ބޮޑު ކާރިސާއަކާ ކުރިމަތިލުމުގެ ފެންވަރު މި ސަރުކާރުގައި ނެތްކަމަށް ސަރުކާރާ އިދިކޮޅު ސިޔާސީ ފަރާތްތަކުން ބުނެފިއެވެ.
ޕްރޮގްރެސިވް ކޯލިޝަނުން މިއަދު ހަވީރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، މާވަށު ދާއިރާގެ ޕީއެންސީ މެންބަރު އާދަމް ޝަރީފް އުމަރު ވިދާޅުވީ، މާލޭގައި ހިނގި އަލިފާނުގެ ބޮޑު ހާދިސާފަދަ ކްރައިސިސް އެއް މެނޭޖްކުރުމުގެ ޤާބިލުކަން ޑިޒާސްޓަރ މެނޭޖްމެންޓްގައި ނެތް ކަމަށެވެ.
އެކަމުގެ ސަބަބުން އަލިފާނުގެ ހާދިސާގައި ގެއްލުންވި ފަރާތްތަކަށް އެކަށީގެންވާ ގޮތެއްގައި އަޅާލަންޖެހޭ އަޅާލުންވެސް އަޅާ ނުލެވޭ ކަމަށާއި، އިންސިއުރެންސް ކޮށްފައި ހުރި ތަކެތީގެ ބަދަލު ހޯދުމުގައިވެސް ސަރުކާރުގެ ފަރާތުން އެންމެ އެކަށީގެންވާ ގޮތުގައި އެއްބާރުލުން ނުލިބޭ ކަމަށެވެ.
ހަމައެއާއެކު ހާލުގައި ޖެހުނު ފަރާތްތަކަށް ކެއުމަށް ދޭ 200ރ ގެ އިތުރުން އިތުރު ފައިސާ އެފަރާތްތަކުގެ އަތުގައި ނުހުންނާތީ އެފަރާތްތަކަށް ވަރަށް ބޮޑެތި ދަތިތަކާ ކުރިމަތިލާން ޖެހޭ ކަމަށް އާދަމް ޝަރީފް އުމަރު ވިދާޅުވިއެވެ.
"މި ހުރިހާކަމެއް މިހެން ހުރުމާއެކީގައި އަޅުގަނޑުމެންނަށް ފާހަގަކުރެވިގެން ދަނީ ކްރައިސެސްއެއް މެނޭޖްކުރުމުގެ ޤާބިލުކަމެއް މިސަރުކާރުގައި ނެތްކަމަށް. މިއީ ނިސްބަތުން ބަލާނަމަ ވަރަށް ކުޑަ ރަށެއްގައި ދިރިއުޅޭ ރަށެއްގެ އާބާދީއަކަށް ދިމާވި ކަމެއް، އެހެންނަމަވެސް މިހާހިސާބަށް އައިއިރުގައި ދާއިމީ ބޯހިޔާވަހިކަމެއް ހޯދައިދިނުމަށް ކުރެވޭ މަސައްކަތް ވަރަށް ކުޑަކަމަށް ފާހަގަކުރެވޭ." އާދަމް ޝަރީފް އުމަރު ވިދާޅުވިއެވެ.
މިދިޔަ ހުކުރު ދުވަހުގެރޭ މާލޭގައި ހިނގި އަލިފާނުގެ ހާދިސާގައި އެތައް ގެއެއް އަނދާ ހުލުވެފައިވާއިރު، ގިނަ އަދަދެއްގެ ގެތަކުން ވަނީ މީހުން ހުސްކޮށްފައެވެ. މި ހާދިސާއަށްފަހު އެތައް ބަޔަކު އަދިވެސް ދިރިއުޅެމުންދަނީ ވަގުތީ ތަންތަނުގައެވެ.



