ވެލި ބަރުކޮށްގެން ހުޅުމާލެއަށް ދަތުރު ކުރަމުން ދިޔަ ދޯންޏެއް މާލެ ކައިރިއަށް ބަންޑުން ޖަހާލައިފިއެވެ.
މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސްއިން ވިދާޅުވީ، ވެލި ބަރުކޮށްގެން ދަތުރުކުރި ދޯންޏެއް މާލޭ އިޤްތިޞާދީ ބަނދަރާ ސަރަހައްދުން ބަންޑުން ޖަހާލާފައިވާ ކަމަށާއި ދޯނީގައި އެބަގުތު 7 މީހުން ތިބިކަމަށެވެ.
"ދޯނީގައިތިބި 7 މީހުންގެ ތެރެއިން 6 މީހުން އެސްޓީއޯގެ ޒިބްރާ ޓަގަށް ވަނީ ނަގާފައި، އަދި އެކަކު ނަގާފައިވަނީ ކޯސްޓްގާޑް ލޯންޗަށް." އެމްއެންޑީއެފްގެ އިންފޮމޭޝަން އޮފިސަރ ކެޕްޓަން އިބްރާހީމް އާޒިމް ވިދާޅުވިއެވެ.

އެމްއެންޑީއެފް އިން ވިދާޅުވީ، މި ހާދިސާގެ ރިޕޯޓް އެމްއެންޑީއެފް ކޯސްޓްގާޑަށް ލިބިފައިވަނީ މިއަދު ހެނދުނު 08:45 ހާއިރު ކަމަށެވެ.

ބަންޑުންޖަހާލި ދޯނިން ނެގި ބައެއް މީހުން - ފޮޓޯ: އެމްއެންޑީއެފް
ދޯނި ބަންޑުން ޖަހާލިއިރު ދޯނީގައި ތިބީ 6 ބިދޭސީންނާއި، ދިވެއްސެއް ކަމަށާއި، އެއް ބިދޭސީއެއްގެ ކަށިމަތި މަށައިގެންދިއުން ފިޔަވާ މީހަކަށް އިތުރު ގެއްލުމެއް ލިބިފައި ނުވާކަމަށް އެމްއެންޑީއެފް އިން ވިދާޅުވިއެވެ.
މިދިޔަ ހުކުރު ދުވަހު ޑިންގީއެއް ބަންޑުންޖަހާލައި ގެއްލުނު އަންހެން ކުއްޖާ އަދިވެސް ފެނިފައި ނުވާއިރު، ކަނޑުމަތީގެ ހާދިސާއަށް އަންނަނީ އިތުރުވަމުންނެވެ.