މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން އައްޑޫ ސިޓީގައި މަސްތުވާތަކެތީގެ ދެ އޮޕަރޭޝަނެއް ހިންގައި މީހަކު ހައްޔަރުކޮށްފިއެވެ.
ވައިގެ މަގުން އައްޑޫ ސިޓީ ގަމަށް މަސްތުވާތަކެތި ގެންދާ ކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާއި ގުޅިގެން ގަން ޕޮލިސް ސްޓޭޝަނާއި އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވަނީ 20 އަހަރުގެ މީހަކެވެ.
"އޮކްޓޯބަރ 16 ވަނަ ދުވަހުގެ ރޭ 01:00 އެހައިކަންހާއިރު ހިންގި މިއޮޕަރޭޝަންގައި، ގަން އެއަރޕޯޓުން އޭނާ ހުއްޓުވައި ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ޖޫސްޕެޓީ ކޮތަޅެއް ފެނިފައިވޭ." ފުލުހުން ވިދާޅުވިއެވެ.
ފުލުހުން ވިދާޅުވީ، މިމައްސަލައިގައި ހައްޔަރުކޮށްފައިވާ މީހާގެ ބަންދާމެދު ގޮތެއް ނިންމުމަށް އައްޑޫ ސިޓީ މަރަދޫ ފޭދޫ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން، މިނިސްޓްރީ އޮފް ހޯމްއެފެއާޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބެހެއްޓުމަށް 10 ދުވަހުގެ މުއްދަތު ދީފައިވާ ކަމަށެވެ.
މީގެ އިތުރުން ހުޅުމީދުއާއި ފޭދުއާއި ދެމެދު ދަތުރުކުރާ ފެރީ އަކުން ހުޅުމީދުއަށް މަސްތުވާތަކެތި ގެންދާކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން، ހުޅުމީދޫ ޕޮލިސް ސްޓޭޝަނާއި އިންޓެލިޖެންސް ގުޅިގެން އޮކްޓޯބަރ 18 ވަނަ ދުވަހު ހިންގި އޮޕަރޭޝަނެއްގައި، އެ ފެރީ ބަލައިފާސްކުރި އިރު އެ ފެރީގައި ހުރި ފޮށިގަނޑެއްގެ ތެރެއިން މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ޖޫސް ޕެޓީ ކޮތަޅެއް ފެނިފައިވާކަމަށް ފުލުހުން ވިދާޅުވިއެވެ.
ފުލުހުން ވިދާޅުވީ، މިމައްސަލައިގެ ތުހުމަތުގައި މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައެއް ނުވާއިރު، މި ދެ މައްސަލަވެސް ފުލުހުން އިތުރަށް ތަޙުޤީޤު ކުރަމުންދާ ކަމަށެވެ.




