ލ. ފޮނަދޫން އެ އަތޮޅު މާމެންދު އަށް ދަަތުރުކުރަނިކޮށް، ލ. ގާދޫ ކަނޑުއޮޅިއަށް ހުކުރު ދުވަހުގެ ރޭ ބަންޑުން ޖަހާލި ޑިންގީން ގެއްލުނު ލ.މާމެންދޫއަށް އުފަން އުމުރުން 19 އަހަރުގެ އައިމިނަތު ޝިމާ ނާފިޒު ގެއްލުނު ޑިންޑީން މީގެ ކުރިން އިތުރު މީހަކު މަރުވެފައިވާކަން މިއަދު މިވަނީ ހަނދާނަށް ގެންނާން މަޖުބޫރުވެފައެވެ.
މީގެ ތިން އަހަރު ކުރިން ލ. އަތޮޅު ކައުންސިލްގެ މާވަށު މެމްބަރު، މުހައްމަދު އަބްދުއްރަހުމާން މަރުވެފައިވަނީ އޭނާގެ ބަފައިބެއާ އެކު މަސް ބާނަން ނިކުމެ އުޅެނިކޮށް، ފޮނަދޫ ބޭރުން، ފަޅުތެރެއަށް ހަމަ އެ ޑިންގީ ބަންޑުން ޖަހާލައިގެންނެވެ.
ނަނުގައި ގަތް މަހެއް ޑިންގީއަށް ނަގަން އުޅެނިކޮށް ޑިންގީ ބަންޑުން ޖަހާލުމުން، އޭނާގެ ބަފައިބެ ވަނީ އެފަހަރުވެސް ފަތާފައި ފޮނަދުއަށް އަރައިފައެވެ. އުމުރުން 33 އަހަރުގެ މުހައްމަދު އެފަހަރު ފެނުނީ ސިފައިންނާއި ފޮނަދޫ ރައްޔިތުން ކުރި މަސައްކަތުން، ދެ ގަޑިއިރެއްހާއިރު ފަހުން މޫދު އަޑިންނެވެ.
މުހައްމަދުގެ އާއިލާގެ އެ ޑިންގީ، ލ. ގާދޫން ފޮނަދުއަށް ބަދަލުވި މީހަކަށް ވިއްކާލައިފައިވާއިރު، 12 ވަރަކަށް ފޫޓުގެ އެ ޑިންގީގައި އަޅާފައި އިންނަނީ 3 ހޯސްޕަވަރ ގެ ކުޑަ އިންޖީނެކެވެ. 2 ގަޑިއެއްހާއިރުން ކުރެވޭނެ ކަމަށް ލަފާކުރާ އެފަތުރު ކުރަން އެ ޑިންގީ އެއްގޮތަކަށްވެސް އެކަށީގެން ނުވާކަމަށް އެރަށު މީހުން ދަނީ ބުނަމުންނެވެ.

ލ. އަތޮޅު ކައުންސިލްގެ މާވަށު މެމްބަރު، އަލްމަރްހޫމް މުހައްމަދު އަބްދުއްރަހުމާން
މުޙައްމަދު އަބްދުއްރަހުމާންވެސް މަރުވި، އެ ޑިންގީން ދަތުރު ކުރަނިކޮށް ސިމާ ގެއްލިގެން ހޯދަމުން އަންނަތާ 48 ގަޑިއިރު ހަމަވިއިރު ސިމާގެ އަދި އެ ޑިންގީގެ އެއްވެސް ހަބަރެއް ނުވެއެވެ.
ޑިންގީ ދުއްވަން ހުރި އަދި ޝިމާއާ އެކު ދަތުރުކުރި ހަމައެކަނި މީހާ ކަމަށް ވާ އިބްރާހިމް ފަޒީލް، 24، ވަނީ މި ހާދިސާ އިން ސަލާމަތްވެފަ އެވެ. އޭނާ ފަތާފައި ގޮސް އެރީ އެ ހިސާބުގައި އޮތް ސިކްސް ސެންސަސް ރިޒޯޓަށެވެ. މުޙައްމަދު މަރުވި ހާދިސާގައިވެސް އެ ޑިންގީގައި ހުރި މުޙައްމަދުގެ ބަފާބެ ސަލާމަތްވީ ފަތާފައި ގޮސް ރަށަށް އަރައިގެނެވެ.
18 މަހުގެ ތުއްތު ދަރިއެއްގެ މަންމަ، ހުކުރު ދުވަހުގެރޭ 18:15 ހާއިރު ފެށި ގޮތް ނޭނގޭ ދަތުރާއެކު އެތައް ސުވާލެއް އުފެދިފައިވާއިރު، ދަތުރުކުރި ޑިންގީ، ޑިންގީގެ އެއްވެސް އެއްޗެއް، ސިމާ އަތަށް ދިންކަމަށްބުނާ ހުދު ހަން، އަދި ސިމާގެ އެއްވެސް ހަބަރެއް ނުވެއެވެ.
އެ ސަރަހައްދު ކަނޑާއި ވައިގެ މަގުން އަދި ޑައިވަރުންނާއި ރޮބޮޓް ބޭނުންކޮށްގެން ބަލަމުންދާއިރު، ޑިންގީ ދުއްވި ފަޒީލްއަށް ކުރި އިތުބާރު ގެއްލި ކައިރި ފަޅުރަށްތަކުގައި އަތްފުނާ އެޅުމުގެ މަސައްކަތްވެސް މިހާރު ވަނީ ފަށާފައެވެ.
ސިމާ ގެއްލުނު ޑިންގީއާއި ހިތާމަވެރި ގޮތްނޭނގޭ ދެ ހާދިސާއާ ގުޅޭ ގޮތުގެ ހަޤީޤަތް ހޯދަން ދިވެހިން ބޭނުންވާނެކަން ގައިމެވެ.
ހިޔާލު
Vaguthu ga mi news in maakurin jahaifa. Hama bunelee
ކޮމެންޓް ކުރުން ބަންދު