ޔޮޓް "ޕްރިންސެސް އުޝްވާ" އަދި ޔޮޓްގެ އިންޖީނު ސިޓީލާ ނީލަމުގައި ވިއްކާލަން ބޭންކް އޮފް މޯލްޑިވްސް އިން މިއަދު އިޢުލާނުކޮށްފިއެވެ.
ޔޮޓް ވިއްކާލަނީ އެ ބޭންކުން ނަގާފައިވާ ލޯނު ނުދެއްކުމާއި ގުޅިގެން ރަޙުނުގެ ގޮތުގައި ބަހައްޓާފައިވާ ޔޮޓާއި އިންޖީނު ވިއްކުމުގެ ހުއްދަ ސިވިލް ކޯޓުން އެ ބޭންކަން ދިނުމާއި ގުޅިގެންނެވެ.
ބީއެމްއެލް އިން ކޮށްފައިވާ އިޢުލާނުގައި ބުނެފައިވަނީ މި ޔޮޓަކީ ލަކުޑިން ބަނދެފައި އޮތް ސަފާރީއެއްގެ ގޮތުގައި މިވަގުތު ބޭނުން ކުރަމުންދާ ޔޮޓެއްކަމަށެވެ. މި ޔޮޓް ރަޖިސްޓްރީ ކޮށްފައިވަނީ 24 ޖުލައި 2005 ގައެވެ. ނީލަމުގައި ޔޮޓް ވިއްކާލަން ހަމަޖެހިފައިވަނީ އިންޖީނާއި އެކުކަމަށެވެ. މި ޔޮޓްގައި ވާ އިންޖީނަކީ ކަމިންސް ބްރޭންޑްގެ މެރިން ޑީސަލް އިންޖޭނެކެވެ.
ބީއެމްއެލް އިން ބުނެފައިވަނީ މި ނީލަމުގައި އެންމެ މަދުވެގެން ހުށައެޅޭނެ އަގަކީ -/4،400،000 (ހަތަރު މިލިއަން ހަތަރުލައްކަ ރުފިޔާ) ކަމަށެވެ.
މި ނީލަމަށް ސިޓީ ހުށައެޅުމުގެ އެންމެ ފަހު ތާރީޚަކީ 24 އޮކްޓޫބަރު 2019 ވަނަ ދުވަހުގެ މެންދުރުފަހު 13:30 އެވެ. ސިޓީ ހުޅުވުން އޮންނާނީ ބޭންކް އޮފް މޯލްޑިވްސް ޕލކ، ރިކަޗަރީސް ޑިޕާޓްމަންޓް، 7 ވަނަ ފަންގިފިލާ، ސީޓްރެކްސް ބިލްޑިންގގައެވެ. މުއްދަތު ހަމަވާ ތަޜީޚާއި ހަމައަށް ސިޓީ ހުށައަޅުއްވާ ފަރާތްތަކުގެ ތެރެއިން އެ ވަގުތު އެތަނަށް ހާޒިރުވެވަޑައިގެން ތިއްބެވި ފަރާތްތަކުގެ ހާޒިރުގައި ސިޓީތައް ކަނޑައި އެންމެ މަތީއަގު އިޢުލާނު ކުރެވޭނެކަމަށް ބީއެމްއެލް އިން ވަނީ ބުނެފައެވެ.

ކޮންމެ ދުވަހެއްގެވެސް އެންމެ މަތީ އަގު ބީއެމްއެލްގެ ވެބްސައިޓްގައި އިޢުލާނު ކުރެވިފައި ހުންނާނެއެވެ. ނީލަން ނިންމާލެވޭނީ އެންމެ މަތީ އަގު ކަމުގައި އިޢުލާން ކުރެވޭ އަގަށް ބަދަލެއް ނައިސް، އިޢުލާން ކުރެވޭ ރާތީޚުން ފެށިގެން ފަސް ދުވަސް ވަންދެން އެއް އަގެއްގައި އޮތުމުންނެވެ.
ނީލަން ނިމުމުން އެންމެ މަތީ އަގު ހުށައަޅާފައިވާ ފަރާތަކަށް އެކަން އަންގާނެއެވެ. އެފަރާތަކަށް ނީލަން ނިމުނުކަން ބޭންކުން އަންގާ ތާރީޚުން ފެށިގެން 10 ދުވަހުގެ ތެރޭގައި ނުވަތަ ބޭންކުން އިތުރުކޮށްދެވޭ މުއްދަތެއްގެ ތެރޭގައި އެފަރާތަކަށް ހުށައެޅި ޖުމްލަ އަގަށްވާ ފައިސާ ބޭންކަށް ދައްކަންވާނެއެވެ. ނުދައްކަވައިފިނަމަ، ހުށައެޅުން ބާޠިލް ކުރުމަށް ނުވަތަ ދެވަނައަށް އެންމެ މަތީ އަގު ހުށައެޅި ފަރާތަކަށް ނީލަން ނިންމާލުމުގެ ނުވަތަ ނީލަން އަލުން ފެށުމުގެ ޙައްޤު ބޭންކަށް ލިބިގެން ވާކަމަށް އެފަރާތުން ބުނެފައިވެއެވެ.



