ދިވެހިރާއްޖޭގެ ސްޕްރީމް ކޯޓުގެ ހުކުމާ އެއްގޮތަށް، ސިޔާސީ ޕާޓީތަކުގެ ޕްރައިމަރީގައި ބައިވެރިވެ ވާދަކޮށްގެން ބަލިވި ކެންޑިޑޭޓުން ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް ކުރިމަރިލާން ހުޅުވާލައިފި އެވެ.
އިލެކްޝަންސް ކޮމިޝަނުން މިއަދު ބުނީ އެފަދަ ފަރާތްތަކަށް މަޖިލީސް އިންތިހާބަށް ކުރިމަތިލުމުގެ ފުރުސަތު އިއްޔެ އިން ފެށިގެން މާޗް މަހުގެ ހަތަރު ވަނަ ދުވަހު ހަވީރު 16:00 ގެ ނިޔަލަށް ހުޅުވާލައިފައިވާ ކަމަށެވެ.
ސިޔާސީ ޕާޓީތަކުގެ ޕްރައިމަރީގައި ވާދަކޮށް، ނާކާމިޔާބުވާ ފަރާތްތަކަށް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވާދަކުރެވޭނެ ކަމަށާއި، އެފަރާތްތަކަށް ކުރިމަތިލުމަށް ފުރުޞަތު ދިނުމުގެ ގޮތުން އަންނަ މަހުގެ 4 ވަނަ ދުވަހުގެ ނިޔަލަށް މުއްދަތު އިތުރުކުރުމަށް ސުޕްރީމް ކޯޓުން ވަނީ ހުކުމްކޮށްފަ އެވެ.
އިލެކްޝަންސް ކޮމިޝަނުން ކުރިން ނިންމާފައި އޮތީ މާދަމާ (27 ފެބުރުވަރީ 2019) ކެންޑިޑޭޓުންގެ ނަންބަރުތައް ތަރުތީބުކޮށް، އިއުލާނު ކުރުމަށެވެ. ނަމަވެސް މުއްދަތު އިތުރު ކުރަން ޖެހުމާއި ގުޅިގެން ދެން އެންމެ އަވަހަށް ކެންޑިޑޭޓް ނަންބަރު ތަރުތީބު ކުރެވޭނީ އަންނަ މަހުގެ 5 ވަނަ ދުވަހުއެވެ.
އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެފައިވަނީ އަންނަ އެޕްރީލް މަހުގެ 6 ވަނަ ދުވަހު، ކުރިންވެސް ކަނޑައަޅާފައިވާގޮތަށް އިންތީޚާބު ބާއްވާނެ ކަމަށެވެ. އެހެންކަމަށްވާނަމަ ޤާނުނުގައި ކެމްޕޭން ކުރުމަށް ދިނުމަށް ކަނޑައަޅާފައިވާ 30 ދުވަސް ދެވޭނީ މާރޗް 5 ވަނަ ދުވަހު ކެންޑިޑޭޓް ނަންބަރު ތަރުތީބު ކޮށްގެނެވެ.
މި ފުރުޞަތު އިތުރުކުރުމުގެ ކުރިން 403 ފަރާތަކުން އިންތިޚާބުގައި ވާދަކުރުމަށް އީސީއަށް ފޯމް ހުށަހަޅާފައިވާއިރު، އޭގެ ތެރެއިން ފޯމު ފުރިހަމަވެގެން ކެންޑިޑެންސީ ލިބިފައިވަނީ 395 ފަރާތަކަށެވެ.