ހިތުގެ ވެރިޔާ (4)

(ހުކުރު ދުވަހުގެ އަދަދާއި ގުޅޭ)

"މީހުން ބުނެއެވެ. އެއް ދޮރު ލެއްޕުނިއްޔާ އަނެއްދޮރެއް ހުޅުވޭނެއެވެ. ނަމަވެސް އަހަންނަށް އެހެން އެއްވެސް ދޮރެއް ނުފެނުނެވެ. ކުޑަދޮރެއްހާ ވަރުވެސް އަހަންނަށް ނުފެނުނެވެ. އަހަރެން ކިތަންމެ ދެކޮޅެއް ހެދި ނަމަވެސް ތިން ހަތަރު ފިރިހެނުންނާއި ޖެހުމުން އަހަރެންނަށް ވެވޭނީ ކޮން ގަދައެއް ހެއްޔެވެ؟ އަންނައުނުތަށް ދަމައިގަނެ އެންމެން ކުރިމަތީގައި އަހަރެން ނިވާކަމެއް ނެތި ވިއެވެ. އާދޭސް ކުރީމެވެ. ރޯންވެސް ރުއީމެވެ. ގަދަވެސް ދެއްކުނު ވަރަކަށް ގަދަ ދައްކާ އަޑުގެ ކޮޅަށް ހަޅޭއްލެވީމެވެ. އަނިޔާވެރިންގެ އަތު ދަށުވެ ހޭ ހުސްވަންދެން ހިތްވަރު ކުރީމެވެ. ހޭ ޖެހުނު އިރުގައި އަހަރެން އޮތީ އެގޭ ޓެރަހުގައެވެ. ވެހެމުން ދިޔަ ވާރޭގައެވެ. އަންނައުނުތަށް ކައިރިއަށް އުކާލާފައި ހުއްޓެވެ. ބުނެބަލާށެވެ. އަހަރެންގެ އޮތީ ކޮން ކުށެއް ހެއްޔެވެ؟ އަހަންނަށް މި ލިބުނީ ކޮން ކުށެއްގެ އަދަބެއް ހެއްޔެވެ؟ އަހަންނަށް ވަކި އުޅެވުނީ ކޮން ގޮތަކަށް ހެއްޔެވެ؟ " އަފްޒަލްއަށް ލެވުނީ ފުންނޭވާއެކެވެ. އެ އަންހެން ކުއްޖާއަށް ޓަކައި ހިތުގައި ރަހުމާއި ހަމްދަރުދީ އުފެދުނެވެ. އެ ލިޔުން އެއްކޮށް ކިޔަން ބޭނުންވި ނަމަވެސް އެ ފަތްޖަހާލުމައްފަހުގައި ޖީބަށް ލާ މަތިންދާ ބޯޓަށް އެރިއެވެ.

ފްލައިޓަށް އަރާ އިށީންނަން ބަލާލުމުން އެނގުނީ އަފްޒަލްއާއި މާޒިން ތިބެން ޖެހުނީ ދުރުގައި ކަމެވެ. އެކަން ބޮޑު ކަމަކަށް ހެދުމެއް ނެތި ދެމީހުންވެސް ހަމަޖެހިލިއެވެ. މާޒިން އިތުރަށް ހަމަޖެހިލާ ހިނިތުންވެލީ އޭނަ ކައިރީގައި އަންހެން ކުއްޖެއް އިށީނުމުންނެވެ.

"ބްރޯ. ފްލައިޓްގައި ބްރޯ ފޫހިވިޔަސް އަހަންނެއް ފޫއްސެއް ނުވާނެ. އަހަރެން ކައިރީގައި އިނީ ވަރަށް ހޮޓް ޗިކެއް" ފޯނު ނިއްވާލުމުގެ ކުރިން މާޒިން އަފްޒަލްއަށް މެސެޖެއް ފޮނުވާލިއެވެ. އަފްޒަލް ހިނިތުންވެލަމުން ބޯ ހޫރުވާލިއެވެ.
ލީނާމެންވެސް ފްލައިޓަށް އެރި ވަގުތެވެ. ލީނާއާއި ފަޒީލްއަށް ކައިރިން ޖާގަ ލިބުނު ނަމަވެސް ޖިއާންއަށް ލިބުނީ ތަންކޮޅެއް ދުރުންނެވެ. ޖިއާންއާއި ލީނާ ކައިރީގައި ތިބުމަށް ފުރުސަތި ދޭން ފަޒީލް ބޭނުންވި ނަމަވެސް ޖިއާން ބޭނުމެއް ނުވިއެވެ. ޖިއާންގެ ސަބަބުން އެދެމަފިރިންނަށް އުނދަގުލެއް ވުމަކަށް ޖިއާން ބޭނުމެއް ނުވެއެވެ.

"ނޫން. ފަޒީލް މަޑުކޮށްލާ ލީނާ ކައިރީގައި. އެހެން ނޫނަސް އަހަރެން ބޭނުންވަނީ އެކަނި އިނދެލަން. އެނގެއެއްނު ލީން އަނގަ ތަޅާނެ ވަރު." ޖިއާން ހިނިތުންވާން މަސައްކަތްކުރިއެވެ. ހިތްވަރު ކުރަމުންނެވެ.

ލީނާމެންނާއި ތަންކޮޅެއް ދުރަށް ގޮސް ޖިއާން އިށީންނަން ޖެހުނީ ފިރިހެނެއް ކައިރީގައެވެ. އެމީހާ އިނީ ކަންފަތަށް ހެޑްސެޓް ޖަހާލައިގެން ދެލޯ މަރާލައިގެންނެވެ. ހުދު ކުލައިގެ ގަމީހުގައި އިން ގޮތް ނޭނގޭ މީހާއަށް ބަލާލުމައްފަހު ޖިއާން އިށީނދެ ލިއެވެ.

"ގައިމު ފްލައިޓް ތެރޭގައި އެކަކަށް އެއްކަމެއްވެސް ނުކުރެވޭނެ އެއްނު. އެންމެ ގަޑިއެއްގެ އިރު ޖިއާން. ހިތްވަރު ކޮއްލާ" ހިތުގެ ތެރޭގައި އަމިއްލަ ނަފްސާއި ވާހަކަ ދައްކަމުން ޖިއާން ހަމަޖެހިލެވޭތޯ ބަލާލިއެވެ.

"ކަންފަތަށް ހެޑްސެޓް ޖަހައިގެން ދެލޯ މަރައިގެން އިން އަފްޒަލްއަށް ވިސްނެމުން ދިޔައީ ގޮތް ނޭނގޭ އަންހެން ކުއްޖަކާއި ދޭތެރޭގައެވެ. އެ އަންހެން ކުއްޖާގެ ދިރިއުޅުމާއި ދޭތެރޭގައެވެ. އެ އަންހެން ކުއްޖާގެ ހިތުގައި އަޅާނެ ވޭނަކާއި ދޭތެރޭގައެވެ. އަފްޒަލްގެ ހިތުގެ ކަނެއްގައި އެ އަންހެން ކުއްޖާއަށްޓަކައި ޖާގައެއް ހުސްކުރެވުނު ކަހަލައެވެ. އެ ހިތްދަތި ކަމާއި ވޭނުން ފުރިގެންވާ ލިޔުން ނަގާ ކިޔާލަން ކިތަންމެ ބޭނުންވި ނަމަވެސް އެ ވަގުތު އެއީ އެކަމަށް އެންމެ އެކަށީގެންވާ ވަގުތު ނޫންކަމަށް އިހްސާސް ކުރެވެތީ އިނދެވެނީއެވެ. ދެލޯ މަރާލާއިގެން އިނުމުން ވަގުތު ތަންކޮޅެއް އަވަހަށް ހިނގައިދާނެ ކަމަށް ހީވަނީއެވެ.

ފްލައިޓް ނައްޓާލުމައް ފަހުގައިވެސް ޖިއާންއަށް ހަމަޖެހިލެވޭ ގޮތެއް ނުވެއެވެ. އެ ހާދިސާ މަތިން ހަނދާން ކުރަން ބޭނުން ނުވި ނަމަވެސް ހަނދާނުން ފުހެލަން އުނދަގޫވަނީއެވެ. އައު މާހައުލަކަށް ބަދަލު ވި ނަމަވެސް ދިރިއުޅުން އަލުން އަނބުރާ ލިބިދާނެ ކަމަށް ހީނުވަނީއެވެ. ހިތުގައި އުފެދިފައިވަނީ ޝައްކުތަކުން ފުރިފައިވާ މާ ސިންގާ ބޮޑު ކަނޑެކެވެ. އެ ކަނޑުގެ ފުންމިނެއް އެނގުމެއް ނެތެވެ. ހުރެވޭ ހަނަފަސް ސަހަރާއިން ނުކުމެ އެ ޝައްކުތަކުން ފުރިގެންވާ ބިޔަ ރާޅުތަށް ނަގާ ކަނޑު ހުރަސް ކުރުމައްފަހުގައި، ފެހިކަމުން ފުރިގެންވާ ވާދީއަށް ވާސިލްވެވޭނެ ކަމުގެ އެއްވެސް ޔަގީންކަމެއް ނުވެއެވެ.

ލޯމަރާލައިގެން އިން އަފްޒަލް ލޯ ހުޅުވާލީ ގަދަ ވިލާ ގަނޑެއްގައި ޖެހި ބޯޓު ތެޅެން ފެށުމުންނެވެ. އެވަގުތު ކައިރީގައި އިން އަންހެން ކުއްޖާއަށް ބަލާލެވުނެވެ. އަފްޒަލްއަށް ޖިއާންއަށް ބަލާލެވުނެވެ. ޖިއާންއަށްވެސް އަފްޒަލްއަށް ބަލާލެވުނެވެ. ބަލާލެވުނު ބާރުމިނުގައި އަނެއް ފަރާތަށް ޖިއާން މޫނު އަނބުރާލިއެވެ.

ކައިރީގައި އިން އަންހެން ކުއްޖާގެ މޫނުމަތިން އަފްޒަލްއަށް ފެނުނީ ހިތްދަތި ކަމެވެ. ފަޅި ސިކުންތެއްގެ ތެރޭގައި އެ ދެލޮލުން އަފްޒަލްއަށް ވޭނާއި ހިތާމައިން ފުރިގެންވާ އެތަށް ވާހަކައެއް ކިޔާދިން ފަދައެވެ. އަނގައިން ބުނަން ނުކެރިފައި އަފްޒަލްއަށް އިނދެވުނީއެވެ. އިސްވެ އަންހެން ކުދިންނާއި ވާހަކަ ދައްކާ އުޅުމަކީ އަފްޒަލް ކޮށްއުޅޭ ކަމަކަށް ނުވާތީ ކަމަށްވެސް ވެދާނެއެވެ.

ދުރުގައި އިން ފިރިހެނަކު ހުއްޓާނުލާ ޖިއާންއަށް ބަލާކަން ޖިއާންއަށް އެނގެއެވެ. އެކަމާއި ހުރެ މީހާއަށް ބުނެދޭން ނޭނގޭ ފަދަ އިހްސާސްތަކެއް އައީ ކުރަމުންނެވެ. ހިތް ނުތަނަވަސް ވަނީއެވެ. ޖެހިލުންވަނީއެވެ. އެކަނިވެރިކަމުގެ އިހްސާސް ކުރެވެމުން ދަނީއެވެ. ނަމަވެސް އެވަގުތުގައި އެވާހަކަ ބުނާނެ މީހަކުވެސް ނެތެވެ. ކެތްތެރިވުން ނޫން ގޮތެއް ނެތީއެވެ.

ފްލައިޓް ޖައްސަންދެން ކެތްތެރިވެގެން އިންނަން އަފްޒަލް މަސައްކަތް ކުރި ނަމަވެސް ކެތްތެރިކަން ކޮޅުންލީއެވެ. އެ ލިޔުމުގެ ތަންކޮޅެއް ކިޔަން ބޭނުންވަނީއެވެ. ތެދުވެގެން ފާހާނާއަށް ދިޔައީ އެހެން ވެގެންނެވެ.

"ރޮމުން އިންސާފު ހޯދައި ދިނުމަށްއެދި ދެވޭނީ އާއިލާ ގާތަށް ނޫންހެއްޔެވެ؟ އެކަމަކު އެއާއިލާ އަހަރެން ކުށްވެރި ކުރަން ފެށުމުން ދެން މަދަދަށް އެދޭނީ ކޮންފަދައަކުން ކާކު ކައިރިން ހެއްޔެވެ؟ އަހަރެން ދައްކާ ވާހަކައަކީ ތެދެއްކަމަށް ގަބޫލު ކުރާނީ ކާކު ހެއްޔެވެ؟ ކުށަކީ އަހަރެން އަންހެނަކަށް ވުމެވެ. އާރެއް ބާރެއް ނެތް އަންހެނަކަށް ވުމެވެ. ބުނެބަލާށެވެ. އަންހެނަކަށް ވުން އެއީ އަހަރެންގެ މައްސަލައެއް ހެއްޔެވެ؟ އަންހެނަކަށް ވުމަކީ ފާފައަކަށް ވާން ފެށީ ކޮން އިރަކުން ފެށިގެން ހެއްޔެވެ؟

މާތް ﷲ އަންހެނުން ވަނީ މާތް ކުރައްވާފައެވެ. ފިރިހެނުންނަށް އެމީހުން ރައްކާތެރިކުރުމަށް އަންގަވާފައިވެއެވެ. އިންސާނާގެ ނަސްލު އިތުރު ވަނީ އަންހެނެއްގެ ބަނޑުގައި އެ ތުއްތު ދަރިފުޅު ނުވަ މަސް ވުމަށް ފަހުގައެވެ. އެއަޅާ ވޭނާ ތަކުލީފަކީ އަންހެނެއްގެ ދަރަޖާ މަތިވެރިވެގެންދާ އެއް ސަބަބެއެވެ. އަޑު އަހަމެވެ. ސުވަރުގެ ވަދެވެނީ މަންމަގެ ފައިތިލަ ދަށުންނެވެ. އެއީ އަންހެނެކެވެ. ވީ އިރުގައި އަންހެނުންނަށް މިހެން ހަދަނީ ކީއްވެގެން ހެއްޔެވެ؟ އަންހެނުންގެ ދަރަޖައަކީ ހަމައެކަނި ފިރިހެނެއްގެ އެދުން ފުއްދާލަން ގެންގުޅޭ ކުޅޭ އެއްޗަކަށް ވާންވީ ކީއްވެގެން ހެއްޔެވެ؟ އަންހެނުންގެ އިއްފަތްތެރިކަން ފަޅި ސިކުންތެއްގެ ތެރޭގައި ނަގާލަނީ ކީއްވެގެން ހެއްޔެވެ؟" އަފްޒަލްގެ ލޮލަށް ކަރުނަ ޖަމާވަމުން ދިޔައެވެ. ކިޔާލެވޭ ކޮންމެ ބަހަކާއި އެކުގައި، އެ އަންހެން ކުއްޖާ ކޮއްފައިވާ ކޮންމެ ސުވާލަކާއި އެކުގައި ހިތަށް ތޫނު ކަށިތަކެއް ހަރަމުން ދާ ފަދައެވެ.

"މައްސަލަ ބަލާނެ ކަމަށް ކަމާބެހޭ ފަރާތުން ބުނި ނަމަވެސް ބެލޭނީ ކޮން މައްސަލައެއް ހެއްޔެވެ؟ މިފަދަ ކިތައް މައްސަލަ އެމީހުންނަށް ބެލޭ ހެއްޔެވެ؟ އެކަމާ ކުށްވެރި އަހަރެން ކުރަންވީ ކާކު ހެއްޔެވެ؟

ރެއާއި ދުވާލު އަހަރެންގެ އާއިލާއިން އަހަންނަށް ބަދުބަސް ބުނަން ފެށުމުން އަހަންނަށް ވާނީ ކިހިނެއް ހެއްޔެވެ؟ ދިރި ހުރުމައްވުރެ އަހަރެން މަރުވުމުން ރަނގަޅު ވާނެ ކަމަށް ބުނުމުން އަހަންނަށް ކުރެވޭނީ ކޮން އިހްސާސެއް ހެއްޔެވެ؟ އަހަރެންގެ އެއްވެސް ކުށެއް ނެތި އަހަރެން ގެއިން ނެރެލުމުން އަހަރެން ވަންނާނީ ވަކި ކޮންތަނަކަށް ހެއްޔެވެ؟" ކިތަންމެ ހިފަހައްޓަން މަސައްކަތް ކުރި ނަމަވެސް އަފްޒަލްގެ ލޮލުން ކަރުނަ ތިއްކެއް ވެއްޓުނެވެ. އެއްތިކި ދެތިއްކަށް ވިއެވެ. ދެކަރުނަތިކި ތިން ތިއްކަށެވެ. އެފަދައިން އިތުރު ވަމުން އޭނާގެ ކޯތާފަތްމަތި ތެންމަމުން ގެންދިޔައެވެ.

"ދިރިއުޅުމުގައި ދިމާވި ކޮންމެ ކަމަކަށް އަހަރެން ކުރިމަތި ލަމުން އައީ ކެތްތެރި ކަމާއި އެކުގައެވެ. ހިނިތުންވަމުންނެވެ. މަންމައާއި ބައްޕަ ނިޔާވުމުންވެސް ޝަކުވާއެއް ނުކުރަމެވެ. އުފަންރަށް ދޫކޮށް މާލެއަންނަން ޖެހުމުންވެސް ޝަކުވާއެއް ނުކުރަމެވެ. ބޮޑައްތަގެ ފިރިމީހާގެ ފަރާތުން ވަމުން ދިޔަ އުނދަގޫތަކަށްވެސް ކެތްތެރިވީމެވެ. ނަމަވެސް މިއަދު އަހަރެން މާޔޫސް ވެއްޖެއެވެ. މާޒީގައި ވެއްޓުނީމައި ތެދުވެގެން ކުރިއަށް ހިނގައި ގަންނަ އަހަންނަށް މިއަދު ވެއްޓުމުން އެންމެ ފުރަތަމަވެސް ބަލާލެވެނީ ވަށައިގެންނެވެ. މީހުން ކިޔާނެ އެއްޗަކަށް، ކުރާނެ މަލާމާތަކަށެވެ. މިއަދު އަހަންނަށް މީހަކާއި ހަތަރު ކަޅި ހަމަކޮށްލަން ނުކެރެއެވެ. މިހެން އަހަންނަށް ދިމާވީ ކީއްވެގެން ހެއްޔެވެ؟

ދިރިއުޅުން އެއްކޮށް ބަދަލުވެއްޖެއެވެ. ރެއާއި ދުވާލު އަހަރެންގެ ލޮލުން ކަރުނަ ހިކުމެއް ނުވެއެވެ. ބައެއް ފަހަރު ލޮލުން ކަރުނަ ހުސްވާނީ ކޮން އިރަކުން ބާއޭ ހިތަށް އަރައެވެ. ދިރިއުޅުމުގައި މިއަދު އަހަރެން ދާނެ މަންޒިލެއް ފެންނަން ނެތް ފަދައެވެ. އަހަރެން ބުރުގާ ނާޅާ އުޅުމުން ކަންނޭނގެއެވެ. ނޫނީ އަހަރެން އަދާ ކުރި ރިސޯޓު ވަޒީފާގެ ސަބަބުން ކަންނޭނގެއެވެ. މިހާރު އަހަންނަށްވެސް އޮޅެއެވެ" އަފްޒަލް ސިއްސައިގެން ދިޔައީ ފާހަނާ ދޮރުގައި މީހަކު ޓަކި ޖެހުމުންނެވެ. ދެލޯ ފުހެލާ އެ ކަރުދާސްތައް ފަތްޖަހާލަމުން އަނެއްކާވެސް ޖީބަށްލިއެވެ.
ދޮރު ހުޅުވާ ބޭރަށް ހިނގައި ގަތް އިރުގައިވެސް އަފްޒަލްގެ ދެލޯ ވަނީ ރަތްވެފައެވެ. އަފްޒަލްއަށް ވިސްނެނީ އެކަމަކާއެއް ނޫނެވެ.

މައުސޫމް އަންހެން ކުއްޖެއްގެ ހަޔާތް ނޭނގި ހުއްޓާ ބަދަލުވެގެންދިޔަ ގޮތުގެ ސަބަބުންނެވެ. އެ އަންހެން ކުއްޖާގެ ގައިގާ އަޅާނެ ވޭން އިހްސާސް ވުމުންނެވެ. އިންސާނުންގެ ޖާހިލުކަން އެފަދަ ކަންތައްތަކުން ދޭހަވާތީއެވެ.
ހިތުގެ ހަމަޖެހުން ގެއްލިގެން އައި އަފްޒަލްއަށް ދެން ފެނުނީ އަފްޒަލްއާއި ޖެހިގެން އިން ގޮނޑީގައި އިށީނދެގެން އިން ކުއްޖާއަށް ފިރިހެނެއް ބަލަމުން ދިޔަ ގޮތުންނެވެ. ފުރަތަމަ ފަހަރަށް ގޮސް މީހެއްގެ ގައިގާ ޖެހުމަށް ހިތަށް އެރި ނަމަވެސް އަމިއްލަ ނަފްސަށް ބާރު ފޯރުވިއެވެ.

"އެކްސްކިއުސް. ބޭނުމިއްޔާ މި ގޮނޑިއަށް ބަދަލުވެލިއަސް އެންމެ ރަނގަޅު. ކޮންމެހެން ވާހަކަ ދައްކަން ބަހަނާއެއް ހޯދާކަށް ނޫން. ފިރިހެނެއްގެ ބެލުންތަކުން އަންހެން ކުއްޖަކަށް އުނދަގޫވާނަމަ، އެ ބެލުމަކުން ސަލާމަތްކޮށްދިނުމަކީ އަހަރެން ދެކޭ ގޮތުގައި އަހަންނަށް ލިބޭނެ އުފަލެއް. އެހެން ނޫނަސް ފްލައިޓް ޖައްސާ ގަޑީގައި ބޭރުވެސް ފެންނާނީ އެ ސީޓުން" އަފްޒަލް އެދުނެވެ. ޖިއާން އަފްޒަލްއަށް ޝުކުރު އަދާ ކުރަމުން އިށީނދެގެން އިން ގޮނޑި ބަދަލު ކޮއްލިއެވެ. ޖިއާންއަށް ބަލަމުން ދިޔަ މީހާއާއި ދިމާއަށް އަފްޒަލް ބަލާލާ އެއް ބުމަ މައްޗަށް އަރުވާލިއެވެ. އެމީހާ އަނެއް ފަރާތަށް އެނބުރުނެވެ.

"އެރޭގައި އަހަންނަށް މިކަހަލަ އިންސާނަކާއި ދިމާވި ނަމަ... އަހަރެންގެ ދިރިއުޅުން މިއަދު މިހެން ނުވީސް ކަންނޭނގެ." ޖިއާންގެ ހިތަށް އެރިއެވެ.

"އެ އަންހެން ކުއްޖާއަށް އެ ނިކަމެތި ހާދިސާ ދިމާވި ރޭގައި އަހަންނަށް އެތާނގައި ހުރެވުނު ނަމަ. ޖާނު ގުރުބާން ކޮށްގެންވެސް އެ ކުއްޖާ ސަލާމަތް ކުރަން ފަހަތަކަށް ނުޖެހޭނަން. އެ ކުއްޖާއަށް އެތަނުން އެއް ކަމަކާއި ކުރިމަތިލާކަށްވެސް ނުޖެހުނީސް. އެވަގުތު އަހަންނަށް އެ ކުއްޖާ ސަލާމަތް ކުރެވުނު ނަމަ. މާލޭގައި ހުރެވުނު ނަމަ. އެ ގެއެއްގެ ދޮށުގައި ހުރެވުނު ނަމަ. އެ ކުއްޖާގެ ދިރިއުޅުން އެހެން މީހަކު ނަމަވެސް ސަލާމަތް ކޮށްދިން ނަމަ. މިއަދު މި ލިޔުން އެ ކުއްޖާއަށް ލިޔަން ނުޖެހުނީސް. ދުނިޔޭގައި ފުރެންދެން އިންނސާނުން ތިބެ އެކަނިވެރި ކަމުގެ އިހްސާސް ކުރާކަށް ނުޖެހުނީސް." ހިތުގެ ތެރޭގައި އެތައް ވާހަކައެއް ދައްކަމުން ދިޔަ އަފްޒަލް ދެލޯ މަރާލީ އަނެއްކާވެސް ދެލޮލަށް ކަރުނަ ޖަމާވާން ފެށުމުންނެވެ.

ނުނިމޭ

މިލިޔުން ކިޔާލުމުން
1312
ގުޅުންހުރި ލިޔުންތައް

5 Responses

  1. Naanu

    Jee ? i am here for you

  2. ރާނީ

    Habeys natha

  3. ރަސްރަނި

    Varah reethi

  4. Nova

    vara habeys story eh

  5. fan

    what a amazing heart touching story

ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ