އޭ ޒުވާނުންނޭ! މައިންބަފައިންނަށް އިޙްތިރާމް ކުރާށެ!

ކޮންމެ ކުއްޖަކުވެސް ދުނިޔެއަށް އައުމުގެ އަސްލަކީ މައިންބަފައިންނެވެ. ކުއްޖާ ދުނިޔެއަށް އުފަންވީންސުރެ، ބޮޑުވަންދެން އެކުއްޖަކާއި އަޅާލާ އޯގާތެރިވަނީ ހަމަ އެކުއްޖެއްގެ މައިންބަފައިންނެވެ. ތައުލީމު ހޯދައިދީ މުޖްތަމަޢުގައި ޤަދަރު އުފުލިގެންވާ ބަޔަކަށް ހަދައިދެނީ ހަމަ މައިންބަފައިންނެވެ. ކާނެ އެއްޗިއްސާއި، ލާނެ އަންނައުނުވެސް ހޯދައިދެނީ ޝައްކެއްވެސް ނެތް ގޮތުގައި ހަމަ މައިންބަފައިންނެވެ.

ވީމާ މައިންބަފައިނަށް ކޮންމެ ކުއްޖަކުވެސް ޤަދަރު ކުރަންޖެހޭނެއެވެ. އިޙްތިރާމް ކުރަންޖެހޭނެއެވެ. އެމީހުންނަށް އަޅާލައި، އޯގާތެރިވެ، ކިޔަމަންވާންޖެހޭނެއެވެ. ސަބަބަކީ ކޮންމެ ކުއްޖަކުވެސް އަމިއްލަ ފައިމައްޗަށް ތެދުވެވޭވަރު ކޮށްދެނީ މައިންބަފައިންގެ ބުރަ، މިންނެތް މަސައްކަތުން ކަމަށްވާތީއެވެ.

އަޅުގަނޑުމެންގެ އެންމެން ހިތުގައި މިހާރު އަބަދުވެސް އުފެދޭ ސުވާލަކީ މިހާރުގެ ގިނަ ޒުވާނުން މައިންބަފައިންނަށް ކަމޭހިތާތޯއެ! އަދަބު އިޙްތިރާމް ކުރޭތޯ! އެމީހުންނަށް ގަދަރު ކުރޭތޯއެ! މިއީ ހައްތާވެސް އުފެދޭސުވާލުތަކެވެ. ހިތާމައަކީ މައިންބަފައިންނަށް ކަމޭހިތަން ޖެހޭނެކަމެއް، އެމީހުނަށް ޤަދަރު ކުރަންޖެހޭ ކަމެއް، އަދަބު އިޙްތިރާމް އަދާކުރަން ޖެހޭނެކަމެއް އަދުގެ ގިނަ ޒުވާނުން ނުދަންނަކަމެވެ.

މައިންބަފައިންނަށް ހެޔޮކޮށް ހިތުމަކީ އަޅުގަނޑުމެންގެ މައްޗަށް ވާޖިބަކަށް ވާއިރު، އެމީހުނަށް އުރެދުމަކީ ބޮޑުވެގެންވާ ފާފައެކެވެ. މައިންބަފައިންނަށް އިޙްތިރާމްކުރުމަށް އިސްލާމްދީން ވަރަށްބޮޑަށް އަމުރުކުރައްވާފައި ވާއިރު، މާތްﷲ ކީރިތި ޤުރުއާނުގައި ވަޙީކުރައްވާފައިވާ އާޔަތެއްގެ މާނައިގައިވަނީ "އޯގާވެރިވުމުގެ ގޮތުން ނިކަމެތިކަމުގެ ފިޔަ އެ ދެ މީހުންނަށްޓަކައި، ތިބާ ތިރިކުރާށޭ! އަދި ބުނާށޭ! ހައްދަވައި ބޮޑުކުރެއްވި ރަސްކަލާކޮ! ކުޑަކުއްޖަކު ކަމުގައި ތިމަން ވީހިނދު، ތިމަންގެ ޙާލު ބަލައި، ބޮޑުކުޅަ ފަދައިން، އެދެމީހުންނަށް ރަޙްމަތް ލައްވާފާނދޭ!" ކަމަށެވެ.

ޒަމާން ބަދަލުވެއްޖެއެ! ދިރިއުޅުމުގެ ވައްޓަފާޅިއަށް ވަރަށް ބޮޑެތިބަދަލު ތަކެއް މިވަނީ އައިސްފައި، އަދުގެ މުޖުތަމަޢުން ފެންނަމުންދަނީ ޒުވާނުން މިނިވަންކަމާއެކު މެދު އުޑުގައި ފިޔަ ޖަހާތަނެވެ. ޒުވާނުންގެ މިނިވަން ޙިޔާލާއެކު އުޅެމުންދާއިރު، މައިންބަފައިންނަށް އަޅާލުމެއް، އެމީހުންގެ ހާލަކީ ކޮބައިތޯ ގިނަ ޒުވާނުން ބަލާނުލާކަމީ ހިތާމަހުރި ކަމެއްކެވެ. މުޅިދުވަހު އުޅޭނެހާތާކު އުޅެފައި، ގެއަށް ވަދެލަނީ ނިދާލަން ނުވަތަ ފެންވަރާލާ، ކައިހަދާލަން އެކަނިއެވެ. އަދި ކީއްތޯ؟ ގެއަށްވަދެ މައިންބަފައިނާއި ވާހަކަދައްކާލައި ހާލު އަހާލައި ހެދުމަކީވެސް މިހާރުގެ ޒުވާނުންނަށް ވަނީ ބޮޑުކަމަކަށެވެ. ކޮންފަދަ ރަހުމުކުޑަ ހިތެއްގެ ވެރި ބައެއްތޯ! މިއީތޯ އަޅުގަނޑުމެން ޒުވާނުން އުޅެންވީ ގޮތަކީ؟

މި ކުޑަކުޑަ މުޖުތަމައުގެ ކިތައް ގޭގަތޯ ޒުވާނުންގެ ސަބަބުން މައިންބަފައިން ހިތުގައި ޖެހި ލޯތަކުން ކަރުނަ އޮހޮރަނީ؟ ބުރަ މަސައްކަތްކޮށް އެމީހުންނަށް ލިބޭ ލާރިކޮޅު ޖަހައިގަނެ، އަނިޔާކޮށް ހަދާ ކިތައް ކިތައް ޒުވާނުން މި މުޖުތަމައުގައި އުޅޭތޯ؟ މިއީތޯ މައިންބަފައިން ކުޑައިރުންސުރެ ވަމުންދިޔަ ޤުރުބާނީގެ އަގު އެމީހުނަށް ދޭނެގޮތަކީ؟ މިއަދުގެ ޒުވާނުން އެމީހުންގެ ރައްޓެހިންނާއި، ލޯބިވެރިވެރިންގެ އަތުގައި ހިފައިގެން ހިނގާހަދާ، ނުވިތާކަށް މީރު ކެއުންތަށް ކެއުމަށް ކެފޭތަކާއި، ރެސްޓޯރެންޓް ތަކަށް ދާއިރު، ތިމާ ދުނިޔެއަށް އުފަންކުރި ތިމާ ބަލާބޮޑުކުރި މައިންބަފައިންގެ އަތުގައި ހިފައިގެން ހިނގާލަން ދާން ޒުވާނުން ލަނދުގަނެއެވެ. އަދި ކީއްތޯ! ގިނަ ޒުވާނުންނަށް އެމީހުންނާއި އެއްމަގުން ހިނގާފައި ދާންވެސް ނުކެރޭކަމީ ހިތާމަހުރި ކަމެކެވެ.

މާ މުއްސަދި ބަޔަކަށް، ނުވަތަ ތަނަވަސް ބަޔަކަށް އަޅުގަނޑުމެން ނުވެދާނެއެވެ. މަހުންމަހަށް ލާރިދީ ތަކެތި ހޯދައިދިނުން އެއީ މައިންބަފައިނަށް އިޙްތިރާމްކުރުމެއް ނޫނެވެ. އިޙްތިރާމްކުރުމަކީ މައިންނަށްޓަކައި ޤުރުބާންވުމެވެ. މައިންބަފައިން ދަރިންނަށްޓަކައިވާ ޤުރުބާނީއަކީ ދުވަހަކުވެސް އަގު އަދާނުކުރެވޭނެ އެއްޗެކެވެ.

މިޒަމާނަށް ނަޒަރު ހިނގާލާއިރު މި މުޖުތަމައުގެ ތެރޭގައި މައިންބަފައިންނަށް ސަމާލުކަން ނުދިނުމާއި، އަޅާނުލުންވަނީ ފެޝެނަކަށްވެފައެވެ. ހިތާމަހުރި ކަމެއް! ވަކިން ޙާއްސަކޮށް މުސްކުޅިވެ، ގައިބާރުދެރަވެ، ދަރިންނަށް ބަރޯސާވެގެން އުޅޭހިސާބަށް މައިންބަފައިން ދިއުމުން އެމީހުންނަށް ހާލުބަލާލަން ޒިޔާރަތްކޮށްލެވެނީވެސް ކިތައް ކިތައް މީހުންނައްތޯ؟ އެމީހުން ބެލުމުގައި ނުކުޅެދި، އެކަމުން ރެކުމަށްޓަކައި އެމީހުން މުސްކުޅިންބަލާ ތަންތަނަށް ފޮނުވާލަނީ ކިތައް ކިތައް އާއިލާއިންތޯ؟ އެމަޔެއްގެ ނުވަތަ ބަފަޔެއްގެ ހިތަށް ކުރާނެ ފުންއަސަރަކާއި މެދު ވިސްނުނުތޯ؟ 9 މަސް ވަންދެން އެ މަންމަޔަކުގެ ނިދި މަހުރޫމުކޮށް އެ އުފުލިވޭން އަޅުގަނޑުމެންނަށް އަދާކުރެވިދާނެތޯ؟ މާދަމާ ތިމާ އޭގެ ތަނަކަށް ފޮނުވާލީމަ ކުރާނީ ކޮން އަސަރެއްތޯ؟

މައިންބަފައިންނަށް ކަމޭނުހިތައި އެމިހުންނަށް ބުރަބަސްބުނެ އަޅާނުލުމަކީ އޭގެ އުޤޫބާތް ދުނިޔެ މަތީގައިވެސް މާތް ރަސްކަލާނގެ އެމީހަކަށް ދައްކަވާނެ ކަމެކެވެ. މަންމަ/ބައްޕަ މުސްކުޅިވެ ނިކަމެތި ވީދުވަހު އަނިޔާކޮށް ހިތުގައި ޖައްސާ އުޅެފައި، މާދަމާ ތިމާގެ ހާލާއި މެދު ވިސްނާލެވެނީ ކިތަށް ކިތަށް ޒުވާނުންނަށްތޯ؟ މިއަދު ތިހައި ރަހުމުކުޑަ ހިތެއްގެ ވެރިއަކަށްވެ، މަންމަ/ބައްޕަ އަށް އަނިޔާކޮށް ހިތުގައި ޖައްސާ ހަދައި އުޅުމުގެ ނަތީޖާ އަކަށް ވާނީ މާދަމާ ތިބާ މުސްކުޅިވާ ދުވަހު ތިބާގެ ދަރިން ތިބާއާއިދޭތެރޭ އެއަށްވުރެން އިހާނެތިކޮށް ހިތުމެވެ.

އޭ ޒުވާނުންނޭ! އަވަށް ތައުބާ ވާށެވެ. ތިބާއަށް މައިންބަފައިންނާއި މެދު ނުބައިކޮށް ކަންތައް ކުރެވިފައިވާނަމަ މާތްﷲ އަށް އަވަހަށް ތަޢުބާވެ މައިންބަފައިންނަށް ހެޔޮކޮށް ހިތުމަށް މިއަދުން ފެށިގެން އަޒުމް ކަނޑައަޅާށެވެ.

ގުޅުންހުރި ލިޔުންތައް
ފަހުގެ އަޕްޑޭޓް
ފަހުގެ އަޕްޑޭޓް