މާލޭ ފިހާރައަކަށްވަދެ ވަޅިން ބިރުދައްކައިގެން ފައިސާ ފޭރުނު މީހުން ހައްޔަރުކޮށްފިއެވެ.
މާފަންނުގައި ހުރި ފިހާރައަކަށް ދެމީހުން ވަދެ ތޫނު އެއްޗަކުން ބިރުދެއްކުމަށްފަހު ވަތްގަނޑުގައި ހުރި ފައިސާއާއި، ސިނގިރޭޓް ފޮށިތަކެއް ފޭރުނު މައްސަލަ މޯލްޑިވްސް ޕޮލިސް ސަރވިސް އަށް ހުށަހަޅާފައިވަނީ މިއަދު ހަވީރު 03:04 ހާއިރުއެވެ.
ފުލުހުން ވިދާޅުވީ، މި މައްސަލައާއި ގުޅިގެން ފުލުހުން ކުރި މަސައްކަތުން މިރޭ 19:22 ހާއިރު 20 އަހަރުގެ ފިރިހެނަކާއި، 19:48 ހާއިރު 26 އަހަރުގެ ފިރިހެނެއް ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށެވެ.
މި ފޭރުމާއި ގުޅިގެން ފުލުހުން ބަޔަކު ހައްޔަރުކުރިއިރު، މި މީހުން ފޭރުނު މަންޒަރު ވަނީ މީސްމީޑިއާގައި އާއްމުވެފައެވެ.
ފޭރުމާއި ވައްކަމުގެ މައްސަލަތައް އިތުރުވެފައިވާއިރު، މިކަންކަމަކީ މަސްތުވާތަކެތީގެ މައްސަލަތަކާއި ގުޅުންހުރި ކަންކަން ކަމަށް ގިނަ ބަޔަކު ޤަބޫލުކުރެއެވެ.




