އަދުގެ ސަރުކާރު ރަނގަޅަށް ނުހިނގައިގެން އުޅެނީ ޤާނޫނު އަސާސީއާއި ޚިލާފަށް ކޯލިޝަނަކަށް ބައިއަޅައިގެން ސަރުކާރު ހިންގަން އުޅޭތީކަމަށް، ކާށިދޫ ދާއިރާގެ މެންބަރު ޢަބްދުﷲ ޖާބިރު ވިދާޅުވެއްޖެއެވެ.
ޖާބިރު މިހެން ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގައިދައުރުން ބޭރުގައި މިހާރު ބާއްވަމުންދާ ޖަލްސާގައި ނެންނެވި ނިޒާމީ ނުކުތާއެއްގައެވެ. ނަމަވެސް އެއީ ނިޒާމީ ނުކުުތާއަކަށް ވާނެ އެއްވެސް ހަމައެއް ނެތްކަމަށް ރިޔާސަތުން ވަނީ ވިދާޅުވެފައެވެ.
ޖާބިރު ވިދާޅުވީ، ޤާނޫނު އަސާސީގައި ކޯލިޝަނެއް ނެތްކަމަށާއި، ކޯލިޝަން އެގްރީމެންޓް ކޮބައިކަން ރައްޔިތުންގެ މަޖިލީހަށް ސާފުކޮށްދެއްވަން ޖެހިވަޑައިގަންނަވާނެ ކަމަށެވެ.
"ޤާނޫނު އަސާސީގައި ދުވަހަކުވެސް ނެތްކަމެއް ހަދައިގެން މިއުޅެނީ ކީތްވެގެންތޯ ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާއަށް ދަންނަވާލާނަން. ކޮންތާކުތޯ ކޯލިޝަން އެގްރީމެންޓެއް އޮތީ ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އެބަޖެހޭ މި މަޖިލީހަށް ސާފުކޮށްދެއްވަން." ޖާބިރު ވިދާޅުވިއެވެ.
އަދުގެ ސަރުކާރުގެ ކޯލިޝަން ޕާޓުނަރުންނަށް ދީފައިވާ ސަރުކާރުގެ ހިއްސާއާއި ގުޅޭގޮތުން ޖާބިރު ވަނީ ހިތްހަމަނުޖެހުން ފާޅުކުރައްވާފައެވެ.
"ނެތް ކޯލިޝަން އެގްރީމެންޓް އޮކަމަށް ހަދައިގެން މުޅިން ޤާނޫނު އަސާސީއާ ޚިލާފަށް ބަހާލައިގެން ބައި އަޅައިގެން މި ސަރުކާރު ނުހިނގައިގެން މިއުޅެނީ. ޖުމްހޫރީ ޕާޓީއަށްވެސް އެހާ ބައިވަރު، ދެން މަޢުމޫނަށްވެސް އެހާ ބައިވަރު. މިކަމެއް ނުވާނެ އެއްނު ރަނގަޅަކަށެއް." ޖާބިރު ވިދާޅުވިއެވެ.
ޖާބިރު ވިދާޅުވީ، ކޯލިޝަނެއް ނެތްކަމަށާއި، ވޯޓު ދެއްވީ އިބްރާހީމް މުޙައްމަދު ޞޯލިޙަށް ކަމަށެވެ. އަދި ކޯލިޝަން އެގްރީމެންޓެއް ނެތްކަމަށް ތަކުރާރުކޮށް ޖާބިރު ވިދާޅުވިއެވެ.
"ކޯލިޝަން ނެތްކަމަށް މިއަދު އިއުލާން ކުރަންޖެހޭ ރައީސް އިބްރާހީމް މުޙައްމަދު ޞޯލިޙް. އެހެންނޫނީ މިމަޖިލީހަށް ވަޑައިގެން އެބަޖެހޭ [ވިދާޅުވާން] ކޮބައިތޯ ކޯލިޝަނަކީ؟ ކާކު ހަދައިގެން އުޅޭ ކޯލިޝަނެއްތޯ؟" ޖާބިރު ވިދާޅުވިއެވެ.
ކޯލ؛ިޝަނަށް ޖާބިރު ފާޑުވިދާޅުވިއިރު، މިދިޔަ މަޖިލިސް އިންތިޚާބުގެ މަހެއްހާ ދުވަސް ކުރިން ކޯލިޝަން ވެރިންގެ ބައްދަލުވުމެއް ބޭއްވިފަހުން އަދި ބައްދަލުވުމެއް ބޭއްވިފައެއް ނުވެއެވެ.




