ހދ. ކުރިނބި

ކުރިނބީ ކައުންސިލުން އެމްޑީއެންގެ ރިޕޯޓް ކުއްވެރިކޮށްފި

މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން) އިން މާތްވެގެންވާ އިސްލާމްދީނަށް ފުރައްސާރަކޮށް, ކީރިތި ޤުރުއާނަށާއި މާތް ނަބިއްޔާއަށް އިހާނެތި ބަސް ބުނެ ނެރެފައިވާ ރިޕޯޓް، ހދ. ކުރިނބީ ކައުންސިލުން ކުއްވެރިކޮށްފިއެވެ.

ކުރިނބީ ކައުންސިލުން މިއަދު ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން) އިން "ޕްރިލިމިނަރީ އެސެސްމަންޓް އޮން ރެޑިކަލައިޒޭޝަން އިން ދަ މޯލްޑިވްސް" ގެ ނަމުގައި އާންމުކުރި ރިޕޯޓުގައި އިސްލާމް ދީނަށާއި މާތް ނަބިއްޔާއަށް ވަރަށް ބޮޑަށް ފުރައްސާރަކޮށްފައިވާތީ، އެކަން ކުރިނބީގެ ރައްޔިތުންނާއި، އެކައުންސިލުން ކުއްވެރި ކުރާކަމަށެވެ.

ކުރިނބީ ކައުންސިލުން ބުނެފައިވަނީ އެ ރަށުގެ ރައްޔިތުންނާއި އެ ކައުންސިލުން ދެކޭ ގޮތުގައި، މި އަމަލަކީ އެ ޖަމިއްޔާއިން ހިނގި ވަރަށް ދަށު ދަރަޖައިގެ އަމަލެއްކަމުގައެވެ.

މި އަމަލަކީ ދިވެހިރާއްޖޭގެ ޤާނޫނު އަސާސީގެ 27 ވަނަ މާއްދާއާއި، ޤާނޫނު ނަންބަރު 2003/1 (ޖަމިއްޔާތަކާބެހޭ ޤާނޫނޫ)ގެ 19 އަދި 20 ވަނަ މާއްދާއާއި، ޤާނޫނު ނަންބަރު 94/6 (ދިވެހިރައްޔިތުންގެ ދީނީ އެއްބައިވަންތަކަން ހިމާޔަތް ކުރުމުގެ ޤާނޫނު)ގެ 4 ވަނަ މާއްދާ އަދި ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތުގެ 617 ވަނަ މާއްދާއާއި ޚިލާފު އަމަލެއްކަމުގައި އެކައުންސިލުން ވަނީ ބުނެފައެވެ.

މީގެ އިތުރުން މި ކުށްތަކަށް ދަޢުވާ އުފުލަންޖެހޭ އެންމެހާ ފަރާތްތަކާއި މެދު ލަސްނުކޮށް ފިޔަވަޅު އެޅުމަށާއި، މިފަދަ އަމަލުތައް ތަކުރާރުވިޔަ ނުދިނުމަށް އަޅަންޖެހޭ އެންމެހާ ފިޔަވަޅުތައް އެޅުމަށް ދަޢުލަތުގެ ތިން ބާރަށާއި، އެންމެހާ މުވައްސަސާތަކަށް އެކައުންސިލުން ވަނީ ގޮވާލައްވާފައެވެ.

ހަމައެހެންމެ، އިސްލާމްދީނުގެ އެއްވެސް ކަމަކަށް ފުރައްސާރަ ނުކުރުމަށާއި، އެފަދަ ލިޔުންތައް ނުލިޔުމަށާއި މުޖުތަމަޢުގެ މަސްލަހަތު ގެއްލޭފަދަ އެއްވެސް އަމަލެއް ނުކުރުމަށް އެންމެހާ ފަރާތްތަކަށް އިލްތިމާސް ކުރާ ކަމުގައި ކުރިނބި ކައުންސިލްގެ ބަޔާނުގައި ބުނެފައިވެއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ