ފިކުރީ ހައްދުފަހަނަ އެޅުމާއި ދެކޮޅަށް ކުރަމުންދާ މަސައްކަތްތަކަށް ތަޢުލީމީ ދާއިރާ އަހުލުވެރިކުރުމަށްޓަކައި ނޭޝަނަލް ކައުންޓަރ ޓެރަރިޒަމް ސެންޓަރުން ބާއްވާ މަސައްކަތު ބައްދަލުވުމެއް މާޅޮސްމަޑުލު ދެކުނުބުރީ އޭދަފުށީގައި ބާއްވައިފިއެވެ.
ބ.އަތޮޅު ތަޢުލީމީ މަރުކަޒުގައި ބޭއްވި މި މަސައްކަތު ބައްދަލުވުން އިފްތިތާޙުކޮށްދެއްވީ މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ސީނިއަރ އެގްޒެކެޓިވް ޑިރެކްޓަރ ޙަސަން އަތީފްއެވެ.
އަތީފްގެ ވާހަކަފުޅުގައި ފިކުރީ ހައްދުފަހަނަ އެޅުމާއި ދެކޮޅަށް ކުރަމުންދާ މަސައްކަތްތަކުގައި ސްކޫލްތަކުގެ އިސްވެރިންގެ ދައުރުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލެއްވިއެވެ.

ނޭޝަނަލް ކައުންޓަރ ޓެރަރިޒަމް ސެންޓަރާއި، އެޑިޔުކޭޝަން މިނިސްޓްރީ އަދި އެމްއެންޑީއެފް ނޮދަން އޭރިއާ އަދި ޔޫއެންޑީޕީ މޯލްޑިވްސް ގުޅިގެން ޖަޕާނު ސަރުކާރުގެ އެހީގައި ހިންގާ މި ޕްރޮގްރާމްގައި ސެޝަންތައް ނަންގަވައިދެއްވަނީ އެންސީޓީސީ އާއި ފުލުހުންގެ ބޭފުޅުންގެ އިތުރުން ޑރ.އިބްރާހީމް ޒަކަރިއްޔާ މޫސާއެވެ.
މި ޕްރޮގްރާމްގައި މާޅޮސްމަޑުލު ދެކުނުބުރީގެ 12 ސްކޫލަކުން 23 ބޭފުޅުން ބައިވެރިވެފައިވެއެވެ.

ތަޢުލީމީ ދާއިރާގައި މަސައްކަތްކުރާ އިސްބޭފުޅުންނަށް އަމާޒުކޮށްގެން ހިންގާ މި ސިލްސިލާ ބައްދަލުވުން، ވޭތުވެދިޔަ ދެ އަހަރު ދުވަހުގެ ތެރޭގައި، ގްރޭޓަރ މާލެ ސަރަހައްދުގެ ސްކޫލްތަކާއި، އައްޑޫ ސިޓީ، ހުވަދުއަތޮޅު ދެކުނުބުރި، އަދި ތިލަދުންމަތީ ދެކުނުބުރީގެ ސްކޫލްތަކުގެ އިތުރުން ހައްދުންމަތީގެ ސްކޫލްތަކުގައި މަސައްކަތްކުރާ އިސްބޭފުޅުންނަށް ހިންގާފައިވެއެވެ.