ތިލަދުންމަތީ ދެކުނުބުރީ ކުރިނބީއިން ބަންޑާރަ ގޯތި ދޫކުރުމަށް ކުރަމުންދާ މަސައްކަތް މަޑުޖައްސާލުމަށް ހައުސިން މިނިސްޓްރީން އަންގައިފިއެވެ.
އެ މިނިސްޓްރީން ކުރިނބީ ކައުންސިލަށް އަންގާފައިވަނީ މިހާރު ދޫކުރުވުމަށް މަސައްކަތް ކުރެވެމުންދާ 31 ގޯތި ދޫކުރުމާއި ގުޅޭ ގޮތުން އެ މިނސްޓްރީއަށް ހުށައެޅިފައިހުރި ޝަކުވާތަކެއް ބެއްލެވުމުގެ ކަންކަން ކުރިޔަށްދާތީ، އެ މިނިސްޓްރީން ވަކި ގޮތެއް އަންގަންދެން ގޯތި ދޫކުރުމުގެ އެންމެހާ ކަންކަން ވަގުތީ ގޮތުން މަޑުޖައްސެވުމަށެވެ.
ކުރިނބީ ކައުންސިލުން މިއަދު ބޭއްވި ބައްދަލުވުމެއްގައި ވިދާޅުވެފައިވަނީ އެއްވެސް ކަމެއް ޤާނޫނީ އިމުގެ ބޭރުން ކޮށްފައިނުވާނެކަމަށާއި، ހައުސިންގ މިނިސްޓްރީއާއި މަޝްވަރާކޮށްގެން ގޯތި ދޫކުރުމުގެ ކަންކަން ކުރިޔަށް ގެންދަވާނެކަމަށެވެ.
މިމައްސަލައާއި ގުޅިގެން ހައުސިން މިނިސްޓްރީން މިނޫހަށް ވިދާޅުވީ، ހދ.ކުރިނބީގެ ގޯތި ދޫކުރުމުގެ މަސައްކަތް ވަގުތީގޮތުން މަޑުޖައްސާލަން އަންގަވާފައިވަނީ ގޯތި ދޫކުރުމާއި ގުޅޭގޮތުން އެރަށުގެ ރައްޔިތުންގެ ޝަކުވާތަކެއް އެ މިނިސްޓްރީއަށް ހުށައަޅާފައިވާތީ، އެޝަކުވާތަކާއި ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުންގެންދާތީ ކަމަށެވެ.
ކުރިނބީ އިން ދޫކުރުމަށް ނިންމާފައިވަނީ 3000 އަކަފޫޓޫގެ 31 ގޯއްޗެވެ. މި މަސައްކަތް ފަށާފައިވަނީ 2015 ވަނަ އަހަރުގެ ތެރޭގައެވެ.
އޭސީސީން މިނޫހަށް ވިދާޅުވީ، މި މައްސަލާގައި އަދި އެއްވެސް ފަރާތަކަށް ވަކި ގޮތަކަށް އެއްވެސް ކަމެއް ކުރުމަށް އަންގާފައި ނުވާނެކަމަށާއި، ގޯތި ދޫކުރުމުގެ ކަންކަން މަޑުޖައްސާލުމަށް އެއްވެސް ފަރާތަކަށް އަންގާފައި ނުވާނެކަމަށެވެ.
މިހާރު ކުރިޔަށްދަނީ ލިޔެކިޔުންތަކާއި މަޢުލޫމާތުތައް ހޯދާ ދިރާސާ ކުރުމުގެ މަސައްކަތްކަމަށްވެސް އޭސީސީން ވަނީ ވިދާޅުވެފައެވެ. އަދި މި ފަދަ ކަންކަމުގެ ބެލެނިވެރި ފަރާތަކީ ހައުސިންގ މިނިސްޓްރީކަމަށް ވުމުން، އިދާރީ ގޮތުން ކަންކަން ކުރުމުގެ ބާރު އެ މިނިސްޓްރީއަށް ލިބިގެން ވާކަމަށެވެ.
ގޯތި ދޫކުރުމުގެ މަސައްކަތް އެންމެ ފުރަތަމަ ފެށިފައިވަނީ 2015 ވަނަ އަހަރުއެވެ. ނަމަވެސް އޭރުވެސް ބަލަމުންދާ ހުށައެޅިފައިވާ މައްސަލަތަކަކާ ގުޅިގެން މިނިސްޓްރީން ވަނީ ގޯތި ދޫކުމުގެ މަސައްކަތް މަޑުޖައްސާލުމަށް ކުރިނބީ ކައުންސިލަށް އަންގާފައެވެ. މިނިސްޓީން އަލުން ގޯތި ދޫކުރުމުގެ ހުއްދަ ކުރިނބީ ކައުންސިލަށް ދީފައިވަނީ 2018 ވަނަ އަހަރުގެ ތެރޭގައެވެ.
2018 ވަނަ އަހަރު ފުރަތަމަ ކުރި އިޢުލާނު ބާޠިލްކުރުމަށްފަހު ދެވަނަ ފަހަރަށް އިޢުލާން ކޮށްފައިވަނީ 2018 ވަނަ އަހަރުގެ އޮކްޓޫބަރ 08 ވަނަ ދުވަހުއެވެ. އޭގެ ފަހުން 11 މަސްވެފައިވާއިރު، ގޯތި ހޯދުމަށް ހުށައަޅާފައިވާ ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ވަގުތީ ޝީޓް އާންމު ކޮށްފައިވަނީ އޯގަސްޓްމަހުގެ ތެރޭގައެވެ.




