓީތަކުން ކުރިމަތިލެއްވި ކެންޑިޑޭޓުންނަށް ބަލާއިރު، 86 ކެންޑިޑޭޓުންނަކީ އެމްޑީޕީގެ ކެންޑިޑޭޓުންނެވެ.

މިފަހަރުގެ އިންތިޚާބުގައި ޖުމްހޫރީ ޕާޓީން 41 ކެންޑިޑޭޓުން، ޕީޕީއެމް އިން 26 ކެންޑިޑޭޓުން، ޕީއެންސީ އިން 23 ކެންޑިޑޭޓުން، އެމްޓީޑީ އިން 10 ކެންޑިޑޭޓުން އަދި އެމްޑީއޭ އިން 8 ކެންޑިޑޭޓުން ވާދަކުރައްވަން ފޯމު ހުށަހެޅުއްވިއިރު، ލޭބަރ ޕާޓީއިން 9 ކެންޑިޑޭޓުން، އަދާލަތު ޕާޓީއިން 9 ކެންޑިޑޭޓުން އަދި ޑީއާރުޕީ އިން 5 ކެންޑިޑޭޓުން ފޯމު ހުށަހަޅުއްވާފައިވެއެވެ.

ވާދަކުރައްވަން ފޯމު ހުށަހެޅުއްވި 403 ކެންޑިޑޭޓުންގެ ތެރޭގައި 35 އަންހެން ކަނބަލުން ހިމެނޭއިރު، 368 ފިރިހެން ބޭފުޅުން ހިމެނެއެބެ. އެ އަދަދަށް ބަލާއިރު މި އިންތިޚާބުގައި ވާދަކުރައްވަން ފޯމު ހުށަހަޅުއްވާފައިވަނީ 8.63 އިންސައްތަ އަންހެން ކަނބަލުންނެވެ.

މި އިންތިޚާބުގައި ވާދަކުރައްވަން ޝައުގުވެރިކަން ފާޅުކުރައްވާ ފޯމު ހުށަހެޅުއްވާފައިވާ ފަރާތްތަކަށް ބަލާއިރު، އޭގެ ތެރޭގައި ހިމެނެނީ 35 އަހަރުން ދަށުގެ 71 ފަރާތަކާއި، 35 އަހަރުން މަތީގެ 332 ފަރާތެކެވެ.

އީސީން ވިދާޅުވީ، މަޖިލީހުގެ އިންތިޚާބުގައި ވާދަކުރުމުގެ ޝަރުތު ފުރިހަމަ ނުވާތީ 6 ފަރާތެއްގެ އެކްޕިކޭޝަން ރިޖެކްޓް ކޮށްފައިވާނެ ކަމަށާއި، 2 ފަރާތަކުން ނަން އަނބުރާ ގެންގޮސްފައިވާ ކަމަށެވެ.

ކެންޑިޑޭޓުންގެ ނަންތައް ތަރުތީބު ކުރުމަށް ހަމަޖެހިފައިވަނީ މިހިނގާ ފެބުރުވަރީ މަހުގެ 27 ވާ ބުދަ ދުވަހުއެވެ.

ގުޅުންހުރި ލިޔުންތައް
ފަހުގެ އަޕްޑޭޓް
ފަހުގެ އަޕްޑޭޓް