ރާއްޖޭގެ މިނިވަންކަމަށް އަސަރުކުރާފަދަ މޭރުމަކުން އިންޑިއާގެ ޓީވީ ޝޯއެއްގައި ވާހަކަފުޅު ދައްކަވާފައިވާ، ދިވެހިރާއްޖޭގެ ޑިފެންސް މިނިސްޓަރު އަލްއުސްތާޛާ މާރިޔާ އަޙްމަދު ދީދީގެ އިތުބާރު ނެތް ކަމުގެ މައްސަލަ ރައްޔިތުން މަޖިލީހަށް ވައްދާފައިވާ ކަމަށް ޕްރޮގްރެސިވް ކޯލިޝަނުން ބުނެފިއެވެ.
ޕްރޮގްރެސިވް ކޯލިޝަނުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕީޕީއެމް ޕާލިމަންޓަރީ ގްރޫޕްގެ ލީޑަރު އަޙްމަދު ނިހާން ހުސައިން ހުސައިން މަނިކު ވިދާޅުވީ، މާރިޔާގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހެޅުއްވީ މިއަދު ކަމަށެވެ.
"ރާއްޖެ ކުޑަ ނަމަވެސް، ކިތަންމެ ނިކަމެތި ނަމަވެސް ރާއްޖޭގައި ހަނގުރާމަވެރި ބޮޑެތި ހަތިޔާރު ނެތްނަމަވެސް އަޅުގަނޑުމެންގެ ޤައުމު އަޅުވެތި ކުރެވިދާނެކަމަށް ނުވަތަ ހިފިދާނެކަމަށް ޚާއްޞަކޮށް ޑިފެންސް މިނިސްޓަރުކަމުގެ މަޤާމުގައި ހުންނަވައިގެން އެއްވެސް ތާކު، އެ ވިދާޅުވުމަކީ ދިވެހިންގެ އިސްތިޤްލާލާއި މިނިވަންކަމާއި ދިވެހި ދައުލަތް ބަޔާންކުރާ ދިވެހި ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީގެ ފުރަތަމަ ބާބާ ޚިލާފު އަމަލެއް." އަޙްމަދު ނިހާން ހުސައިން މަނިކު ވިދާޅުވިއެވެ.
ނިހާން ވިދާޅުވީ، ޑިފެންސް މިނިސްޓަރ ޖަވާބުދާރީ ކުރުވުމަކީ އެބޭފުޅުން ކުރަންޖެހޭ ކަމެއް ކަމަށެވެ.
"އެކަމަނާ ޖަވާބުދާރީ ކުރުވުމަކީ އަޅުގަނޑުމެން ކުރަންޖެހޭނެ ކަމެއް. އެނގިވަޑައިގަންނަވާނެ ފަދައިން އެއާ ވިދިގެން 241 ސަލާމަތީ ކަންތައްތަކުގެ ބާރުގެ މައްޗަށް އޮންނަ ބާރުވެސް އެކްޓިވޭޓް ވިޔަކަ ނުދިން" ނިހާން ވިދާޅުވިއެވެ.
އިިންޑިއާ އިން ބޭނުން ނަމަ، ރާއްޖެ ހިފިދާނެ ކަމަށް މިނިސްޓަރ ވިދާޅުވުމުން ގިނަ ބައެއްގެ ފާޑުކިޔުން އެކަމަނާ އަށް ވަނީ އަމާޒުވެފައެވެ. އިންޑިއާ އިން ބޭނުންވެގެން ރާއްޖެ ހިފަން އުޅޭނަމަ، އެކަން ހުއްޓުވަން ކުރާނެ ކަމެއް އެނގިވަޑައިނުގަންނަވާ ކަމަށް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ.
މިނިސްޓަރުގެ މި ވާހަކަތަކާ ގުޅިގެން ވަރަށް ގިނަ ދިވެހިންގެ ފާޑުކިޔުން މިނިސްޓަރަށް އަމާޒުވިއެވެ. ނަމަވެސް އެކަމަށް މައާފަށް އެދުމުގެ ބަދަލުގައި ޑިފެންސް މިނިސްޓަރީން އެކަމަނާގެ ވާހަކަތައް ވަނީ ދިފާއުކޮށްފައެވެ.




