މަޖިލީހުގެ ޖަލްސާއެއްގައި ޢަބްދުﷲ ޖާބިރު - ފޮޓޯ: މަޖިލިސް

ޖާބިރު ހުށަހެޅީ މާލެއިން 20 އިންސައްތަ މީހުން ކާށިދޫއަށް ބަދަލުކުރަން!

ދިވެހިރާއްޖޭގެ ވެރިރަށް މާލެއަށް މީހުން ގިނަވެފައިވާ ކަމަށާއި، ހައްލު ހޯދުމަށް އެއްބަޔަކު މާލެއިން ކާށިދޫއަށް ބަދަލުކުރަންޖެހޭކަމަށް، ކާށިދޫ ދާއިރާގެ މެންބަރު ޢަބްދުﷲ ޖާބިރު ވިދާޅުވެއްޖެއެވެ.

ޖާބިރު މިހެން ވިދާޅުވީ، އަލިފާނުގެ ހާދިސާތައް ހުއްޓުވަން ފިޔަވަޅު އެޅުމަށް ގޮވާލާ ރައްޔިތުންގެ މަޖިލީހަށް ޖާބިރު ހުށަހެޅުއްވި ކުއްލި މައްސަލައިގެ ބަހުސް ފެއްޓެވުމުގެ ގޮތުން ވާހަކަފުޅު ދައްކަވަމުންނެވެ.

ޖާބިރު ވިދާޅުވީ، މާލޭގެ ޓްރާންސްޕޯޓް އަދި ކޮންސްޓްރަކްޝަން މަސައްކަތްތަކުގެ ސަބަބުން މީހުންނަށް ގެއްލުން ލިބި، އަލިފާނުގެ ހާދިސާތަކުގެ ސަބަބުން ތަންތަން އަނދާ ހިނގައިދާނެކަމަށެވެ. އަދި މިކަންކަމުން ސަލާމަތްވުމަށް ސިސްޓަމްތައް އަޅަންޖެހޭކަމާއި، މާލެ ޕްލޭންކުރަން ޖެހޭކަމަށް އޭނާ ވިދާޅުވިއެވެ.

"ކީތްވެގެންތޯ މީހުން މާލެއިން އޮފްލޯޑް ނުކުރަންވީ. ކާށިދޫގައި އެއާޕޯޓެއް އަޅާފައި މާލެއިން 20 ޕަސެންޓް މީހުން އެތަނަށް ބަދަލުކުރަންވީ ނޫންތޯ! އަޅުގަނޑު މިއަދު އެކަންވެސް ކުރާނަން. މާލެއަށް މީހުންތައް މާގިނަވެސް ވެއްޖެ، އެއްވެސް ޕްލޭނިންގ އެއް ނެތް." ޖާބިރު ވިދާޅުވިއެވެ.

ޖާބިރު ވިދާޅުވީ، ޖާބިރު މަޖިލީހަށް އެންމެ ފުރަތަމަ ވަޑައިގެންނެވިއިރު ރާއްޖޭގެ ބަޖެޓް އޮތީ ބިލިއަނެއްހާ ޑޮލަރުގައި ކަމަށާއި، މިހާރު އޮޕަރޭޓްވަނީ ދެތިންބިލިއަން ޑޮލަރުން ކަމަށެވެ.

"އެ ފައިސާ ކޮބައިތޯ އެ ފައިސާ، އެ ފައިސާއިން ކުރަންޖެހޭ ކަމަކީ މާލޭގައި ބޯހޯލް ކެނޑުން. އެއީ 4000 ޑޮލަރަށް ލިބޭ އެއްޗެއް، ކުރެވޭނެ ކަމެއް. ނަސަންދުރާ ކުރިމަތިން ފެންގެންނަން ހޮޅިއަޅާފައި، އަޅުގަނޑު ހުރީ ބަލަން. ސުބްހާނަﷲ، ކާށިދޫއަށް ހޮޅިއެޅިނަމަ މާރަނގަޅުވާނެ، ކާށިދޫ ކަނޑުން ފެން ގެންނަން އުޅުނުނަމަ. އޭރުން ހުންނާނީ މުޅި މާލޭގައި ރޯވެފައިތާ." ޖާބިރު ވިދާޅުވިއެވެ.

އިތުރަށް ޖާބިރު ވިދާޅުވީ، އަލިފާނުގެ މައްސަލައަކީ ވަރަށް ސީރިއަސް މައްސަލައެއް ކަމަށާއި، މާލޭގައި ހުޅުޖެހިގެން ތަނެއް ރޯވެއްޖެ ކަމަށްވަންޏާ ވާގޮތް ކުރިމަތިން ފެނިގެން ހިނގައްޖެ ކަމަށެވެ.

މިވާހަކަތައް ތަކުރާރުކޮށް މަޖިލީހުގައި ދައްކަންޖެހޭތީ ހިމާތަކުރައްވާ ކަމަށާއި، ޗުއްޓީގައި ހުންނަވައިގެންވެސް މަޖިލީހަށް ވަޑައިގެންނެވީ މިވާހަކަތައް ދައްކަވަން ކަމަށް ޖާބިރު ވިދާޅުވިއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ