އިންޑިއާއިން އެމްއެންޑީއެފަށް ތިން ކާރާއި ޕިކަޕެއް ހަދިޔާކޮށްފި

އިންޑިއާ އަސްކަރިއްޔާގެ ފަރާތުން އެމްއެންޑީއެފަށް ވެހިކަލްތަކެއް މިއަދު ހަދިޔާކުރައްވައިފިއެވެ.

މިއަދު އިންޑިއާއިން އެމްއެންޑީއެފަށް ހަދިޔާކުރައްވާފައިވަނީ ތިން ކާރާއި އެއް ޕިކަޕު އަދި ސްޕެއަރތަކެކެވެ.

މިއަދު ހެނދުނު ބަންޑާރަކޮށީގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި، އިންޑިއާ އަސްކަރިއްޔާގެ ފަރާތުން ހަދިޔާކުރެއްވި ވެހިކަލްތަކާ އެމްއެންޑީއެފްގެ ފަރާތުން ހަވާލުވެލެއްވީ ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލެވެ. އަދި، އިންޑިއާގެ ފަރާތުން މި ވެހިކަލްތައް އެމްއެންޑީއެފްއާ ހަވާލުކޮށްދެއްވީ ޗީފްސް އޮފް ސްޓާފް ކޮމިޓީ (ސީ.އޯ.އެސް.ސީ)ގެ ޗެއަރމަން އަދި އިންޑިއާގެ ޗީފް އޮފް އާމީ ސްޓާފް، ޖެނެރަލް ބިޕިން ރާވަތުއެވެ.

މިއަދު ބޭއްވި ރަސްމިއްޔާތުގައި، އިންޑިއާގެ ފަރާތުން ދެއްވާ އެހީތަކަށް އަލިއަޅުއްވާލައްވައި، ދިވެހި ސިފައިންގެ ޤާބިލްކަން އިތުރުކުރުމަށާއި، އެމްއެންޑީއެފްގެ އިންސާނީ ވަސީލަތް ތަރައްޤީކުރުމަށް އިންޑިއާގެ އަސްކަރިއްޔާއިން ދެއްވާ އިސްކަމާއި، އެހީތެރިކަން ފާހަގަކުރައްވައި އެމްއެންޑީއެފް ސަރވިސް ކޯގެ ކޮމަޑާންޓް ކާނަލް ޙާމިދު ޝަފީޤު ޝުކުރުއަދާކުރެއްވިއެވެ.

މި ރަސްމިއްޔާތުގައި، އިންޑިއާގެ ސަފީރު ސަންޖޭ ސުދީރާއި އެމްއެންޑީއެފްގެ ޖެނެރަލް އޮފިސަރުންނާއި، ދެ ޤައުމުގެ ޑިފެންސް އެޓާޗޭއިން ބައިވެރިވެވަޑައިގެންނެވިއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ