ކަނޑައެޅިފައިވާ ތާރީޚުގައި އިންތިޚާބު ބާއްވާނަން - އީސީ ޝަރީފް

ޝެޑިއުލް ކުރެވިފައިވާ ގޮތަށް ކަނޑައެޅިފައިވާ ތާރީޚްގައި މަޖިލިސް އިންތިޚާބު ބާއްވާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުގެ ރައީސް އަޙްމަދު ޝަރީފް ވިދާޅުވެއްޖެއެވެ.

ސްޕްރީމް ކޯޓުން ދާދި ދެންމެ ހުކުމް ކޮށްފައިވަނީ ސިޔާސީ ޕާޓީތަކުގެ ޕްރައިމަރީގައި ބަލިވިޔަސް މަޖިލިސް އިންތިޚާބުގައި ވާދަ ކުރެވޭނެ ކަމަށާއި، ޕްރައިމަރީން ބަލިވި ކެންޑިޑޭޓުންގެ ތެރެއިން އިންތިޚާބުގައި ވާދަކުރަން ބޭނުންފުޅު ކެންޑިޑޭޓުން އިންތިޚާބުގައި ވާދަކުރުމަށް ފޯމު ހުށަހެޅުމަށް އަންނަ މާރިޗު މަހުގެ 4 ވަނަ ދުވަހާ ހަމައަށް ފުރުޞަތު ހުޅުވާލުމަށެވެ.

ސްޕްރީމް ކޯޓުގެ ހުކުމާއެކު އިލެކްޝަންސް ކޮމިޝަނުގެ ރައީސް އަޙްމަދު ޝަރީފް ކުރެއްވި ޓްވީޓްގައި ވިދާޅުވީ، ޕްރައިމަރީން ބަލިވި ފަރާތްތަކަށް ކުރިމަތިލުމަށް އަންނަ މަހުގެ 4 ވަނަ ދުވަހާ ހަމައަށް ފުރުޞަތު ހުޅުވާލިޔަސް އިންތިޚާބު ފަސް ނުކުރައްވާނެ ކަމަށެވެ.

ކެންޑިޑޭޓުންގެ ފޯމު ބަލައިގަތުމުގެ މުއްދަތު މިމަހުގެ 21 ވަނަ ދުވަހަށް ހަމައަށް ހަމަވެފައިވާއިރު، އީސީން ކުރިން ތާވަލުކޮށްފައި އޮތީ ކެންޑިޑޭޓް ނަންބަރު ތަރުތީބު ކުރުން މިމަހުގެ 27 ވަނަ ދުވަހު ބޭއްވުމަށެވެ.

ހުކުމާއި ގުޅިގެން ޝަރީފް މިހެން ވިދާޅުވި ނަމަވެސް އިލެކްޝަންސް ކޮމިޝަނުން ރަސްމީކޮށް އަދި ވަކި އެއްޗެއް ވިދާޅެއް ނުވެއެވެ.

ގުޅުންހުރި ލިޔުންތައް
ފަހުގެ އަޕްޑޭޓް
ފަހުގެ އަޕްޑޭޓް