މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން) އާއި ގުޅުންހުރި މީހުން ސަރުކާރުން އިސްތިއުފާ ދިނުމަށް ގޮވާލައި ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ކުއްލި މައްސަލަ ބޭރުކޮށްލައިފިއެވެ.
ޕީޕީއެމްގެ ނައިބު ރައީސް، ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް ހުށަހެޅުއްވި މައްސަލާގައި ބުނެވަނީ، އެމްޑީއެންގެ ރިޕޯޓަކީ 2015 ވަނަ އަހަރު ނެރުނު ރިޕޯޓަކަށް ވާއިރު، އޭރު އެމްޑީއެންގައި އިސްކޮށް އުޅުއްވި، އަދުގެ ސަރުކާރުގެ މަޤާމުތަކުގައި ތިއްބެވި ބޭފުޅުން މަޤާމުން ވަކުކުރުމަށް ގޮވާލާ ކަމަށެވެ.
ޝިޔާމް އެ ކުއްލި މައްސަލަ ހުށަހެޅުއްވުމުން އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު، މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް ނިޒާމީ މައްސަލައެއް ނަންގަވައި ވިދާޅުވީ, މަޖިލީހުގެ އެ ދައުރެއްގައި ބަހުސް ކޮށްފައިވަ މައްސަލައެއް އަލުން އުފަން ކުރުމަށް މައްސަލައެއް ހުށަނޭޅޭނެކަން ގަވާއިދުގައި ބުނެފައިވާ ކަމަށާއި، ޝިޔާމް އެ މައްސަލަ ހުށަހެޅުއްވީ މަޖިލީހުގެ ގަވާއިދާ ހިލާފަށް ކަމަށެވެ.
ނަމަވެސް މަޖިލީހުގެ ރައީސް، ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ، މަޖިލީހުގައި އާންމުކޮށް އަމަލު ކުރާ އުސޫލުގެ މަތިން އެ މައްސަލާގައި ބަހުސް ކުރުމާ މެދު މެންބަރުން ގޮތެއް ނިންމުމަށް ވޯޓަކަށް ދާން ޖެހޭ ކަމަށާއި، ކުއްލި މައްސަލައަކީ ގަވާއިދާ ހިލާފަށް ހުށަހެޅުއްވި މައްސަލައެއް ކަމަށް މެންބަރަކަށް ފެނިވަޑައިގަންނަވާނަމަ އެ ގޮތުގެ މަތިން ވޯޓު ދެވޭނެ ކަމަށެވެ.
މި ކުއްލި މައްސަލަ ބަލައިގަނެ މެންބަރުން ބަހުސް ކުރުމަށް ފެނޭތޯ ނެގި ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 46 މެންބަރުންގެ ތެރެއިން 35 މެންބަރުންގެ އަޣުލަބިއްޔަތުން ފާސް ކުރީ އެ މައްސަލާގައި ބަހުސް ނުކޮށް ބޭރު ކޮށްލުމަށެވެ. މައްސަލައަށް ބަހުސް ކުރުމަށް ވޯޓު ދެއްވީ 11 މެންބަރުންނެވެ.
އެމްޑީއެންގެ ރިޕޯޓާއި ގުޅިގެން ސަރުކާރުން މިހާތަނަށް އެއްވެސް ފަރާތަކަށް އެއްވެސް ފިޔަވަޅެއް އަޅާފައި ނުވާއިރު، އެމްޑީއެން އުވާލައި، އެ ޖަމްއިއްޔާއިން ނެރުނު "ޕްރިލިމިނަރީ އެސްސެމެންޓް އޮން ރެޑިކަލައިޒެޝަން އިން ދަ މޯލްޑިވްސް" ރިޕޮޓް ތައްޔާރުކުރުމުގައި ބައިވެރިވި ފަރާތްތަކަށް ފިޔަވަޅު އެޅުމަށް ގިނަ ބަޔަކު ދަނީ ގޮވާލަމުންނެވެ.
ހިޔާލު
ލިޔެފަހުންނައެއްޗެހިއަކުރުތައްހަމަޔައްކިޔޭނެގޮތަކައްލިޔެވިދާނެބާއޭހިތައްއަރާާ (ފެށުން)ނޫހައްދަންނަވާާލަން