ރައްޔިތުންގެ މަޖިލިސް - ފޮޓޯ: މަޖިލިސް

ތިންވަނަ ދައުރުގެ ފުރަތަމަ ޖަލްސާ ބުރާސްފަތި ދުވަހު

އަންނަ ބުރާސްފަތި ދުވަހު ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ތިންވަނަ ދައުރުގެ ފުރަތަމަ ޖަލްސާ ބާއްވަން ނިންމާފައިވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ބުނެފިއެވެ.

މަޖިލީހުގެ އިދާރާގެ މީޑިއާ އެންޑް ކޮމިއުނިކޭޝަންސް ޑިރެކްޓަރު ހަސަން ޒިޔާއު ވިދާޅުވީ, މިއަހަރުގެ ތިންވަނަ ދައުރުގެ ފުރަތަމަ ޖަލްސާ އަންނަ ބުރާސްފަތި ދުވަހުގެ ހެނދުނު 9:00 ގައި ބާއްވަން ހަމަޖެހިފައިވާ ކަމަށާއި، އެކަން މެންބަރުންނަށް އަންގާފައިވާ ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގއި ވާގޮތުން ދެވަނަ ދައުރު ކުރިއަށް ދަނީ ކޮންމެ އަހަރެއްގެ އޮގަސްޓު މަހުގެ ނިޔަލަށް ނަމަވެސް، މިދިޔަ ދައުރު އިތުރު ހަފުތާއަކަށް ދިގު ކުރަން މެންބަރުންގެ ވޯޓުން ފާސްކުރުމާއި ގުޅިގެން، ދެވަނަ ދައުރު ނިންމާލާފައިވަނީ ނިމުނު ސެޕްޓެމްބަރު މަހުގެ ފަސްވަނަ ދުވަހުއެވެ.

ސެޕްޓެމްބަރު ފަސްވަނަ ދުވަހު ދެވަނަ ދައުރުގެ ޖަލްސާތައް ނިންމާލި ނަމަވެސް، އިއްޔެ ފާސްކުރި ޓެރަރިޒަމް މަނާ ކުރުމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ މަސައްކަތް ކުރުމަށްޓަކައި ދައުރުން ބޭރުގައި ތިން ޖަލްސާއެއް ބާއްވާފައިވެއެވެ.

ޖަލްސާތައް ނިންމާލައި މަޖިލިސް ޗުއްޓީއަށް ދިޔަ ނަމަވެސް މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީ (241 ކޮމިޓީ) ގެ މެންބަރުން ޗުއްޓީއަށް ވަޑައި ނުގަނެ، ނޫސްވެރިޔާ އަހުމަދު ރިލްވާންގެ މަރުގެ މައްސަލާގައި މަރުތައް ތަހުގީގު ކުރާ ރިޔާސީ ކޮމިޝަނުން އެކުލަވާލި ރިޕޯޓް ދިރާސާ ކުރުމުގެ މަސައްކަތް ދިޔައީ ކުރައްވަމުންނެވެ.

އަންނަ ބުރާސްފަތި ދުވަހު ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ތިންވަނަ ދައުރުގެ ފުރަތަމަ ޖަލްސާ ބާއްވަން ނިންމާފައިވީ ނަމަވެސް އެ ޖަލްސާގެ އެޖެންޑާ އަދި ފައިނަލް ނުކުރެއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ