"ގަލަމަކުން ބަޔާން ކުރެވޭ ވަރަށްވުރެ އަހަރެންގެ ހިތުގެ އުދާސްތަށް ގިނައެއެވެ. ލޮލުން ފައިބާ ކަރުނަތަކުން ކަރުނައިގެ ކޯރެއް ހެދޭހާ ވެއެވެ. ނަމަވެސް މި ނިމުނީއެވެ. ހަޔާތުގެ އެ ސޮފްހާ މި ލިޔެ ނިންމާލީއެވެ. އަހަރެން ދެން ނިކަމެއްޗެއް ނުވާނަމެވެ. ފިރިހެނުންގެ ގޮތް އެނގި ދަސްވެއްޖެއެވެ. އެއްބަޔަކީ އަމިއްލަ އެދުމުން ފުރިގެންވާ މީހުންނެވެ. އަނެއްބައި މީހުންނަކީ އަހަރެން ލޯބިވި ލޯބިވެރިޔާ ކަހަލަ މީހުންނެވެ. ކަމެއް ދިމާވާ ހިނދުގައި ބައިވެރިޔާ ދޫކޮށްލާ ފިލާ ކަހަލަ މީހުންނެވެ. ސަލާމެވެ. މި ހިތަކުން ދެން ލޯބިވުމެއް ނެތެވެ. އިތުބާރު ކުރުމެއް ނެތެވެ. ދުނިޔެއަކީ ދުނިޔެކަން ދަންނާނަމެވެ. އެއީ ބަދަލުވުމެއް ނެތް ކެހިވެރި ތަނެއްކަން ހަނދާނުގައި ބަހައްޓާނަމެވެ." އަފްޒަލްގެ ލޯ އަނެއްކާވެސް ވަނީ ކަރުނުން ފެން ކަޅިވެފައެވެ.
***
ނިދަން ކިތަންމެ މަސައްކަތެއް ކުރިނަމަވެސް އެކަން އައީ ބޭކާރުވަމުންނެވެ. އައު މާހައުލެއްގައި ނިދަން ޖެހުނީމަ ކަމަށްވެސް ވެދާނެއެވެ. އެހެން ނޫންނަމަ ޖިއާންގެ ވިސްނުމުގައި އަދިވެސް އެ ހާދިސާވާތީ ކަމަށްވެސް ވެދާނެއެވެ. އެތައް އިރަކު މަސައްކަތް ކުރުމަށްފަހުގައި އެ ދެލޯ މެރުނެވެ.
ޖިއާންއަށް ހުރެވުނީ އުސް އިމާރާތެއްގެ އެންމެ މަތީ ފްލޯގައި ހުރި އެޕާރޓްމެންޓެއްގައެވެ. އެއީ ނިކަން ރީއްޗަށް ހަދާފައި ހުރި ތަނެކެވެ. ރީތި ފަރުނީޗަރުތަކާއި ހިފާ ގެންގުޅޭ ތަކެއްޗެވެ. ގަޔަށް ދޫކޮށްހުރި ޓީޝާޓަކާއި ކުރު ސޯޓެއް ލައިގެން ހުރި ޖިއާން ސޯފާއިން ތެދުވެގެން ގޮސް ހުއްޓުނީ ބެލްކަންޏަށް ނުކުމެވެން ހުންނަ ދޮރު ކައިރީގައެވެ. އެ ދޮރު ނުހުޅުވިގެން އުޅެނިކޮށް އެއްޗެހި ދޮންނަން ޖައްސާފައި ހުރި މެޝިނުން އަޑު ގޮވަން ފެށިއެވެ. އެބައި ނިމުނީއެވެ. ދޮރު ހުޅުވުމުގެ ބަދަލުގައި މެޝިނު ކައިރިޔަށް ޖެހިލާ އެ އެއްޗެހިތަށް ނަގާ ކޮނޑުގައި އަޅުވާލިއެވެ. އަދި އަނެއްބުރު ޖެއްސުމައް މެޝިނަށް އަންނައުނު އަޅާ ޖައްސާލިއެވެ.
މިފަހަރު އަތަށް ކޮފީ ތައްޓެއް ލައިގެންގޮސް އެއްކަލަ ދޮރު ހުޅުވާލިއެވެ. ފެންނަނީ މާސިންގާ ކަނޑެވެ. ނަގާ ކުދި ކުދި ރާޅުތަށް އައިސް ބީހިލަނީ އެ އިމާރާތުގެ ފާރުގައެވެ. ވައިމަޑު ރީތި ދުވަހެކެވެ. މާދުރުން އުޑުމަތިން އުދުހިފައި ދާ ދޫނިތަކެއް ފެނެއެވެ. ކޮފީތަށި ބެލްކަނީގައި ހުރި މޭޒުމަތީގައި ބެހެއްޓުމަށްފަހުގައި ޖިއާން ދޮރު ހުޅުވަން ދިޔައީ މީހަކު ބެލްއަޅަން ފެށުމުންނެވެ. އެއީ ކާކުތޯ ބަލާށެވެ. ނުކުތް އިރު އެއްވެސް މީހަކު ފެންނާކަށް ނެތެވެ. އަނބުރާ އެތެރެއަށް ވަދެ ދޮރު ލެއްޕިއެވެ.
ޖިއާން ނުކުތީ އަނެއްކާވެސް ބެލްކަންޏަށެވެ. ނަމަވެސް މިފަހަރު ޖިއާންގެ ހިތަށް ވެރިވެގެންދިޔައީ ބިރުވެރިކަމެވެ. އިރުކޮޅެއް ކުރިން ރީތިކޮށް އޮތް މޫސުން ކުއްލިއަކަށް ވަނީ ބަދަލުވެފައެވެ. މުޅި އުޑުމަތި ވަނީ ކަޅު ވިލާތަކުން ބައްދާލާފައެވެ. ޖިއާން އަވަހަށް ކޮފީތަށި ނަގައި އެތެރެއަށް ވަންނަން އުޅުނެވެ. އެވަގުތު ޖިއާންގެ ލޮލުގައި އަޅައިގަތީ އެ އިމާރާތުގައި ބީހެމުން ދިޔަ ކުދި ރާޅުތަށް ބޮޑެތި ބިޔަ ރާޅުތަކަށް ބަދަލުވަމުން ދިޔަ މަންޒަރެވެ. ހިތަށް ވެރިވެގެން ދިޔައީ ބިރުވެރިކަމެވެ.
ދުވެފައި ކަހަލަ ގޮތަކަށް އެތެރެއަށްވަދެ ބެލްކަނީދޮރު ޖިއާން ލައްޕާލިއެވެ. މުށިތަކުގެ މަތީގައި ވަނީ ފެން ބޮޑުވެފައެވެ. ޖިއާންއަށް ތެޅިގަނެވުނެވެ. ރަނގަޅަށް ބަލާލުމުން އެނގުނީ މެޝިނު ހޮޅިގަނޑު ނެއްޓުނީ ކަމެވެ. ނަމަވެސް މެޝިނާއި ދިމާއަށް ދާކަށް ނުކެރުނެވެ. ބެލްކަނިން ބޭރަށް ބަލާލުމުން ހިތަށް ވެރިވެގެން ދިޔަ ބިރެއްގެ ސަބަބުން ދެފައިން ވާގި ނުދިޔައީ ކިރިޔާއެވެ. މާދުރުން ނަގާފައި ހުރީ ބޮޑު ރާޅެކެވެ. ގައިމުވެސް އުސްމިނުގައި ވިއްސައްކަ ފޫޓޫ ހުންނާނެއެވެ. ޖިއާންއަށް ހަދާނެ ގޮތް ހުސްވިއެވެ. އެފަދަ ވަގުތެއްގައި ކަންތައްކުރަންވީ ގޮތެއް ނޭނގުނެވެ. މާ ގިނަ ވަގުތެއް ނުވެއެވެ. އެ ބޮޑު ރާޅު ބިންދާލިއެވެ. ޖިއާންއަށް ގައިގަ ހުރި ބާރެއްލާފައި ލަވައިގަނެވުނީ ހަޅޭކެވެ.
ޖިއާންއަށް ދެލޯ ހުޅުވާލެވުނީ އަޑު ބާރުކޮށް ލެވުނު އަޅޭކާއި އެކުގައެވެ. މުޅިމީހާ ވަނީ ދާހިތްލާ ފޯވެފައެވެ. ހިތް ތެޅެމުންދިޔައީ ނުހަނު ބާރަށެވެ. މާ ނޭވާ ލެވެނީއެވެ. އެންމެ ފުރަތަމަވެސް ޖިއާން ތެދުވެގެން ގޮސް ކުޑަދޮރު ހުޅުވާ ބަލާލިއެވެ. މޫސުން ކިހިނެއްތޯ ބަލާލާށެވެ. މޫސުން ރަނގަޅެވެ. ޖެހެމުން ދިޔައީ މަޑުމަޑު ރީތި ވައިރޯޅިތަކެވެ. އުޑުމަތިން ފެންނަމުން ދިޔައީ އެތަށް ސަތޭކަ ތަރިތަކެކެވެ. އުޑުގެ މެދުގައި ރަސްކަން ކުރަމުން ދިޔަ ހަނދަކީ ސާދަ ވިލޭރޭގެ ހަނދުނޫނަސް އެ ހަނދުގެ ސަބަބުން އެރެއަށް އިތުރު ފުރިހަމަކަމެއް ގެނެސްދޭ ފަދައެވެ.
"އަހަންނަށް އެ ފެނުނީ ކޮންފަދަ ހުވަފެނެއްބާ؟ އަހަރެންގެ ދިރިއުޅުމަށް އަނެއްކާވެސް ވަރުގަދަ ތޫފާނެއް އަންނަނީ ބާ؟" ޖިއާންގެ ހިތުގެ ތެރޭގައި އެތަކެއް ސުވާލުތަކެއް އުފެދެމުން ދިޔައެވެ. އެންމެ ފަހުން އެރޭގެ އަރާމު ނިދިން ބާކީވީއެވެ. ދެން އަލުން ނުނިދޭނެކަން ޖިއާންއަށް އެނގެއެވެ. އެހެން ކަމުންގޮސް އިށީނީ މޭޒުމަތީގައި އޮތް ފޮތަކާއި ގަލަމެއް ނަގައިންނެވެ.
"މި ހިތްގައިމު ރޭގައި އަހަރެން ފަދައިން މާޔޫސްވެފައިވާ މީހަކު ވެދާނެބާއެވެ؟ އެ ހަނދާއި ތަރިތަށް އުޑުގައި ރަސްކަންކުރަމުން ދާއިރުގައި އަހަރެން މި ބިންމަތީގައި ހުރެ މާޔޫސްމި ވަނީ ކީއްވެގެން ހެއްޔެވެ؟ މީހުން ލޯބީގެ ވާހަކަ ދައްކާއިރުގައި އެ ހަނދުގެ ވާހަކަ ދައްކައެވެ. އެ ރީތި ކަމުގެ ވާހަކައެވެ. އެކަމަކު އެ ހަނދުގައިވެސް އައިބުކަމެއް ވޭ ނޫން ހެއްޔެވެ؟ އެހެން ކަމަށް ވާނަމަ އަހަރެންގެ ދިރިއުޅުމުގައި ޖެހުނު އެންމެ ލައްގަނޑެއްގެ ސަބަބުން އަހަރެންގެ ދިރިއުޅުން ރީތި ނުވާންވީ ކީއްވެގެން ހެއްޔެވެ؟ އަހަރެންގެ ދިރިއުޅުންވެސް ރީއްޗެވެ. ޔަގީންކުރަމެވެ" ޖިއާން ލިޔަން ފެށިއެވެ.
***
ފަތިސް ނަމާދަށް ބަންގި ގޮވުމާއި އެކުގައި ތެދުވެގެން ނަމާދުކޮށްލައިގެން އައިސް ޒީނިޔާ ފުރަތަމަ ގޮވާލީ މާޒިންއަށެވެ. އެތަށް ފަހަރަކު ގޮވުމުން ތެދުވަނީކަމަށް މާޒިން ބުނުމުން ޒީނިޔާ ދެން ގޮސް ހުއްޓުނީ އަފްޒަލް ކޮޓަރީ ދޮރުމަތިގައެވެ. ދޮރުގައި ދެތިން ފަހަރަކު މަޑުމަޑުން ޓަތްކެއް ޖަހާލުމައްފަހު ދޮރު ހުޅުވާލީ އަޑެއް ބަޑެއް ނީވުމުންނެވެ. އަފްޒަލް ކޮޓަރިއަކު ނެތެވެ.
"ޕޮއް" މިސްކިތުން ފައިބައިގެން އައި އަފްޒަލް އޭނާގެ މަންމަ ޒީނިޔާ ސިއްސުވާލިއެވެ.
"ހެޔޮ ނުވާނެ ދަރިފުޅާ. މަންމައަށް ތިހެން ހަދަން ވާނެތަ؟ ކިރިޔާއެއްނު ބިރުން ހަލާކު ނުވީ" ޒީނިޔާ މަޑުމަޑުން އަފްޒަލްގެ ގައިގާ ޖަހާލިއެވެ.
"މަންމަ މިއައީ ދަރިފުޅަށް ނަމާދަށް ތެދެވަން ގޮވަން ވެގެން." ޒީނިޔާ ހީލިއެވެ.
"މަންމާ. އަޅުގަނޑު މިއައީ މިސްކިތަސް ގޮސްފައޭ." އަފްޒަލް މަންމަގެ އަތުގައި ހިފައިގެން ކޮޓަރިއަށް ވަނެވެ.
"މަންމަގެ ދަރިފުޅު ހާދަ ބަސްއަހައޭ ދޯ. މަންމަ ވަރަށްވެސް އުފާވެއްޖެ" ޒީނިޔާ ފަހުރުވެރިވިއެވެ. ޒީނިޔާ އެނދުމަތީގައި އިށީނުމުން އަފްޒަލް އެނދަށް އަރާ މަންމަގެ ފައިމައްޗަށް ބޯއަޅައިން އޮށޯވެލިއެވެ.
"މަންމައަށް އެނގޭތަ. ރޭގައި އަޅުގަނޑަށް ނުވެސް ނިދުނު އެހާ ރަނގަޅަކަށް." އަފްޒަލް ދެލޯ މަރާލަމުން ބުންޏެވެ.
"އެހެންތަ؟ އެއީ ކީއްވެގެންބާ؟ ކޮން ކުއްޖެއްބާ މަންމަގެ އަފޫގެ ހިތް ގެންދިޔައީ؟" ޒީނިޔާ އަފްޒަލްގެ ބޮލުގައި ފިރުމަމުން ވާހަކަ ދެއްކިއެވެ.
"އެހެނެއް ނޫނޭ މަންމާ. އަންހެން ކުއްޖަކު އަޅުގަނޑުގެ ހިތް ގެންދިޔައީކީ ނޫނޭ. އެކަމަކުވެސް އަންހެން ކުއްޖަކާއި ދޭތެރޭގައި ހަމަ ވިސްނެނީ. އެއީ އަހަރެން ދުވަހަކު ދެކުނުވެސް ކުއްޖެއް ނޫން. ކިޔާ ނަމެއްވެސް ނޭނގޭ. އެކަމަކުވެސް އެ ކުއްޖާއާއި ދޭތެރޭގައި ވަރަށް ވިސްނޭ. އެއީ ވަރަށް ހިތާމަވެރި ހާދިސާއެއް ކުރިމަތިވި ކުއްޖެއް. އަޅުގަނޑަށް ހަމައެކަނި އެނގެނީ އެ ކުއްޖާގެ ހަޔާތުން އެންމެ ދުވަހެއް." އަފްޒަލް ލޯ މަރައިގެން އޮވެ މަންމައަށް ކިޔާދިނެވެ.
"އެހެން ވިއްޔާ ދަރިފުޅަށް ތި ވާހަކަ ކިޔާދިން ކުއްޖާ ކައިރީ ބުނެބަލަ އެ ކުއްޖާއާއި ދިމާވާނެ ގޮތެއް ހަދައިދޭށޭ" ޒީނިޔާ ބުންޏެވެ.
"މީގަ މަޖާ ކަމަކީ އަޅުގަނޑަށް އެނގުނު އެއްޗެއް އެނގުނީވެސް އެކުއްޖާގެ ފަރާތުންނޭ." އަފްޒަލް ދެއްކި އެއްވެސް ވާހަކައެއް ޒީނިޔާއަކަށް ނުވިސްނުނެވެ.
"ދަރިފުޅު ތިކިޔާ އެއްޗެއް މަންމައަކަށް ނޭނގުނު. އެނގޭނެ ގޮތަށް ނިކަން ސާފުކޮށް ކިޔާދީބަލަ" މަންމަ އެދުނެވެ.
"އަދި ފަހުން ކިޔާދޭނަން އިނގޭ މަންމާ." އަފްޒަލްގާތަށް ހިނިއައެވެ.
އަފްޒަލް ހަމަޖެހިލައިގެން މަންމަގެ އުނގަށް ބޯއަޅާލައިގެން އޮތްއިރުވެސް ވިސްނެމުން ދިޔައީ އެ އަންހެން ކުއްޖާއާއި ދޭތެރޭގައެވެ. އެ އަންހެން ކުއްޖާމަތިން ހަނދާން ނައްތާލަން ދުވަސްކޮޅެއް ނަގާނެކަމަށް އަފްޒަލްއަށް ގަބޫލު ކުރެވުނެވެ.
***
ހެނދުނުގެ ސަޔަށް އިންސާފު ކުރަމުން ދިޔަ ވަގުތެވެ. ހެނދުނު ސަޔަށް ރޮއްޓާ މަސްހުނި ތައްޔާރު ކުރީ އެއީ ކުރީގައި ޖިއާންއަށް އެންމެ ކަމުދާ ކެއުން ކަމަށް ވާތީއެވެ. ނަމަވެސް މިއަދު ޖިއާންއަށް އިނދެވުނީ ފެނުނު ހުވަފެނުގެ ސަބަބުން ހިތުގެ ހަމަޖެހުން ގެއްލިފައެވެ. ފަޒީލް ސައިބޮއިގެން އޮފީހަށް ދާން ނުކުތުމާއި އެކުގައި ލީނާ ސުވާލު ކުރަން ފެށިއެވެ.
"ޖީ ރޭގައި ނިދުނުތަ؟" ޖިއާންއަށް ނުނިދޭކަން ލީނާއަށް ޔަގީނެވެ.
"ކުޑަކޮށް ނިދުނު. އެކަމަކު ފާޑެއްގެ ހުވަފެނެއް ފެނިގެން ހޭލެވުނީ. ލީންއަށް އެނގޭތަ. އެ ހުވަފެން ފެންނަމުން ދިޔަ އިރު ހީވީ އެއީ ހަމަ އަސްލަށްވެސް ވަމުން ދިޔަ ކަމެއް ހެން. އެހާވެސް ރިއަލް." ޖިއާން ރަހުމަތްތެރިޔާއަށް ކިޔާދިނެވެ.
"އެހެންތަ؟ ކޮން ހުވަފެނެއް؟ އަހަންނަށްވެސް ކިޔާދީބަލަ." ލީނާ ޖިއާންގެ ކުރިމައްޗަށް އިން ގޮނޑީގައި އިށީނެވެ. ހަމަޖެހިލައިގެން އެ ހުވަފެން އަޑުއަހަންށެވެ. ޖިއާން ކިޔާދެމުން ދިޔަ ކޮންމެ ބަހަކަށް ފަރުވާތެރިކަމާއި އެކުގައި ލީނާ އަޑުއަހަމުން ދިޔައެވެ.
"އެންމެ ރަނގަޅު. އަހަންނަށް ހީވާ ގޮތް ބުނަންތަ؟ އަހަންނަށް ހީވަނީ ތިއީ ޖީއަށް ތަންކޮޅެއް ބޮޑަށް ވިސްނޭތީ ފެނުނު ހުވަފެނެއް ހެން" ލީނާއަށް ހީވާ ގޮތަށް ކިޔާދިނެވެ.
"އަހަންނަށް ދިމާވި ގޮތަކާއި އެ އުސް އިމާރާތަކާ ކޮން ގުޅުމެއް؟ އެ ބިޔަ ރާޅުތަކޯ؟ މުޅި ތަން ފެން ބޮޑުވުމޯ؟" ޖިއާންއަށް ގަބޫލެއް ނުކުރެއެވެ.
"އަހަންނަށް ހީވާ ގޮތަށް ބުނެދެންތަ؟ ފެނުނު ރީތި ގެ. އެއީ ވެދާނެ އެއްނު ޖީ އުޅެމުން އައި ދިރިއުޅުންކަމަށް. އުފާވެރި. ހަމަޖެހޭ ދިރިއުޅުމެއް. ފުރަތަމަ މޫސުން ރަނގަޅުވުން، އެއީ އޭރުގައި ދިރިއުޅުން ދިޔައީ އަމާންކަމާއި އެކުގައި ކަމަށްވީތީ ކަމަށްވެދާނެ. ދެން މީހަކު ބެލް އެޅީ. އެއީ ޖިއާން އުއްމީދުކޮށްގެން ހުރި ކަމެއް ނޫން. އަނބުރާ އެތެރެއަށް ވަދެ ބަލާލި އިރު މޫސުން ބަދަލު ވީ. ވެދާނެއެއްނު ހަޔާތަށް އައި ކުއްލި ބަދަލު ކަމަށް. ނެގި ބޮޑު ބިޔަ ރާޅެއް، އޭގެން ސަލާމަތް ނުވެވިގެން އުޅެނިކޮށް ގޭތެރެ ފެން ބޮޑުވީ. މިސާލަކަށް ޖީއަށް ދިމާވި ކަންތަކުން އަރައި ނުގަނެވިގެން އުޅެނިކޮށް ގެއިން ނުކުންނަން ޖެހުމާއި، ލޯބިވެރިޔާ ދޫކޮށްލާފައި ދިޔުމާ، ވަޒީފާއިން ވަކިކޮށްލުން. އެހުރިހާ ކަމެއް އަދިވެސް ޖީގެ ސަބްކޮންޝަސް މައިންޑް ގައި ހުންނާތީ ކަންނޭނގެ އެހެން ތި ވަނީ. އަހަންނަށް ފެނޭ ޖީ ކައުންސިލިންގ ނަގަން. ނޫނީ ސައިކޭޓްރިސްޓްއަކަށް ދައްކަން" ލީނާ ބޭނުންވީ ރަހުމަތްތެރިޔާއަށް އެހީވާށެވެ.
"ލީންއަށް ހީވަނީ އަހަރެން މޮޔަ ގޮވަނީއޭތަ؟ އަހަރެން ކައުންސިލިންގ ނަގަން ގޮސް ބުނާނީ ކީކޭ؟ އަހަރެން މިއީ މޮޔައެކޭ؟" ޖިއާންގެ ލޮލުން ކަރުނައިގެ ބޮޑު ކޯރެއް ބަންޑުންވާން ފެށިއެވެ.
"ނޫނޭ ޖީ. ތިހެން ހީ ނުކުރޭ. އަހަރުމެން އެމީހުން ކައިރިއަށް ދަނީ އަހަރުމެން މޮޔަ ވެގެނެއް ނޫނޭ. ޑިޕްރެޝަންއަކީ ދިމާވެދާނެ ކަމެއް ކޮންމެ މީހަކަށްވެސް. އެހީ ހޯދުން އެއީ އެއްވެސް މައްސަލައެއް ނޫން. ޖީއަށް އެނގޭތަ؟ އަހަރެންވެސް އެމީހުން ކައިރިއަށް ދަމޭ. އެކަމަކު އަހަންނަކީ މޮޔައެއްތަ؟ ކަމަކާ ހާސްވެ ކަންބޮޑުވާއިރުގައި އެއްވެސް ކޮޅަކަށް ޖެހުމެއް ނެތި އަހަރުމެންގެ ވާހަކަތައް އަޑުއަހާ، ކަންކަން ކުރާނެ ގޮތުގެ ލަފާ ދީ، ހިނިތުންވާން އެމީހުން ދަސްކޮށްދޭއިރުގައި އެމީހުންގެ އެހީއަށް އެދުމަކީ ގޯހެއް ކަމަކަށް އަހަރެން ނުދެކެން. ކުޑަދަރިފުޅު ހަފްތާއެއް ނުވަނީސް މި ދުނިޔެ ދޫކުރުމުން ދިރިއުޅުން މަތިން އަހަރެން މުޅިން ފޫހިވި. ކެއުމެއް ބުއިމެއް ނެތި ކަރުނަ އެޅުން ނޫން ކަމެއް އަހަރެން ނުކުރަން. އެކަމަކު ފަޒީލްގެ އެދުމުގެ މަތިން ޑޮކްޓަރަށް ދައްކާ ބޭސް ކަމުން ކައުންސިލިންގ ނަގަން ފެށީ. އަހަރެން އުފާކުރަން ފަޒީލްގެ ސަބަބުން އަހަންނަށް އަމިއްލަ ފައިމައްޗަށް ތެދުވެވުނީމަ. އަހަރެން ބޭނުންވަނީ ޖީވެސް އަނބުރާ އަމިއްލަ ފައިމައްޗަށް ތެދުވަން" ލީނާ ތެދުވެގެން ގޮސް ޖިއާންގެ ގައިގާ ބައްދާލިއެވެ.
ނުނިމޭ



