ޔޫއެފާ ޔޫރޯ ކޮލިފިކޭޝަންގައި ރޭ ސްވިޑެންއާއި ދެކޮޅަށް ކުޅުނު މެޗުގައި ރޮޑްރީގޯ ފަހުވަގުތު ޖެހި ލަނޑާއެކު ސްޕެއިން ޔޫރޯ 2020 އަށް ކޮލިފައިވެއްޖެއެވެ.
ފަންސާސް ހާހެއްހާ ސަޕޯޓަރުން ކުރިމަތީ ސްވިޑެންގެ ފްރެންޑްސް އެރީނާގައި ކުޅުވުނު މިމެޗުގެ ރަތަމަ ހާފު ނިމިގެން ގޮސްފައިވަނީ އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހިއެވެ.
އެހެން ނަމަވެސް ދެވަނަ ހާފު ފެއްޓުމާއެކު ސްވިޑެންއިންވަނީ ލަނޑެއް ޖަހައި މެޗުގައި ރަނގަޅު ކުޅުމެއް ދައްކަމުންއައި ސްޕެއިން ސިއްސުވާލާފައެވެ. 50 ވަނަ މިނަޓްގައި ސްވިޑެންގެ މާކަސް ބާގު ޖަހައިދިން މިލަނޑާއެކު މުޅި ސްޓޭޑިއަމްވަނީ އެއް އަޑަކުން ގުގުމާލާފައެވެ.
އެހެންނަމަވެސް ހިތްވަރަށް. ކުޑަވެސް ބަދަލެއް ނައިސް ސްޕެއިންގެ ފޯމް ހިފައްޓައި އެޓީމުންދިޔައީ ސްވިޑެންގެ ގޯލަށް ދިޔައީ ނުރައްކާ ކުރަމުންނެވެ. އަދި ސްޕެއިންއިން ކުރަމުންއައި މަސައްކަތަށް ނިމުމެއް އައީ ބަދަލުކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނުކުތް ރޮޑްރީގޯ މޮރޭނޯ މެޗުގެ އިތުރު ވަގުތުގައި ޖަހައިދިން ލަނޑާއެކުގައެވެ.
ގޯލްކުރިމަތިން ހުރަސްވެގެން ދިޔަ ބޯޅަ އޭރިއާތެރޭ ހުރި ރޮޑްރީގޯ ސްވިޑެންގެ ގޯލްގެ ތެރެއަށް ފޮނުވާލުމާއެކު މެޗުގެ ނަތިޖާ ހަމަހަމަވެގެން ދިޔައެވެ. ރޮޑްރީގޯވަނީ ސްޕެއިން ޖާޒީގައި އެންމެފަހުން ކުޅުނު 7 މެޗުން 4 ލަނޑު ޖަހާފައެވެ.
މިނަތީޖާއާއެކު ދެޓީމު އެއްވަރުވެގެން މެޗު ނިމުނުއިރު، 8 މެޗުން ލިބުނު 20 ޕޮއިންޓާއެކު ސްޕެއިންވަނީ ޔޫރޯ 2020 އަށް ކޮލިފައިވެފައެވެ. ސްޕެއިން އަދިވެސް ކޮލިފައިންގައި ބާކީ ދެމެޗު އެބައޮތެވެ.




