ކޮންމެ ވޯޓް ކަރުދާހެއްގައި ޚާއްޞަ ތައްގަނޑެއް ޖަހަނީ

އަންނަ އެޕްރީލް މަހު ބެއްވުމަށް ހަމަޖެހިފައިވާ މަޖިލިސް އިންތިޚާބުގައި ބޭނުންކުރާ ކޮންމެ ވޯޓު ކަރުދާސްކޮޅެއްގައި ޚާއްޞަ ތައްގަނޑެއް ޖައްސަވާނެކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެއްޖެއެވެ.

އިލެކްޝަންސް ކޮމިޝަނުން މިކަން ހާމަކޮށްފައިވަނީ މިހާރު ކުރިއަށްދާ އެ ކޮމިޝަނުގެ ނޫސްވެރިންގެ ބައްދަލުވުމުގައި އެ ކޮމިޝަނުގެ ރައީސް އަޙްމަދު ޝަރީފްއެވެ.

"މިފަހަރު ކޮމިޝަނުން ނިންމާފައި އެބައޮތް ވޯޓު ކަރުދާހުގައި ސެކިއުރުރިޓީ ފީޗާގެ އިތުރަށް އިތުރު ޔަޤީން ކުރުމެއް އިލެކްޝަންސް ކޮމިޝަނުނުގެ ފަރާތުން މިފަހަރު ކުރާނެ. އެއީ ވޯޓް ކަރުދާހުގައި ކޮންމެ ކަރުދާސްކޮޅެއް ދިނުމުގެ ކުރިން އިލެކްޝަންސް ކޮމިޝަނުގެ ތައްގަނޑެއް ޖަހާނެ." އީސީގެ ރައީސް އަޙްމަދު ޝަރީފް ވިދާޅުވިއެވެ.

ޝަރީފް ވިދާޅުވީ، މަޖިލިސް އިންތިޚާބަށް ޚާއްޞަ އިލެކްޝަންސް ކޮމިޝަނުގެ ތައްގަނޑެއް ކޮންމެ ވޯޓް ކަރުދާހެއްގައި ޖެހަން ނިންމާފައިވަނީ، ވޯޓް ފޮށްޓަށް ލާ ކޮންމެ ވޯޓް ކަރުދާހަކީ ޞައްޙަ ކަރުދާހެއްކަން ކަށަވަރު ކުރުމަށް ކަމަށެވެ.

"އޭގެ ބޭނުމަކީ ވޯޓް ފޮށްޓަށް ލާ ކަރުދާސްކޮޅު ވޯޓް ފޮޓު ފޮށި ބަލަހައްޓާ މީހާއަށް އެއީ ޞައްޚަ ކަރުދާސްކޮޅެއްކަން ފަސޭހައިން ޔަޤީންވާގޮތެއް ހެދުން. ކޮންމެ އަތަކަށް ފަށްޖަހާލިޔަސް ތައްގަނޑު ފެންނަން ހުންނާނެ. ފަސޭހައިން އެ ވޯޓް ފޮށްޓަށް ލެވެނީ އިލެކްޝަންސް ކޮމިޝަނުން ދޫކޮށްފައި އިން ވޯޓް ކަރުދާސްކޮޅެއްތޯ ނުވަތަ ނޫންތޯ ޔަޤީންކުރުމުގެ ބޭނުމުގައި." ޝަރީފް ވިދާޅުވިއެވެ.

ޝަރީފް އިތުރަށް ވިދާޅުވީ، ރާއްޖެއިން ބޭރުން ވޯޓް ކަރުދާސް ޗާޕް ކުރުމުގެ ވިސްނުމެއް ނެތްކަމަށާއި، އަންނަ ހަފްތާގެ ތެރޭގައި ވޯޓު ކަރުދާސް ޗާޕް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބީލަން ހުޅުވާލައްވާނެ ކަމަށެވެ.

ގުޅުންހުރި ލިޔުންތައް
ފަހުގެ އަޕްޑޭޓް
ފަހުގެ އަޕްޑޭޓް