މާލެ އަތޮޅުން ތިން ރަށެއް ހިއްކަން މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އާއި ހަވާލުކޮށްފިއެވެ.
ސެންޓާރާއިން ރާއްޖޭގައި އަލަށް އަޅާ ރިސޯޓް ތަރައްޤީކުރުމަށް މާލެ އަތޮޅުން ތިން ރަށް ހިއްކަން އެމްޓީސީއާއި ހަވާލުކޮށްފައިވަނީ ސެންޓާރާ ހޮޓެލްސް އެންޑް ރިސޯޓްސް އިންނެވެ.
2019 އޮކްޓޯބަރު 8 ވަނަ ދުވަހު ބެންކޮކްގައި ހުންނަ ސެންޓާރާގެ ހެޑް އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައި، ސެންޓާރާގެ ފަރާތުން މި އެއްބަސްވުމުގައި އެ ކުންފުނީގެ ސީއީއޯ ސޮއިކުރެއްވިއިރު، އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ ސީއީއޯ ހުސައިން ޝާހްއެވެ.
މި އެއްބަސްވުމުގެ ދަށުން މާލެ އަތޮޅުގެ ފަޅަކުން 21 ހެކްޓަރުގެ ބިން ހިއްކައި، ގޮނޑުދޮށް ހިމާޔަތްކޮށް، ހިލަ ތޮށި ޖެހުމުގެ މަސައްކަތް 300 ދުވަހުން ނިންމުމަށް ހަމަޖެހިފައިވެއެވެ.