އދ. ގެ އާންމު މަޖިލީހުގައި ބައިވެރިވުމަށް ރާއްޖެއިން ދިޔަ ވަފުދުގެ ބައިވެރިންގެ ޚަރަދުތަކުގެ ތަފްޞީލު ހާމަކުރައްވާނެ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހިމް ހޫދު ވިދާޅުވެއްޖެއެވެ.
ހޫދު އެހެން ވިދާޅުވީ، ރައީސް ސޯލިހުއާއި އެކު އދ. ގެ އާއްމު ޖަލްސާގައި ބައިވެރިވާން ދިޔަ ވަފުދުގެ ބޭފުޅުން ގެ ހަރަދުގެ ތަފްސީލު އާއްމު ކުރުމަށް ޓްރާންސްޕޭރެންސީ މޯލްޑިވްސް އިން ގޮވާލުމާއި ގުޅިގެންނެވެ.
ރައީސްގެ ދަތުރުފުޅުގައި ރައީސް އޮފީހުގެ ގިނަ ބަޔަކު ބައިވެރިވެ ވަޑައިގެންފައިވާތީ ސަރުކާރަށް ފާޑު ކިޔުންތައް ވަނީ އަމާޒުވެފައެވެ. އަދި ބައެއް ފަރާތްތަކުބް ވަނީ ދިޔަ ވަފްދުގެ ލިސްޓު ސޯޝަލް މިޑީއާގައި އާއްމުކޮށްފައެވެ.
ރައީސް އޮފީހުން ކުރިން ވިދާޅުވެފައިވަނީ މިފަދަދަތުރުގެ ބައިވެރިންގެ ޚަރަދުތަކުގެ ތަފްޞީލް އާންމުގޮތެއްގައި ޙިއްސާއެއް ނުކުރާކަމަށެވެ.
I told the reporter I’m not sure of the amount as it is not something we are usually asked to disclose but my estimate is it would be around half the figure quoted on social media. I’m actually flying now and would be happy to disclose more details when back in the office. Thanks
— Ibrahim Hood (@MvSpokesperson) September 28, 2019
އަދި މިކަމާ ކަންބޮޑުވުން ފާޅުކުރައްވާ ޓްރާންސްޕޭރެންސީން ވިދާޅުވީ، ޤާނޫނު އަސާސީގެ 29 ވަނަ މާއްދާގެ ދަށުން މައުލޫމާތެއް ހޯދައި ލިބިގަތުމަކީ އެކަމަށް އެދޭ ކޮންމެ މީހަކަށްމެ ލިބިގެންވާ ހައްގެއްކަމަށެވެ. އަދި އެއްވެސް މަޢުލޫމާތަކަށް ބަޔަކު އެދިފައިވާނަމަ ވީހާވެސް އަވަހަކަށް އެމަޢުލޫމާތު ޙިއްސާކުރުމަށް އެޖަމިއްޔާއިންވަނީ ގޮވާލާފައެވެ.
އަދި ދަޢުލަތުގެ އިދާރާއަކުން ކޮށްފައިވާ ޚަރަދުތަކުގެ ތަފްޞީލް އެއިދާރާއަކުން އަމިއްލައަށް އިސްނަގައިގެން ހާމަކުރަންޖެހޭނެކަމަށް ޤާނޫނުގައި ބުނެފައިވާތީ އދ. ގެ ދަތުރުގެ ޚަރަދުގެ ތަފްޞީލަކީ ޙިއްސާނުކޮށް ބޭއްވޭނެ މަޢުލޫމާތެއް ނޫންކަމަށްވެސްވަނީ ވިދާޅުވެފައެވެ.
2016 ވަނަ އަހަރުގެ އދ.ގެ ޖެނެރަލް އެސަމްބްލީގައި 31 ގައުމަކުން މޫސުމަށް އަންނަމުންދާ ނޭދެވޭ ބަދަލުތަކުގެ އަސަރު ކުޑަކުރުމަށް އެކުލަވާލި "ޕެރިސް އެގްރީމަންޓް"ގައި ބުނާ ޓައިމަލައިންތަކަށް ދިވެހިރާއްޖެއަކަށް މަޑު ނުކުރެވޭނެކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އދ. ގައި ތަޤުރީރުކުރައްވަމުން ވިދާޅުވެފައިވާއިރު، މިއީ ހަ އަހަރުގެ މެދުކެނޑުމަށްފަހު ރާއްޖޭގެ ރައީސަކު އދ ގެ އާންމު ޖަލްސާގައި ތަގުރީރު ކުރެއްވި ފުރަތަމަ ފަހަރެވެ.