މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) މައްސަލާގައި ހިމެނޭ އެއްވެސް މީހަކު ސިއްރު ނުކުރާނެކަމަށާއި، ހުރިހާ އެންމެންވެސް ހާމަކުރާނެކަމަށް ދާންދޫ ދާއިރާގެ މެމްބަރު ޔައުޤޫބު ޢަބްދުﷲ ވިދާޅުވެއްޖެއެވެ.
ޔައުޤޫބު މިހެން ވިދާޅުވެފައިވާއިރު އެމްއެމްޕީއާރްސީގެ ހިޔާނާތާއި ގުޅުންހުރި ފަރާތްތައް މި ސަރުކާރުގެ ވަޒީރުންގެ ތެރޭގައި ހިމެނޭކަމަށް ޕްރޮސިކިއުޓާ ޖެނެރަލް އައިޝަތު ބިޝާމް މިއަދު ބޭއްވި މާލިއްޔަތު ކޮމެޓީގެ ބައްދަލުވުމުގައި ވިދާޅުވެފައިވަނިކޮށެވެ.
މިއަދުގެ ކޮމިޓީ ބައްދަލުވުން ވަކި ހިސާބަކުން ސިއްރުކޮށްފައިވާއިރު، ކޮމިޓީ ސިއްރުކުރަން ތާއީދުކުރި މެމްބަރުންގެ ތެރޭގައި ޔައުޤޫބު ވެސް ހިމެނިވަޑައިގަންނަވައެވެ.
މިބައްދަލުވުން ސިއްރުކުރުމާއި ގުޅިގެން ކަންކަން ފޮރުވަން މަސައްކަތްކުރާ ކަމަށް ބުނެ ބައެއް ފަރާތްތަކުން ސޯޝަލް މީޑިޔާގައި ނުރުހުން ފާޅުކުރަމުންދާ މިދަނޑިވަޅުގައި ޔައުޤޫބު ވިދާޅުވީ، ސިއްރުކުރަން ހުށަހެޅީ އެމްއެމްޕީއާރްސީގެ ވައްކަމުގައި ތުޙުމަތު ކުރެވޭ ފަރާތްތަކުގެ ނަންތައް ނޫން ކަމަށާއި އެހެންނަމަވެސް އެމައްސަލައާ ބެހޭ މުހިއްމު މަޢުލޫމާތުތައް ކަމަށެވެ.
އެމްއެމްޕީއާރްސީގެ ޚިޔާނާތަކީ މިފަހުގެ ތާރީހެއްގައި ރާއްޖޭގައި ހިނގާދިޔަ އެންމެ ބޮޑު ޚިޔާނާތެވެ. ޔާމިނުގެ ވެރިކަމުގައި ހިނގާދިޔަ މިޚިޔާނާތާއި ގުޅިގެން އޭސީސީން އާއްމުކުރި އެ ކޮމިޝަނުގެ ތަހުގީގު ރިޕޯޓުގައިވާ ގޮތުން އެމްއެމްޕީއާރުސީން ނުއަގުގައި ދޫކުރި ރަށްތަކުގެ އެކުއިޒިޝަން ފީގެ ގޮތުގައި ދައުލަތަށް 77 މިލިއަން ޑޮލަރު ލިބެން ޖެހޭއިރު، ލިބިފައިވަނީ އެންމެ 12 މިލިއަން ޑޮލަރެވެ.



