2015 ވަނަ އަހަރުގެ ޖަނަވަރީ މަހުގެ 15 ވަނަ ދުވަހު އުފަންވެގެން އައި ނިލަންދޫ ޔަންގު ޖެނެރޭޝަން (އެންވައިޖީ) ގެ ހަރަކާތްތައް 2016 ވަނަ އަހަރުގެ ތެރޭގައި ހިނގައިގަތް ފަހުން އެ ޖަމްއިއްޔާއަކީ މުހިންމު މަސައްކަތްތަކެއްގެ ބައިވެރިއެކެވެ.
އައު އަހަރާ އެންވައިޖީ އިން ކުރިމަތިލީ ތަފާތު ޝިއާރަކާ އެކުގައެވެ. "2019 ތަފާތުވާނެ" ޝިއާރަކަށް ނަގައިގެން ފެށި މަސައްކަތް ތަފާތު ނުވާންވީ ސަބަބެއްވެސް ނެތްމެއެވެ.
އެންވައިޖީގެ ޖެނެރަލް ސެކްރެޓަރީ ޢަބްދުލްމަޖީދު ޢަލީ "ފެށުމަށް" ވިދާޅުވީ، އެހެން އަހަރުތެކެކޭވެސް އެއްގޮތަށް މިއަހަރުވެސް ބަރަކާތްތެރި ރަމަޞާން މަހު ޤުރުއާން މުބާރާތާއި ދީނީ ސުވާލު މުބާރާތް ބޭއްވުމަށް އެ ޖަމްއިއްޔާއިން ނިންމާފައިވާ ކަމަށެވެ.
"މިދިޔަ އަހަރު ޤުރުއާން މުބާރާތް ބާއްވާފައިވާނީ 21 އަހަރުން މައްޗަށް. ނަމަވެސް މިއަހަރުގެ މުބާރާތް ބޭއްވުމަށް ހަމަޖެހިފައިވަނީ 19 އަހަރުން ދަށަށް." އެންވައިޖީގެ ޖެނެރަލް ސެކްރެޓަރީ ޢަބްދުލްމަޖީދު ޢަލީ ވިދާޅުވިއެވެ.
ވޭތުވެދިޔަ އަހަރުގެ އެ ޖަމްއިއްޔާގެ ޤުރުއާން މުބާރާތުގައި 25 ފަރާތަކުން ބައިވެރިވެފައިވާއިރު، މިއަހަރުގެ މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު އަވަސް ފުރުޞަރެއްގައި ހުޅުވާލައްވާނެކަމަށް އެ ޖަމްއިއްޔާއިން ވިދާޅުވިއެވެ. އެކަން ހާމަކުރާއިރު އުމުރުފުރާތަކުގެ ތަފްސީލާއި މުބާރާތުގެ ގަވާއިދުވެސް އާއްމު ކުރައްވާނެ ކަމަށް އެފަރާތުން މަޢުލޫމާތު ދެއްވިއެވެ.

އެންވައިޖީގެ ޤުރުއާން މުބާރާތަކީ ފ.ނިލަންދޫގައި ބާއްވާ މުބާރާތެއް ނަމަވެސް، އެ ޖަމްއިއްޔާގެ ދީނީ ސުވާލު މުބާރާތަކީ މުޅި ރާއްޖެއަށް ހުޅުވާލައިގެން އެ ޖަމްއިއްޔާގެ ފޭސްބުކް ޕޭޖްގައި ކުރިއަށް ގެންދާ މުބާރާތެކެވެ.
ސަރަހައްދީ ފެންވަރުގައި މަސައްކަތް ކުރުމަށް އަމާޒުހިފާފައިފާ ނިލަންދޫ ޔަންގު ޖެނެރޭޝަނާ ގުޅިގެން އިޖުތިމާއީ، ދީނީ އަދި ޝިއްޙީ ދާއިރާގެ އިތުރުން ކުޅިވަރު ހަރަކާތްތައް ހިންގަން ޝައުގުވެރިވެލައްވާ ފަރާތްތަކުން އެ ޖަމްއިއްޔާގެ ޖެނެރަލް ސެކްރެޓަރީ އަށް ގުޅުއްވައިގެން (ނަންބަރު 9945312) ކުރިއަށް ގެންދިއުމަށް އެ ޖަމްއިއްޔާއިން އެދިލައްވައެވެ.