ޔޫއެފާ ޔޫރޯ ކޮލިފިކޭޝަންގައި ރޭ ގްރީސްއާއި ބައްދަލުކުރި މެޗު ކާމިޔާބުކޮށް އިޓަލީ އިން މޮޅުވުމުގެ ރެކޯޑު ދެމެހެއްޓިއިރު، ނޯވޭއިން ހުރިހާ މެޗަކުން މޮޅުވަމުންއައި ސްޕެއިން ހިފަހައްޓައިފިއެވެ.
ރަށުން ބޭރުގައި ސްޕެއިން ކުޅުނު މިމެޗު 1-1 ގެ ނަތީޖާއަކުން ނިމިފައިވާއިރު މެޗުގެ ފުރަތަމަ ލަނޑުޖަހާ ލީޑުނަގާފައިވަނީ ސްޕެއިން އިންނެވެ. މެޗުގެ 47 ވަނަ މިނަޓްގައިފެނިގެންދިޔަ މިލަނޑު ސްޕެއިންއަށް ކާމިޔާބުކޮށްދީފައިވަނީ ސައުލް ނިގޭޒްއެވެ.
ސްޕެއިންގެ ފަރާތުން ގިނަ ހަމަލާތަކެއް ރޭގެ މެޗުގައި ފެނިގެންދިޔަ ނަމަވެސް، ލިބުނު ފުރުޞަތުތަކުގެ ބޭނުން ނުހިފިއުޅެނިކޮށް ނޯވޭ އިން ލަނޑެއްޖަހައި މެޗުގެ ނަތީޖާ ހަމަހަމަކޮށް ސްޕެއިން ޙައިރާން ކޮށްލީ މެޗުގެ ފަހު ވަގުތުއެވެ.
މެޗުގެ އިތުރުވަގުތުގައި ލިބުނު ޕެނަލްޓީއަކުން ނޯވޭއަށް ނަތީޖާ ހަމަހަމަކޮށްދިނީ ޖޯޝުއާ ކިންގްއެވެ.
ރޭގެ މެޗު އެއްވަރުވިނަމަވެސް މިހާތަނަށް ކުޅުނު ހަތް މެޗުން ލިބުނު 19 ޕޮއިންޓާއެކު ސްޕެއިންއޮތީ ގްރޫޕް އެފް ގެ އެއްވަނާގައެވެ.

އަމިއްލަ ޤައުމުގައި އިޓަލީއިން ރޭ ގްރީސް ބަލިކޮށްފައިވަނީ 2-0 ގެ ނަތީޖާއަކުންނެވެ.
އިޓަލީގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔަ މިމެޗު ކޮންޓްރޯލް ކޮށްފައިވަނީވެސް އެޓީމުންނެވެ. އެގޮތުން އިޓަލީގެ ފަރާތުން ޖުމްލަ ވިހި ހަމަލާއެއް ރޭގެ މެޗުގައި ފެނިގެންގޮސްފައިވާކަން ފާހަގަކޮށްލެވެއެވެ.
އިޓަލީގެ ފުރަތަމަ ލަނޑުތައް މެޗުގެ 63 ވަނަ މިނަޓްގައި ފެނިގެންގޮސްފައިވާއިރު ލިބުނު ޕެނަލްޓީއަކުން މިލަނޑު ކާމިޔާބުކޮށްދިނީ ޖޯޖީނިއޯއެވެ. އަދި ދެވަނަ ލަނޑު ފެޑެރިކޯ ކާމިޔާބުކޮށްދީފައިވަނީ މެޗުގެ 78 ވަނަ މިނަޓްގައެވެ.
ކުޅުނު ހުރިހާ މެޗަކުންވެސް މޮޅުވެ ޖުމްލަ 21 ޕޮއިންޓާއެކު އިޓަލީ އޮތީ ގްރޫޕް ޖޭ ގެ އެއްވަނާގައެވެ.



