ކަނޑުގައި ދުއްވާ އުޅަނދުތައް އޮންނަ ސަރަހައްދު ބެލޭނެ ޑިވައިސްތައް ސަރުކާރަށް ސަޕްލައި ކޮށްދޭނެ ފަރާތެއް ހޯދަން ފިނޭންސް މިނިސްޓްރީން އިއުލަން ކޮށްފިއެވެ.
ފިނޭންސް މިނިސްޓްރީން އިއުލާން ކޮށްފައި ވަނީ އުޅަނދުތައް އޮންނަ ސަރަހައްދާއި ސެޓްލައިޓް މެދުވެރިކޮށް މުއާމަލާތް ކުރެވޭނެ ޚިދުމަތް ލިބޭނެ ޑިވައިސް ސަޕްލައިކޮށްދީ، އުޅަނދުތަކުގައި ހަރުކޮށް ހަތަރު އަހަރު ދުވަހަށް އެތަކެތި މަރާމާތުކޮށް ބަލަހައްޓައިދޭނެ ފަރާތެއް ހޯދާށެވެ.
723 އުޅަނދުގައި ޑިވައިސް ހަރުކޮށްދޭން ޝައުގުވެރިވެލައްވާ ފަރާތްތަކުން އަންނަ އޭޕްރިލް މަހުގެ 10 ވަނަ ދުވަހުގެ ކުރިން ފިނޭންސް މިނިސްޓްރީގައި ރަޖިސްޓްރީން ވާން ޖެހޭނެ ކަމަށާއި، ބިޑް ހުށަހެޅުން އޮންނާނީ އޭޕްރިލް މަހުގެ 11 ވަނަ ދުވަހު ކަމަށް ފިނޭންސް މިނިސްޓްރީގެ އިއުލާނުގައި ވިދާޅުވެފައިވެއެވެ.
ފިނޭންސް މިނިސްޓްރީން ކުރި އިއުލާނެއްގައި ވިދާޅުވީ ފިޝަރީޒް މިނިސްޓްރީ އާއި ވޯލްޑް ބޭންކް ގުޅިގެން ކުރިއަށް ގެންދާ މި ޕްރޮޖެކްޓަށް ޚަރަދު ކުރާނީ ވޯލްޑް ބޭންކުން ކަމަށެވެ.
ރާއްޖޭގެ އުޅަނދުތަކުގައި މިފަދަ ޑިވައިސްއެއް ހަރުކުރުން ވެގެންދާނީ ސަލާމަތާއި ރައްކާތެރިކަމަށް އެޅޭ މުހިންމު ފިޔަވަޅަކަށެވެ. އަދި ހާދިސާތަކުގައި އުޅަނދު އޮންނަ ތަން ބެލުމަށް ބޮޑު ލުއި ފަސޭހައަކަށް ވެގެންދާނެއެވެ.