މި ސަރުކާރުން 42 މަޝްރޫއު ނިންމައިފި، ކުރިއަށްދަނީ 29 މަޝްރޫއު

2018 ވަނަ އަހަރު ބޭއްވި ރިޔާސީ އިންތިޚާބު ކާމިޔާބުކުރި ކޯލިޝަން ސަރުކާރުން މިހާތަނަށް 42 މަޝްރޫއު ނިންމާފައިވާކަމަށް ފިނޭންސް މިނިސްޓަރ އިބްރާހީމް އަމީރު ވިދާޅުވެއްޖެއެވެ.

މިނިސްޓަރ އަމީރު މިހެން ވިދާޅުވީ، ކާށިދޫ ދާއިރާގެ މެންބަރު ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުން ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައެވެ.

ކާށިދޫ ދާއިރާގެ މެންބަރު ޢަބްދުﷲ ޖާބިރު: މި ސަރުކާރު ވެރިކަމާ ހަވާލުވުމަށްފަހު ފާއިތުވި މުއްދަތުގައި ނިމުނީ ކިތައް ޕްރޮޖެކްޓްތޯ؟ އަދި ނިމުނު ޕްރޮޖެކްޓްކުގެ ތެރެއިން ކިތައް ޕްރޮޖެކްޓަށްތޯ ފައިސާ ދައްކާ ނިންމާފައިވަނީ.؟

ފިނޭންސް މިނިސްޓަރ އިބްރާހީމް އަމީރު: މި ސަރުކާރު ވެރިކަމާ ހަވާލުވުމަށްފަހު މިއަހަރުގެ ސެޕްޓެމްބަރު މަހުގެ ނިޔަލަށް ޖުމްލަ 42 މަޝްރޫއެއް ވަނީ ނިމިފައި. މިގޮތުން މި 42 މަޝްރޫއުގެ އަގު ޖުމްލަ 1 ބިލިއަން ރުފިޔާއަށް އަރާ. މިހާތަނަށް މި މަޝްރޫއުތަކަށް 759.8 މިލިއަން ރުފިޔާ ދައުލަތުން ދައްކާފައިވޭ. އަދި މިއަހަރުގެ ސެޕްޓެމްބަރު މަހުގެ ނިޔަލަށް 171.6 މިލިއަން ރުފިޔާ ދައްކާފައިވޭ.

މެންބަރު ޖާބިރު ކުރެއްވި އިތުރު ސުވާލުތަކަށް ޖަވާބުދެއްވަމުން މިނިސްޓަރ އަމީރު ވިދާޅުވީ، ނެޝަނަލް ޓެންޑަރ މެދުވެރިކޮށް މިހާތަނަށް 136 ޕްރޮޖެކްޓެއް އެވޯޑްކޮށްފައިވާނެ ކަމަށާއި، އޭގެ ޖުމްލަ އަގު 3.8 ބިލިއަން ރުފިޔާއަށް އަރާ ކަމަށެވެ.

މިނިސްޓަރ އަމީރު އިތުރަށް ވިދާޅުވީ، މިވަގުތު ހިނގަމުންދަނީ 29 މަޝްރޫއު ކަމަށެވެ.

"އޮންގޮއިން މަސައްކަތުގެ ތެރޭގައި އެބަހުރި ގާތްގަނޑަކަށް 29 ޕްރޮޖެކްޓެއް، އެއީ 43 ރަށެއްގައި ހިނގާ 29 ޕްރޮޖެކްޓެއް އެބަހިނގާ. މި ޕްރޮޖެކްޓްތަކަށް ފައިނޭންސް ކޮށްފައިވަނީ ޑޮމެސްޓިކް ފައިނޭންސިންގ އާއި ފޮރިންގ ފައިނޭންސިންގ." މިނިސްޓަރ އަމީރު ވިދާޅުވިއެވެ.

މިލިޔުން ކިޔާލުމުން
71
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ