އައްޑޫގައި އަޅާފައިވާ ފްލެޓްތައް ލިބިލެއްވި ފަރާތްތަކާއެކު އެގްރީމެންޓްގައި ސޮއި ކުރަން ފަށައިފި

ސަރުކާރުގެ "ގެދޮރުވެރިކުރުން" ޕްރޮގްރާމްގެ ދަށުން، އައްޑޫގައި އަޅާފައިވާ ފްލެޓްތައް ލިބިލެއްވި ފަރާތްތަކާއެކު އެގްރީމެންޓްގައި ސޮއިކޮށް ފްލެޓް ހަވާލުކުރުމުގެ މަސައްކަތް މިއަދު އައްޑޫ ސިޓީ ކައުންސިލުން ފަށައިފިއެވެ.

އައްޑޫ ސިޓީ ކައުންސިލުން ބުނެފައިވަނީ ހިތަދޫގައި އަޅާފައިވާ ފްލެޓްތައް ލިބިލެއްވި ފަރާތްތަކުން އެގްރީމެންޓްގައި ސޮއި ކުރުމުގެ ކުރިން ފްލެޓް ބައްލަވާލައްވަން ބޭނުންފުޅުވާނަމަ މި މަހުގެ 13 އިން 128 އަށް ކޮންމެ ދުވަހަކު ހެނދުނު 09:30 އިން 12:00 އަށް އަދި 14:00 އިން 17:00 އަށް ފްލެޓް ލިބުނު ކަމުގެ ލިޔުމާއެކު ފްލެޓް ސަރަހައްދަށް ވަޑައިގެން ދެއްވުމަށެވެ.

މީގެ އިތުރުން ފްލެޓްއަށް ބޭނުންވާ ފެނާއި ނަރުދަމާ ގުޅުމަށް އިތުރު ފީއެއް ނުނަގާނެކަމުގައިވެސް އައްޑޫ ސިޓީ ކައުންސިލުން ވަނީ ބުނެފައެވެ.

ގެދޮރުވެރިކުރުން ޕްރޮގްރާމްގެ ދަށުން ހިތަދޫގައި 264 ފްލެޓް ސަރުކާރުން ވަނީ އަޅާފައެވެ.

މީގެ އިތުރުން ރައީސް އިބްރާޙީމް މުޙައްމަދު ޞޯލިހުގެ ބޯހިޔާވަހިކަމުގެ ވަޢުދުގެ ދަށުން ސަރުކާރުން އަތޮޅުތަކަށް އަމާޒުކޮށްގެން ކުރިއަށްގެންދާ 20،000 ހައުސިންގ ޔުނިޓް އެޅުމުގެ މަޝްރޫޢުގެ ތެރެއިން އައްޑޫ ސިޓީގައި 1500 ހައުސިންގ ޔުނިޓަށް އެޅުމަށް ވަނީ ހަމަޖެހިފައެވެ.

ރާއްޖޭގެ އެކި ސަރަހައްދުތަކުގައި މަސައްކަތް ހުއްޓިފައިހުރި ހައުސިންގ ޔުނިތްތަކުގެ މަސައްކަތް މިއަހަރުގެ ނިޔަލަށް ނިންމާނެކަމަށް މިނިސްޓްރީ އޮފް ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމަންޓުން ވަނީ ވިދާޅުވެފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ