ރައިސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް - ފޮޓޯ: ރައީސް އޮފީސް

ހަރުކަށިކަން އިސްކޮށް، ޤައުމުގެ ހަމަޖެހުން ނަގައިނުލައްވާ - ރައީސް

މުޖްތަމަޢުގެ ޞުލްހަ މަސަލަސްކަމާއި ހަމަޖެހުން ގެއްލޭ ފަދަ، ހަރުކަށި ޢަމަލުތަކަށް ހިތްވަރުދިނުމަކީ، އެއްވެސް ބައެއްގެ މަޞްލަޙަތު ހުރި ގޮތެއް ނޫންކަމަށާއި، އެހެންކަމުން ހަރުކަށިކަން އިސްނުކުރުމަށާއި، ޤައުމުގެ ހަމަޖެހުން ނަގައިނުލުމަށް، ރާއްޖޭގެ ރައްޔިތުންނަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް އިލްތިމާސްކުރައްވައިފިއެވެ.

އެމަނިކުފާނު މިކަމަށް އިލްތިމާސްކުރެއްވީ "ދަ ނޭޝަނަލް ހައި ލެވެލް ޑައިލޮގް އޮން ޕްރޮމޯޓިން ޕީސް އެންޑް ސެކިއުރިޓީ" ގެ ނަމުގައި މިއަދު ހޮޓެލް ޖެންގައި ކުރިއަށްދާ ބައްދަލުވުން ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ.

މި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ އެންމެންވެސް އެދެނީ، ޞުލްޙަ މަސަލަސްކަމާއެކު ހަމަޖެހިގެން ދިރިއުޅެންކަމަށާއި، ސަރުކާރުން ކުރާ ކޮންމެ ކަމަކުން ޙާޞިލްކުރަން ބޭނުންވާ ނަތީޖާއަކީވެސް، ރައްޔިތުންނަށް ހިތްހަމަޖެހުމާއި އުފާވެރިކަން ޙާޞިލްކޮށްދިނުން ކަމުގައެވެ.

"އަމާންކަމާއި ހަމަޖެހުމުގެ ނިދީގައި ޣާފިލުވެފައި ތިއްބައި، ފަރުދާގެ ފުރަގަހުގައި އެތައް ނުރައްކާތަކެއް އަންނަނީ އުފެދެމުން. އިސްލާމީ ޞައްޙަ ޢަޤީދާގެ މަތީގައި، ދަރީން ތަރުބިއްޔަތުކުރުމުގައި އިހުމާލުވުމުގެ ސަބަބުން، ދިވެހީންގެ ތެރޭގައި އުފެދިގެން ނުވާނޭ ޚިޔާލު ތަފާތުވުންތަކެއް ވަނީ އުފެދެން ފަށާފައި." ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މިމޭރުމުން ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިގޮތުގައި، އޭގެ ނަތީޖާ ބައްދަލުކުރާ އެއް ގޮތަކީ، ޞައްޙަ އިސްލާމީ މަފްހޫމް އެއްފަރާތްކޮށް، ހަރުކަށި ވިސްނުމަށް ލެނބިގެން ދިޔުންކަމަށެވެ. އަނެއް ގޮތަކީ، ކަމުގެ ނުރައްކާތެރިކަމާ މެދު ވިސްނައިލުމެއް ނެތި، އިސްލާމް ދީނަށް ކުޑައިމީސް ކުރެވޭ ފަދަ ޚިޔާލުތައް ފާޅުކުރުން ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

އެމަނިކުފާނުގެ ވާހަކަފުޅުގައި، ޒުވާނުންގެ ފިކުރަކީ ޤައުމު ބިނާކޮށްދޭ ފިކުރަކަށް ހެދުމަކީ އެންމެންގެ ޒިންމާއެއްކަމަށާއި، ޒުވާނުންނާ މެދު މި ސަރުކާރުގެ ފުރަތަމަ އަމާޒަކީ، ރަނގަޅު ތަޢުލީމީ ޒުވާން ޖީލެއް ބިނާކުރުމުގައި ތަޢުލީމީ މަރުޙަލާތައް ފުރިހަމަކުރަމުން އަންނަ އިރު، ކޮންމެ ޒުވާނަކީވެސް އިސްލާމީ ޞައްޙަ ޢަޤީދާގެ މަތީގައި ތަރުބިއްޔަތުވާ، ޚުލްޤު ހެޔޮ ޒުވާނަކަށް ހެދުންކަމުގައި ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ހަރުކަށި ފިކުރުތަކަށް ތަބާވެ، އެކި ޤައުމުތަކުގެ ދާޚިލީ ހަނގުރާމަތަކުގައި ބައެއް ދިވެހީން ބައިވެރިވެ، ޓެރަރިޒަމްގެ ޢަމަލުތައް ހިންގަމުންދާކަމީ، މުޅި ދިވެހި މުޖްތަމަޢަށް ލިބޭ ވަރަށް ބޮޑު ދެރައެއްކަމަށާއި، މިއީ ރާއްޖޭގެ ދާޚިލީ ހަމަޖެހުމާއި ޞުލްޙައަށް، އަދި މުޅި ޤައުމުގެ އިޤްތިޞާދަށްވެސް ލިބޭ ވަރަށް ބޮޑު ގެއްލުމެއްކަމުގައި ފާހަގަކުރެއްވިއެވެ.

އެމަނިކުފާނު އިތުރަށް ވާހަކަފުޅުދައްކަވަމުން ވިދާޅުވީ އެ ތަނެއްގައި ހަނގުރާމައެއް ހިނގަމުން ނުދާ ކޮންމެ ތަނަކީ، ޞުލްޙަ ޤާއިމްވެފައި އޮތް ތަނެއް ކަމަށް ޤަބޫލުކުރެވިފައި ވީނަމަވެސް ޙަޤީޤީ ޞުލްޙައަކީ، އެތަނެއްގެ ރައްޔިތުންގެ މެދުގައި އުފެދިފައި އޮންނަ، އޯގާތެރިކަމާއި ލޯތްބާއި ހަމްދަރުދީކަމުގައެވެ.

"ދައުލަތުގެ ހުރިހާ މުއައްސަސާތަކާއި، ސަލާމަތީ ބާރުތަކާއި ކައުންޓަ ޓެރަރިޒަމް ސެންޓަރ ގުޅިގެން މަސައްކަތް ކުރަމުން މި އަންނަނީ، ރައްޔިތުންނަށް އުފާވެރި ޞުލްޙަވެރި ދިރިއުޅުމެއް ހޯދައިދިނުމަށް. އެހެންކަމުން، މި ރާއްޖޭގެ ކޮންމެ ޖަޒީރާއަކީ، ތިމާގެ އަމިއްލަ އަމާނާތެއް ކަމަށް ދެކި، އެ އަމާނާތަށް ވަފާތެރި ތެދުވެރި ބަޔަކު ކަމުގައި އަޅުގަނޑުމެން ވަމާތޯ!" ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ އިތުރަށް ވިދާޅުވިގޮތުގައި ދޭދޭ ފަރުދުންގެ މެދުގައި ޞުލްޙަވެރިކަން ޤާއިމުނުކޮށް، އެހެން ބައެއްގެ ފަރާތުން ހޯދޭނެ ޞުލްޙައެއް ނޯންނާނެކަމަށެވެ. އަދި ދާޚިލީ ހަނގުރާމަތައް ހިނގަމުންދާ ތަންތަނުން ފެންނަމުން އެ ދަނީ މި ދެންނެވި ޙަޤީޤަތް ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމްވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
ފަހުގެ އަޕްޑޭޓް
ފަހުގެ އަޕްޑޭޓް